ކ. މާލެ
|
20 މެއި 2020 | ބުދަ 22:37
ސިންގަޕޫރުގެ ސުޕްރީމް ކޯޓް- އެ ޤައުމުން މަސްތުވާތަކެތީގެ މައްސަލަ ތަކުގައި ގެންގުޅެނީ ޒީރޯ ޓޮލެރެންސް ޕޮލިސީއެއް
ސިންގަޕޫރުގެ ސުޕްރީމް ކޯޓް- އެ ޤައުމުން މަސްތުވާތަކެތީގެ މައްސަލަ ތަކުގައި ގެންގުޅެނީ ޒީރޯ ޓޮލެރެންސް ޕޮލިސީއެއް
ރޮއިޓަރސް
ކޮވިޑް-19 ސިންގަޕޫރުގެ ޙާލަތު
ސިންގަޕޫރުގައި މަރުގެ ޙުކުމް އިއްވީ "ޒޫމް" ވީޑިއޯ ކޯލަކުން!
ޙުކުމް ކޮށްފައިވަނީ އޭނާގެ މައްޗަށް ސާބިތުވެފައިވާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން
މިވަގުތު ކުރިއަށް ގެންދަނީ ކޮންމެހެން ކުރިއަށް ގެންދަންޖެހޭ މުހިއްމު އަޑުއެހުންތައް
2013 ވަނަ އަހަރުވެސް އެފަދަ ކުށްތަކުގައި 18 މީހަކަށް މަރުގެ ޙުކުމް އިއްވާފައިވޭ

ކޮވިޑް-19 އާ ގުޅިގެން ސިންގަޕޫރުގައި 'ލޮކްޑައުން' އިއުލާނު ކޮށްފައިވާއިރު، ކޯޓުތަކުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން "ޒޫމް ވީޑިއޯ ކޯލް" އަކުން މީހެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފި އެވެ.

ހުކުރު ދުވަހު އުމުރުން 37 އަހަރުގެ ޕުނިތަން ގެނަސަންގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައިވަނީ އޭނާގެ މައްޗަށް ސާބިތުވެފައިވާ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެންނެވެ. އަދި މިއީ ޖިނާއީ ކުށެއްގައި މިފަދަ ގޮތަކަށް ޙުކުމް އިއްވި ފުރަތަމަ ފަހަރުކަމަށް ރިޕޯޓުކޮށްފައި ވެއެވެ.

ޕުނިތަންގެ ޤާނޫނީ ވަކީލާ ޙަވާލާދީ ބީބީސީގައި ރިޕޯޓު ކޮށްފައިވާ ގޮތުން އޭނާ މިހާރު ދަނީ މި ޙުކުމް އިސްތިއުނާފު ކުރުމަށް ތައްޔާރުވަމުންނެވެ. ޕުނިތަންގެ މައްޗަށް ދައުވާ ކޮށްފައިވަނީ 2011 ވަނަ އަހަރު އެ ޤައުމުގައި ހިންގި ބޮޑު ޑްރަގް އޮޕަރޭޝަނެއްގެ އެންމެ އިސް ރޯލެއް އަދާކޮށްފައި ވަނީ އޭނާކަމަށް ބުނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ސިންގަޕޫރު 'ލޮކްޑައުން' ކޮށްފައި ވާއިރު، މިހާރުވެސް އެ ޤައުމުގެ ކޯޓުތަކުގެ ގިނަ އަޑުއެހުންތައް ވަނީ އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހުގެ ފަހަށް ފަސްކޮށްފައެވެ. އަދި މިވަގުތު ކުރިއަށް ގެންދަނީ ކޮންމެހެން ކުރިއަށް ގެންދަންޖެހޭ މުހިންމު އަޑުއެހުންތައް ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

އޭގެ އިތުރުން، މަސްތުވާތަކެތީގެ ވިޔަފާރިއަށް ސިންގަޕޫރުން ގެންގުޅެނީ "ޒީރޯ ޓޮލެރެންސް ޕޮލިސީ"އެއް ކަމަށާއި، 2013 ވަނަ އަހަރުވެސް އެފަދަ ކުށްތަކުގައި 18 މީހަކަށް މަރުގެ ޙުކުމް އިއްވާފައިވާކަމަށް ބީބީސީގައި ރިޕޯޓު ކޮށްފައި ވެއެވެ.

- ކޮމެންޓް