ކޮވިޑް-19ގެ ޙާލަތާއި ގުޅިގެން ސްރީލަންކާ ސަރުކާރުން އިޢުލާނުކުރި ކާފިއުގެ ޢަމުރާއި ޚިލާފު ވެގެން މިހާނަތަށް 61،000ށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެޤައުމުގެ ފުލުހުންގެ އިދާރާއިން ހާމަކޮށްފި އެވެ.
ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ ސްރީލަންކާ ސަރުކާރުން ކާފިއުގެ ޢަމުރު ހިންގަން ފެށިތާ ދެމަސްވެފައިވާއިރު، ބުދަ ދުވަހާއި ހަމަޔަށް މި އަމުރާއި ޚިލާފު ވެގެން 61،093 (ފަސްދޮލަސް އެއްހާސް ނުވަދިހަ ތިނެއް) މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. މަރޗް މަހުގެ 20 ވަނަ ދުވަހު އިޢުލާނުކުރު ކާފިއުގެ އަމުރުގެ މުއްދަތު ބުދަ ދުވަހުގެ ހަވީރު 06:00ގައި ވަނީ ހަމަވެފަ އެވެ.
ފުލުހުންގެ އިދާރާއިން ހާމަކުރާ ގޮތުގައި ކާފިއުގެ އަމުރާއި ޚިލާފު ވެގެން ހައްޔަރު ކުރި މީހުންގެ ތެރެއިން 17،949 (ސަތާރަހާސް ހުވަ ސަތޭކަ ސާޅީސް ނުވައެއް) މީހުން ގެ މައްސަލަ ވަނީ ކޯޓު މަރުޙަލާ ގައެވެ. އޭގެ ތެރެއިން 6،706 (ހަހާސް ހަތް ސަތޭކަ ހަޔެއް) މީހުންނަށް ޙުކުމް އިއްވާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ސްރީލަންކާ ފުލުހުންގެ އިދާރާގެ މީީޑިއާ ސެކްޝަނުން ބުދަ ދުވަހުގެ ރޭ ޢާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، ކާފިއު ހިންގި ދެމަސް ދުވަހުގެ ތެރޭގައި ހުއްދަނެތި ދަތުރުކުރި 17،172 (ސަތާރަހަސް ސަތޭކަ ހަތްދިހަ ދޭއް) އުޅަނދެއްވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.
ފުލުހުންގެ މަޢުލޫމާތުތަކަށް ބަލާއިރު ބުދަ ދުވަހު އެކަނިވެސް ކާފިއުގެ ޢަމުރާއި ޚިލާފު ވެގެން 668 މީހުން ހައްޔަރުކޮށް، 248 އުޅަނދެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ.