ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއަށް ނިސްބަތް ކުރައްވައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު، ދެއްކި ވާހަކަ ޓީވީއެމްއާ އަދި ޗެނަލް 13 އިން ވަގުތުން ދުރަށް ދެއްކި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހަޅައިފި އެވެ.
ބްރޯޑްކޮމް އަށް މައްސަލަ ހުށަހެޅި ސަބަބާ ބެހޭ ގޮތުން އުމަރު ނަސީރު ވިދާޅުވީ އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި މީހެއްގެ އަބުރާ ބެހޭ ވާހަކައެއް ހިމެނޭ އެއްވެސް އިވެންޓެއް ޓީވީއަކުން ވަގުތުން ދުރަށް ފޮނުވާނަމަ އެ އިވެންޓެއް މެދުކަނޑާލުމަކީ އެ ޓީވީ ޗެނަލްއަކުން ކުރަން ޖެހޭނެ ކަމެއް ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ފަލާހު އޭނާގެ އަބުރާ ބެހި ދެއްކި ވާހަކަތައް ޓވީއެމްއާއި ޗެނަލް 13 އިން ވަގުތުން ދުރަށް ދެއްކިއިރު އަޑު ކަނޑާލާފައި ނުވާކަން އުމުރު ފާހަގަކުރެއްވި އެވެ.
އުމުރު މި މައްސަލަ ބްރޯޑްކޮމް އަށް ހުށަހަޅާފައިވާއިރު ފަލާހުގެ މައްޗަށް އަބުރުގެ ދައުވާކޮށް މައްސަލަ ބަލައި ދިނުަމަށް ފުލުހުންގެ އިދާރާ އަށް ވެސް ވަނީ ހުށަހަޅާފައެވެ.
ޕޮލިސް ކޮމިޝަނަރަށް އެޑްރެސް ކުރައްވާ އުމަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ޓީވީ މޯލްޑިވްސްއާއި ޗެނަލް 13 އިން ވަގުތުން ދައްކަމުން ދިޔަ ޖަލްސާގައި ރައްޔިތުންގެ މަޖިލިސް މެމްބަރު އިބްރާހިމް ފަލާޙް ވަރަށް ސަރީޙަ ބަހުން އޭނާއަށް "ވަގަށް" ގޮވައި އަބުރަށް އަރާވަޑައިގަންނަވާފައިވާ ކަމަށް ވިދާޅުވެފައިވެ އެވެ.
އަބުރު ރައްކާތެރިކޮށްދިނުމާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ހައްގު ކަށަވަރުކޮށްދޭތީ އެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަލާހުގެ މައްސަލަ ފުލުހަށް ހުށަހަޅާ ކަމަށް އުމަރު ސިޓީގައި ވިދާޅުވެފައިވެ އެވެ. މި މައްސަލައިގައި ފަލާހުގެ މައްޗަށް ދައުވާކޮށް ދިނުމަށް، މައްސަލަ ޕީޖީ އޮފީހަށް ފޮނުވައި ދެއްވުމަށްވެސް އުމަރު އެދިވަޑައިގެންފައިވެ އެވެ.
އުމަރު ތުހުމަތު ކުރެއްވީ ފަލާހު ދެއްކެވި ވާހަކަތަކަކީ އަބުރުގެ ޤާނޫނުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ފަދަ ސާބިތު ނުހިފޭ ދޮގު ވާހަަކައެއް ކަމަށެވެ. ރާއްޖޭގެ އެއްވެސް މުއައްސަސާއަކުން އޭނާގެ މައްޗަށް ވައްކަން ފަދަ ކުށެއް ސާބިތު ވެފައި ނުވާ ކަމަށް އުމަރު ވިދާޅުވެފައިވެ އެވެ. އަދި މިނިވަން 50ގެ އެއްވެސް މަސައްކަތެއް އޭނާގެ ހިއްސާއެއް އޮތް ކުންފުންޏަކަށް ނުވަތަ އޭނާގެ އަނބިކަނބަލުންނާއި ދަރިއެއްގެ ހިއްސާއެއް އޮތް ކުންފުންޏަކަށް ވެސް ހަވާލުކޮށްފައި ނުވާއިރު މިނިސްޓަރކަމުގައި ހުންނެވި ދުވަސްވަރު އެފަދަ ކުންފުންޏަކުން އެމިނިސްޓްރީގެ އެއްވެސް މަސައްކަތަކަށް ބިޑް ކޮށްފައި ނުވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.
ޕީޕީއެމްއަށް އަލަށް ގުޅިވަޑައިގެންނެވި މެމްބަރުންގެ ފޯމް ހަވާލުކުރުމަށް އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވެފައިވަނީ މިނިވަން 50 އާ ގުޅިގެން އުމަރު ނަސީރު ކުދި ކުދި ކުންފުނިތައް ހަދާފައި އެބަހުރި ކަމަށާއި އުމަރު ނަސީރު ކޯޓަށް ވަޑައިގެންނެވި ނަމަވެސް އެކަން ސާބިތުކޮށްދެއްވާނެ ކަމަށެވެ. ކޮރަޕްޝަނުގެ ވާހަކަ އެހެން މީހުންނާއި ދިމާލަށް އުމަރު ނަސީރު ދައްކަވާއިރު ވައްކަން ކޮށްފައި ވަގަށް ގޮވަނީ އެހެން މީހުންނާއި ދިމާލަށް ކަމަށް ފަލާޙް ވިދާޅުވެފައިވެ އެވެ.
"...ދެން ބައްލަވާ އުމަރު ނަސީރު، އެއްޗެއް ވިދާޅެއް ނުވާނެ. ތިބޭފުޅުން ބައްލަވާ މިނިވަން 50 ގަ ކުދިކުދި ކުންފުނި ހަދާފަ އެ ހުރީ 10 ދުވަހަށް، 15 ދުވަހަށް. އެކަމަކު ކޮރަޕްޝަންގެ ވާހަކަ އެހެން މީހުންނާ ދިމާއަށް މިދައްކަނީ. އުމަރު އަޅެ ކޯޓަށް ދޭބަލަ، އަޅުގަނޑު ގޮވައިގެން. އަޅުގަނޑު ސާބިތުކޮށްދޭނަން. ނުދާނެ ކޯޓަކަށް. ނުދާނެ. ވައްކަން ކޮށްކޮށްފައި މި ވަގަށް ގޮވަނީ އެހެން މީހުންނާ ދިމާއަށް، މިއީ ވަރަށް ދެރަ ކަމެއް، ވަރަށް ނިކަމެތި ކަމެއް،" ފަލާހު ވިދާޅުވި އެވެ.