ކްރިމިނަލް ކޯޓުގެ އަގުވައްޓާލުމަށް މަސައްކަތް ކުރި ކަމަށް ކަމަށް ބުނެ ސަސްޕެންޑް ކުރި ގާނޫނީ ވަކީލް އަހުމަދު ނާޒިމް އަބްދުއްސައްތާރުގެ ސަސްޕެންޝަނުގެ މުއްދަތު ހަމަވެއްޖެ އެވެ.
ނާޒިމްގެ ސަސްޕެންޝަން ނިމުމަކަށް އައިސްފައި ވަނީ ބުދަ ދުވަހު އެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަުގެ ފަސް ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނާޒިމް ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމުގައި ބުނެފައި ވަނީ އާންމުންގެ މެދުގައި ކްރިމިނަލް ކޯޓާއި ކްރިމިނަލް ކޯޓުގެ ގާޒީންނާއިމެދު ނުބައި ތަސައްވަރެއްދީ ކޯޓާއި ކޯޓުގެ ގާޒީންގެ އަގުވައްޓާލުމަށް ނާޒިމް ސައްތާރު މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން ޝަރުއީ ދާއިރާއާ މެދު އާންމުންގެ ހިތްތަކުގައި ނަފްތަރު އުފެއްދުމަށް ތަކުރާރުކޮށް ނާޒިމް ސައްތާރު މަސައްކަތް ކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ނާޒިމް ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމުގައި ބުނެފައިވެއެވެ.
އެ ނިންމުމުގައި ބުނެފައިވާ ގޮތުގައި އެފަދަ ކަންތައްތައް ހުއްޓާލުމަށް ނާޒިމް އަށް ކްރިމިނަލް ކޯޓުން ވަނީ ތަކުރާރުކޮށް ނަސޭހަތްތެރިވެފަ އެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އިސްލާހު ނުކޮށް ގާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑާއި ނާޒިމް ހިލާފް ވެފައިވާ ކަމަށް ނިންމައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަުގެ ހަ ވަނަ ދުވަހުން ފެށިގެން މި އަހަރުގެ އެޕްރީމް މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެއްވެސް މައްސަލައެއްގައި ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ނާޒިމް ސައްތާރު ބަލައި ނުގަންނާނެ ކަމަށް ކްރިމިނަލް ކޯޓުން ނާޒިމް ސަސްޕެންޑް ކުރުމަށް ނިންމި ނިންމުމުގައި ބުނެފައިވެ އެވެ.