ސިވިލް ކޯޓުގެ ހުކުމަކުން ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައި ވަނިކޮށް، ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް ޕީޕީއެމްގެ ރައީސް މައުމޫން ފެކްޝަންގެ ސެކްޓްރީ ޖެނަރަލް އަބްދުލް އަލީމް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ބުނެ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ޖަވާބުދާރީވުމުގެ ފުރުސަތު އަލީމަށް ދީފިއެވެ.
މައްސަލަ އަށް ޖަވާބުދާރީވުމުގެ ފުރުސަތު އަލީމަށް ދީފައި ވަނީ ބުދަ ދުވަހު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑު އެހުމުގައެވެ. އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ދެން އޮންނާނީ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައެވެ.
ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ފެކްޝަނުގައި ހިމެނިވަޑައިގަންނަވާ އަލީމަށް ސިވިލް ކޯޓުންކުރި ދައުވާގައި ވަނީ "އެ މައްސަލަ އަކީ ޕީޕީއެމާ ގުޅޭ ގޮތުން މީގެ ކުރިން އެ ކޯޓުންކޮށްފައިވާ ހުކުމަށް ތަބާވުމެއް ނެތި، އަދިކިޔަމަންވުމެއް ނެތި، އެ ހުކުމާއި ޚިލާފުވާގޮތަށް ޕީޕީއެމްގެ ނަމުގައި ވަކި ކައުންސިލަކާއި ސުލޫކީ ކޮމެޓީއެއް ހިންގައި އެ ޕާޓީގެ މެމްބަރުން ވަކިކޮށްހަދާފައި ވަނީ ކޯޓުގެ ހުކުމަކީ އެއަށް މީސްތަކުން ތަބާވާން ނުޖެހޭ އެއްޗެއްކަމަށް ބެލެވޭ ބެލެވުން" ކަމުގައެވެ.
މި މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސް ގާޒީ ޢަބްދުﷲ ޢަލީ އާއި ގާޒީ މުހައްމަދު ހަލީމާއި ގާޒީ ހަސަން ފަހީމް އިބްރާހީމާއި ގާޒީ ޢަލީ ނަސީރެވެ.
އަލީމްގެ މައްޗަށް ތުހުމަތުކުރާ އިންކާރު ކުރައްވާފައިވާ އިރު، ފަނޑިޔާރުން ވަނީ ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.
އޭގެ ތެރޭގައި މާޗް މަހުގެ 29 ވަނަ ދުވަހު "މިހާރު" ނޫހުގައި ލިޔުނު ޚަބަރަކަށް މަޢުލޫމާތު ދިނިންތޯ އާއި ކޮންގްރެސް އިން ކައުންސިލްގެ މެމްބަރުން އިންތިޚާބުކުރި އިރު ސެކްރެޓަރީ ޖެނެރަލްކަމުގައި ހުންނެވީ ކޮންބޭފުޅެއްތޯ ވަނީ ސުވާލު ކުރައްވާފައެވެ. އަދި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާންހުސައިން މަނިކު ޕީޕީއެމް އިން ވަކިކުރީ ކޮން ބައެއްތޯ އާއި އެއީ ކޮން ނިޔަތެއްގައި ކުރި ކަމެއްތޯ އާއި ކޮން އެޖެންޑާއެއްގެ ދަށުން ކުރި ކަމެއްތޯވެސް ފަނޑިޔާރުން ވަނީ ސުވާލު ކުރައްވާފައެވެ.
އަލީމް ދެކެވަޑައިގަންނަވާގޮތުގައި ސިވިލް ކޯޓުން ކުރި ހުކުމަށް ބަލާއިރު ޕީޕީއެމް އަކީ ކޮބައިތޯ އާއި ފަނޑިޔާރުން އެއްސެވުމުން ޖަވާބުގައި އަލީމު ވިދާޅުވީ އެ ހުކުމްގައި ބުނާ ޕީޕީއެމް އަކީ ހަމަ ޕީޕީއެމް ކަމަށެވެ. ދެން އޮންނަ އަޑުއެހުމެއްގައި އެ ސުވާލުތަކަށް ޖަވާބު ދިނުމަށް ފަނޑިޔާރުންގެ ބެންޗުން އަލީމަށް އަންގަވާފައި ވާއިރު، ސިވިލް ކޯޓުން ވަނީ އެ މައްސަލައިގެ ހުރިހާ ލިޔުންތައް ވެސް އަލީމްއާ ހިއްސާ ކުރައްވައިފަ އެވެ.
އަލީމް މިއަދު ކޯޓަށް ހާޒިރުކުރެއްވިއިރު، ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ އަލީމުގެ ހިތްވަރަށް ސާބަސް ރައްދުކުރައްވައިފަ އެވެ.
@AbdulAleemAdam ge hiyvaraa saabithu kamah hama saabas! Emme furathama qawmu!
— Maumoon Abdul Gayoom (@maumoonagayoom) April 5, 2017