އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނަވާ އިބްރާހިމް ހަނީފް ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާނަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވަނީ ފަނޑިޔާރު ޝުޖާއުއަށް ބިރުދެއްކި ކަމަށް ބުނާ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުންދާކަން ރާއްޖެއެމްވީއަށް ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް، އެ މައްސަލައާ ގުޅޭ ތަފްސީލުތައް ހާމަކުރައްވަން އޮފިޝަލް ދެކޮޅު ހެއްދެވި އެވެ.
ހައިކޯޓުގެ ދެކުނު ގޮފީގެ ފަނޑިޔާރަކަށް ހުންނަވާ ޝުޖާއުއަށް ބިރުދެއްކި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ދޮގެއް ނުކުރެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި ހަނީފް ހުންނަ ވަނީ ޑެޕިއުޓީ މިނިސްޓަރު ފެންވަރުގައި ސީނިއާ ޕޮލިސީ އެގްޒެކެޓިވް އަކަށެވެ.
ފަނޑިޔާރު ޝުޖާއު އާއި އިބްރާހިމް ހަނީފަކީ ވެސް ގއ. ވިލިނގިއްޔަށް ނިސްބަތްވާ ދެ ބޭފުޅުންނެވެ. ހަނީފަކީ ވިލިނގިލި ދާއިރާގެ މަޖިލިސް މެންބަރު ސައުދު ހުސެއިންގެ އަރިސް ބޭފުޅެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަނީފް ހައްޔަރުކޮށްފައި ވަނީ ޕީޕީއެމްގެ އެކްޓިވިސްޓެއް ދިން ބަޔާނެއްގެ މައްޗަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޕޮލިޓެކްނިކްގެ އިސްވެރިއެއްގެ ގޮތުގައި ވެސް ހުންނެވާ ހަނީފް ހައްޔަރުކޮށްފައި ވަނީ އަންގާރަ ދުވަހުގެ އިރާކޮޅުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅުއްވާ ގެއިންނެވެ. ހައްޔަރުކުރުމުގެ ކުރިން އަންގާރަ ދުވަހު ފުލުހުންގެ އިދާރާއަށް ހަނީފް ހާޒިރުކޮށް، އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.
ފަނޑިޔާރު ޝުޖާއުއަށް ބިރު ދެއްކުމުގެ ގޮތުން ހަނީފް ކުރެއްވީ ކޮންކަމެއްކަން ސާފުވާ ގޮތް އަދި ވަނީ ނުވެފަ އެވެ.