ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އޮފީސް ފުލުހުން ބަލެހެއްޓުން ނިމުމަކަށް ގެނެސްފައިވާ ކަމަށާއި އެ އޮފީސް ފުލުހުން ބަލައްޓަމުން ގެންދިޔައީ އޮފީހާ ހަވާލުވާނެ ބަޔަކު ނެތުމުން ކަމަށް ފުލުހުން އަންގާފައިވާ ކަމަށް ރައީސް މައުމޫންގެ ފެކްޝަނުން ބުނެފި އެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން ރައީސް މައުމޫން ފެކްޝަންގެ ސެކްރެޓަރީ ޖެނަރަލް އަބްދުލް އަލީމް ވިދާޅުވީ ބުދަ ދުވަހު މެންދުރުގެ ވަގުތެއްގައި ފުލުހުންގެ އޮފިސަރަކު އޭނާ އަށް ގުޅާ އޮފިހާ ހަވާލުވާން ނައިސް ތިބި ސަބަބާ ބެހޭ ގޮތުން ސުވާލު ކުރި ކަމަށެވެ. އަދި އޮފީހާ ހަވާލުވުމަށް އައުމަށް ފުލުހުން އެދުނު ކަމަށް އަލީމް ވިދާޅުވިއެވެ.
އަލީމް ވިދާޅުވީ އޮފީހާ ހަވާލުވުމަށް އައުމަށް ފުލުހުން އެދުމުން ކޯޓް އަމުރެއްގެ ދަށުން އޮފީހުގެ ތަޅު ހަލާކުކޮށްލާ އަދި ފުލުހުން އޮފީސް ބަލަހައްޓަމުން ދިޔަ ސަބަބު ލިޔުމުން ދިނުމަށް އެދުނު ކަމަށެވެ. ނަމަވެސް ކޯޓް އަމުރާ ގުޅިގެން ކުރާ ކަންތައްތަކާ ގުޅޭ ގޮތުން ލިޔުމުން ޖަވާބު ދެވެން ނޯންނަ ކަމަށް ފުލުހުންގެ އޮފިސަރު ވިދާޅުވި ކަމަށް އަލީމް ވިދާޅުވިއެވެ.
އަލީމް ވިދާޅުވީ ރައީސް މައުމޫން ފެކްޝަނުން އެދުނު ޖަވާބް ފުލުހުން ނުދީ ބުދަ ދުވަހުގެ ރެއިން ފެށިގެން ފުލުހުން އެ އޮފީސް ބަލަހައްޓަމުން ނުދާނެ ކަމަށް އަންގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޮފީހާ ހަވާލުވުމަށް އައުމަށް ފުލުހުން އެދުނު ނަމަވެސް އޮފީހާ ހަވާލުވާން ނުދާ ކަމަށާއި އަދި ތަޅުހަލާކު ކޮށްގެން ފުލުހުން އޮފީހަށް ވަތް މައްސަލައާ މެދު ގޮތެއް ނުނިމެނީސް އެ އޮފީހާ ހަވާލު ނުވާނެ ކަމަށް އަލީމް ވިދާޅުވި އެވެ.
މިކަމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ހޯދުމަށް ގުޅި ނަމަވެސް މި މައްސަލާގައި ފުލުހުން ވަކިޖަވާބެއް ދީފައެއް ނުވެއެވެ. އެގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައުލޫމާތު ސާފު ކުރުމަށް ފަހު ވަކިއެއްޗެއް ހާމަކުރާނެ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ޕީޕީއެމްގެ ރައީސް މައުމޫންގެ އޮފީސް ގެންދިޔައީ ސިވިލް ކޯޓުގެ ހުކުމާ ހިލާފަށް ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހަށް ހަދާ އަދި ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުން ކުރަމުންދާ މައްސަލައިގައި ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރަކާ ގުޅިގެންނެވެ.