ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ޗައިނާއަށް ޚާއްސަ ގޮތްތަކެއް ބަހައްޓާ ކަމަށް ބުނެ އެމެރިކާއިން ޑަބްލިޔުއެޗްއޯއަށް ދެމުން ދިޔަ އެހީތައް ކަނޑާލާނެ ކަމުގެ އިންޒާރުތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް ދެއްވަމުންނެވެ.
އެންމެފަހުން ޓްރަމްޕް ވިދާޅުވެ ފައިވަނީ ޑަބްލިޔުއެޗްއޯ އިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ކުރިޔަށްއޮތް 30 ދުވަހު ނުފެންނަނަމަ އެމެރިކާއިން ޑަބްލިޔުއެޗްއޯއަށް ދެމުންގެންދާ ހުރިހާ އެހީތައް ކަނޑާލާނެ ކަމަށެވެ. އަދި ޑަބްލިޔުއެޗްއޯގެ މެމްބަރު ގައުމެއްގެ އޮތްއޮތުން ނިމުމަކަށް ގެންނާނެކަމަށެވެ.
އެހެންކަމަށްވާނަމަ ޑަބްލިޔުއެޗްއޯއަށް ދެން ވާނީ ކިހިނެއްތޯ އާއި ޑަބްލިޔުއެޗްއޯއަށް ދެން ފަންޑުކުރާ ގައުމުތަކާއި އެމީހުން ފަންޑުކުރާ މިންވަރު އެނގެން ބޭނުންވާނެ އެވެ.
ވޮޝިންގޓަން އަކީ ޑަބްލިޔުއެޗްއޯއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ތަނެވެ. ވަކިން ޚާއްސަކޮށް ޕޯލިއޯ ނައްތާލުމަށް ހިންގާ ޕްރޮގްރާމްތަކާއި އެޗްއައިވީ، އެއިޑްސް އަދި ތުއްތު ކުދިންގެ ދިފާޢީ ނިޒާމާއި ގުޅުންހުރި ގިނަ ޕްރޮގްރާމްތަކަކަށް ފަންޑުކުރަމުން އަންނަނީ ވޮޝިންގޓަނުންނެވެ.
ހަމަ އެކަނި މިއަހަރާއި ކުރިޔަށް އޮތް އަހަރުގެ ޑިސެމްބަރ މަހާ ހިސާބަށް ބަލާލިއަސް އެމެރިކާއިން 553 މިލިއަން ޑޮލަރު މެމްބަރޝިޕް ފީގެ ގޮތުގަޔާއި ހިލޭ ސާބަހަށް ޑަބްލިޔުއެޗްއޯއަށް ދިނުމަށް ވަނީ ނިންމާފަ އެވެ. 5.8 ބިލިއަން އެމެރިކާ ޑޮލަރުގެ ޑަބްލިޔުއެޗްއޯގެ ބަޖެޓްގެ 9 އިންސައްތަ ހިއްސާކުރަނީ އެމެރިކާ އެވެ.
ޗައިނާއިން ޑަބްލިޔުއެޗްއޯއަށް ދިނުމަށް ހަމަޖެހިފައިވަނީ 187.5 މިލިއަން ޑޮލަރެވެ. ދެން ޑަބްލިޔުއެޗްއޯއަށް ފަންޑުކުރާ ބޮޑެތި ގައުމުތަކުގެ ތެރޭގައި ހިމެނެނީ ބްރިޓެއިން އެވެ. އެއީ 519 މިލިއަން އެމެރިކާ ޑޮލަރެވެ. އަދި ބިލް އާއި މެލިންޑާ ގޭޓްސް ފައުންޑޭޝަނުން 340.9 މިލިއަން އެމެރިކާ ޑޮލަރު ފަންޑުކުރެ އެވެ. ޔޫރަޕިއަން ކޮމިޝަނުން 269.8 މިލިއަން އެމެރިކާ ޑޮލަރު، ޖަރުމަނުން 228.7 މިލިއަން އެމެރިކާ ޑޮލަރު އަދި ޖަޕާނުން 217.2 މިލިއަން އެމެރިކާ ޑޮލަރު ޑަބްލިޔުއެޗްއޯ އަށް ދެ އެވެ.