ބްރެޒިލްގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހޭ ގައުމަށް ފުރުސަތު ބޮޑުވެއްޖެ އެވެ.
ބުދަ ދުވަހު އެކަނިވެސް އެގައުމުން އަލަށް 20،000 މީހުންނަށް ވުރެ ވައިރަސް ޖެހިފައިވާއިރު އެދުވަހު އެކަނި މަރުވި މީހުންގެ އަދަދު 888 ށް އަރައެވެ. ބުދަ ދުވަހު އެގައުމުން އަލަށް 21,472 މީހުންނަށް ވައިރަސް ޖެހިފައިވެއެވެ.
ބްރެޒިލްގެ ހާލަތު މިގޮތަށްދާނަމަ މިހާރު ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުންދާ ރަޝިޔާއަށް ވުރެން މައްޗަށް ގޮސް ދެ ވަނަ އަށް ދިޔުމުގެ ފުރުސަތު ބޮޑު ކަމަށް މާހިރުން ބުނެއެވެ. ރަޝިޔާގައި މިވަގުތު ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަނީ 308,705 (ތިން ލައްކަ އަށް ހާސް ހަތް ސަތޭކަ ފަސް) މީހުންނަށެވެ. މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެގައުމުގައި އަލަށް ވައިރަސް ޖެހޭ މީހުންގެ އަދަދު ދިހަ ހާހަށް ވުރެ ދަށް ކަމަށާއި ވައިރަސް ކޮންޓްރޯލް ކުރެވެން ފަށާފައިވާކަމަށް ރަޝިޔާގެ ސިއްހީ އޮފިޝަލުން ބުނެ އެވެ.
ބްރެޒިލްގައި މިވަގުތު ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ އަދަދަކީ 293,357 ( ދެ ލައްކަ ނުވަދިހަ ތިން ހާސް ތިން ސަތޭކަ ފަންސާސް ހަތް) އެވެ. ހޯމަ ދުވަހު ބްރެޒިލް ވަނީ ދުނިޔޭގައި ތިން ވަނައަށް އެންމެ ގިނަ އަދަދެއްގެ މީހުންނަށް ވައިރަސް ޖެހިގެން ރިޕޯޓްކުރަމުން އަންނަ ގައުމަށްވެފަ އެވެ. އެއީ އިނގިރޭސި ވިލާތް ފަހަތަށް ޖައްސާލުމަށްފަހު އެވެ.
ބްރެޒިލްގައި ހަލުވިކަމާއެކު ވައިރަސް ފެތުރެމުން ދާއިރު ވައިރަސް ކޮންޓްރޯލް ކުރުމުގައި ގެންގުޅޭ އުސޫލުތަކުގެ ސަބަބުން ބްރެޒިލްގެ ރައީސް ޖައި ބޮލްސޮނާރޯ އަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފަ އެވެ. އިޖުތިމާޢީ ގައިދުރުކަން ފަދަ ވައިރަސް ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅު ތަކާމެދު ބޮލްސޮނާރޯ ގެންދަވަނީ ފާޅުގައި ގޮންޖައްސަވަމުންނެވެ. އަދި އެގައުމުގެ އިގްތިޞާދު ހުޅުވާލުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.
އަދި ކޮވިޑް-19 ޖެހިފައިވާ މީހުންނަށް ބޭހެއްގެ ގޮތުގައި ދުނިޔޭގެ ބައެއް ގައުމުތަކުގައި ބޭނުންކުރާ މެލޭރިއާ ބޭސް ބޭނުންކުރުމަށް އެންމެ ބޮޑަށް ބާރުއަޅުއްވާ ވެރިންގެ ތެރޭގައިވެސް ބޮލްސޮނާރޯ ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް އެބޭސް ބޭނުން ކުރުމުގައި ދިމާވާނެ ސިއްހީ މައްސަލަތަކާމެދު ސިއްހީ މާހިރުން ގެންދަވަނީ ތަކުރާރުކޮށް ވާހަކަ ދައްކަ ވަމުންނެވެ.
ބުދަ ދުވަހު ބްރެޒިލްގެ ހެލްތު މިނިސްޓްރީން ވަނީ އެންޓި މެލޭރިއާ ބޭސް ވައިރަސްގެ އަސަރު ކުޑަކޮށްފައިވާ މީހުންނަށް ބޭނުންކުރުމާ މެދު އައު އުސޫލެއް އެކުލަވާލާފަ އެވެ.
ކުރިންވެސް އެކުލަވާލާފައިވާ މިއުސޫލަށް ބަދަލުތަކެއް ގެނައުމަށްފަހު މިއުސޫލަށް އަމަލުކުރުމަށް އުސޫލު ނެރުއްވީ ވަގުތީ ގޮތުން ހެލްތު މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ އެޑްވޯރޑޯ ޕަޒުއްލޯ އެވެ. މީގެކުރިން އެންޓި މެލޭރިއާ ބޭސް ބޭނުންކުރުން ޕްރޮމޯޓް ކުރުމަށް އުޅުނު ދެ ޑޮކްޓަރުންނަށް ވަނީ ޕްރެޝަރާ ހެދި ވަޒީފާ އިން އަމިއްލައަށް ވަކިވެފަ އެވެ.
ބްރެޒިލްގެ ހެލްތު ރެގިޔުލޭޓަރ ގެ ކުރީގެ ރައީސް ގޮންޒާލޯ ނިޓޯ ވިދާޅުވާ ގޮތުން އަލަށް މިއެކުލަވާލި އުސޫލާއެކު ވާ ފައިދާ އަށްވުރެ ބޮޑަށް ވާނީ ގެއްލުމެވެ. މި ބޭހުގެ ސަބަބުން ދިމާވާ އެހެނިހެން މައްސަލަތައް ގިނަ ކަމަށް ސިއްހީ އޮފިޝަލުން ގެންދަވަނީ ވިދާޅުވަމުންނެވެ. ގޮންޒާލޯ ވިދާޅުވީ މި ބޭހުން ވައިރަސް އިން ފަސޭހަ ވާކަމެއް ހޯދިފައިނުވާ ކަމަށެވެ.