ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 20:26
އިކޮނޮމިކް ކައުންސިލުން މިއަދު ބޭއެްވި ބައްދަލުވުން
އިކޮނޮމިކް ކައުންސިލުން މިއަދު ބޭއެްވި ބައްދަލުވުން
ރާއްޖެ އެމްވީ
އިކޮނިމިކް ކައުންސިލް
ވަކިމީހަކަށް ސިޔާސީ ގޮތުން ދައްޗެއް ނުކުރަން: އިކޮނޮމިކް ކައުންސިލް
ވިޔަފާރިވެރިންގެ އަތުންވެސް ނަގަން ޖެހޭ ފައިސާ ނަގަމުންދާނެ
އެ ފައިސާ ހޯދަން ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ
ސަރުކާރަށް ދައްކަންޖެހޭ އެއްޗެއް ނޯންނާނެ ކަމަށް ގާސިމް ވިދާޅުވެފައި ވޭ

ވިލާގެ އެކައުންޓްތައް ފްރީޒްކުރީ، ސިޔާސީ މަގުސަދެއްގައި ނޫން ކަމަށާއި، ސަރުކާރަށް ދައްކަން ޖެހޭ ފައިސާތައް ނުދައްކާ ތިބުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ނޯންނާނޭ ކަމަށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން ބުނެފިއެވެ.

ވިލާ ޝިޕިން ކުންފުނީގެ އެކައުންޓްތައް ފްރީޒްކުރީ ސިޔާސީ މަގްސަދުތައް ހާސިލް ކުރުމަށް ކަމަށް ބުނެ ކުރާ ތުހުމަތުތަކާ ގުޅިގެން ބުދަދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، މިނިސްޓަރު ޒުހޫރު ވިދާޅުވީ ދައުލަތުން ދޫކޮށްފައި ހުރި ބިންތަކާއި ރަށްތައް އަދި ފަޅުތަކަށް ދައްކަން ޖެހޭ ފައިސާ ނުދެއްކުމުން ވިލާ ކުންފުނީގެ އިތުރަށް އެހެން ވިޔަފާރިވެރިންގެ އަތުން ވެސް ނަގަން ޖެހޭ ފައިސާ ނަގަމުންދާ ކަމަށެވެ. ވަކި މީހަކަށް އަމާޒުކޮށްގެން ސިޔާސީ ގޮތުން ދަތި ކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށް ޒުހޫރު ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ބޭނުންކުރަން ހުރި ފައިސާތައް ހިފަހައްޓައިގެން ތިބެ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ފުރުސަތެއް ނުދެވޭނެއެވެ.

އިކޮނޮމިކް ކައުންސިލުން ބުނީ އެ ފައިސާ ހޯދަން ކުރަން ޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ކަމަށެވެ.

"މިހާރު މިކުރަނީ އެފަދަ ކަންކަން އެގޮތަށް ކުރީމަ ސަރުކާރަށް ދަތި ކުރަން ކުރާ މަސައްކަތް. އެހެންވީމަ މިއީ މިދުވަސްކޮޅާ ދިމާކޮށް އަޅަމުންދާ ފިޔަވަޅުތަކެއް ނޫން. މާކުރިން ވެސް މިފަދަ ފިޔަވަޅުތައް އަޅުމުން މިދަނީ،" ޒުހޫރު ވިދާޅުވި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ވިލާގެ އެކައުންޓްތައް ފްރީޒްކޮށްފައި ވަނީ، ތ. އެލާގެ ބިމު ކުލީގެ ގޮތުގައި 3.7 ޑޮލަރު (58.1 މިލިއަން ރުފިޔާ) އާއި ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 14.6 މިލިއަން ޑޮލަރު (225.5 މިލިއަން ރުފިޔާ) އަދި އިންޓަރެސްޓް ރޭޓްގެ ގޮތުގައި ދައްކަންޖެހޭ 226،351 އެމެރިކާ ޑޮލަރު (3.4 މިލިއަން ރުފިޔާ) މީރާއަށް ދައްކާފައި ނުވާތީއެވެ. އެއީ ޖުމުލަ 18.6 މިލިއަން އެމެރިކާ ޑޮލަރު (286.8 މިލިއަން ރުފިޔާ) އެވެ.

މި ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ވަކި ބަޔަކަށް އަމާޒުކޮށްގެން ނުވަތަ ވަކި ބައެއްގެ ނުފޫޒެއް އޮވެގެން ދައުލަތުގެ މުއައްސަސާތަކުން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ.

ޒަމީރު ވިދާޅުވީ، މީ ވަކި ދުވަސްވަރެއް ވެގެން އެޅި ފިޔަވަޅެއް ނޫން ކަމަށާއި، މިހާތަނަށް 17 ކުންފުންޏެއްގެ އެކައުންޓު ފްރީޒްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މައްސަލަ ސިޔާސީކޮށްގެން އުޅުއްވަނީ ވަކި ބޭފުޅަކު އަމިއްލަފުޅަށް ކަމަށެވެ.

އިކޮނޮމިކް ކައުންސިލުން މިހެން ވިދާޅުވި ނަމަވެސް، ޖޭޕީގެ ލީޑަރު ގާސިމް އިބުރާހިމަށް ސަރުކާރުން ފިއްތުންތައް ކުރިމަތިކުރުވަން ފެށީ އިދިކޮޅު ފަރާތްތަކާއެކު މަސައްކަތް ކުރަން ފެށި ހިސާބުންނެވެ. މިކަމާ ބެހޭ ގޮތުން ގާސިމް އަންގާރަ ދުވަހު ވިދާޅުވެފައި ވަނީ ސަރުކާރަށް ދައްކަންޖެހޭ ލޯ ލާރިވެސް ނޯންނާނެ ކަމަށެވެ. އަދި ތ. އެލާ އަށް ވެސް ކުލި ދައްކަންޖެހެނީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކަމަށާއި ނަމަވެސް މިހާރު ވެސް އެޑްވާންސްގެ ގޮތުގައި 4.6 މިލިއަން ޑޮލަރު ދައްކާފައި ވާނެ ކަމަށެވެ. އަދި ދައުލަތަށް އެންމެ ގިނަ ފައިސާ ދައްކައިގެން 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރަން ލާރިފޮތި މީރާ އިން ދީފައިވާ އިރު އޭގެ ދެ މަސް ފަހުން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު ދައްކަންޖެހި ނުދައްކައިވާ ކުއްޔާއި ޖޫރިމަނާ ކަަމަށް ބުނެ 92 މިލިއަން ޑޮލަރު ދައްކަން އެންގުމުން އެ ދެކަންތައް ދިމާނުވާ ކަަމަށްވެސް ގާސިމް ވިދާޅުވެފައި ވެއެވެ. 

- ކޮމެންޓް