ރާއްޖޭގެ އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލާ، ފަހުގެ ޒަމާނީ ބައްޓަމަށް ގައުމު ހިންގަން އެނގޭނެ އިތުރުވެރިއަކު މި ގައުމަށް ނާންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އަށް މެންބަރުންތަކެއް ސޮއި ކުރުމަށް ބޭއްވި ހަފްލާގައި ވާހަކަަ ދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، 2004 ވަނަ އަހަރުން ފެށިގެން ދިވެހި ރައްޔިތުންނަށް ތޫފާނަކަށް ފަހު ތޫފަނެއް ކުރިމަތިވަމުން އައީ ޑިމޮކްރަސީގެ ނަމުގައި ބަޔަކު މީހުން ފެށި މަސައްކަތުގެ ސަބަބުން ކަމަށެވެ.
އޭރު ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަ ކަމުގެ ގުޅުން ގެއްލި މުޖުތަމައު ބައިބައިވެގެން ދިޔަ ކަމަށް ސައީދު ވިދާޅުވި އެވެ. އެއީ ދިވެހި ރައްޔިތުންގެ ހަޔާތުން ގެއްލިގެން ދިޔަ އަހަރު ތަކެއް ކަން ފާހަގަކުރައްވާ ސައީދު ވިދާޅުވީ، މިއަދު ރައީސް ޔާމީން މަސައްކަތް ކުރައްވަނީ އެ ގެއްލުނު ތަރައްގީ ގެނެސް ދިނުމަށް ކަމަށެވެ.
އެމަނިކުފާނުގެ އަރިހުގައި މަސައްކަތް ކުރަން ފެށުމުން އެމަނިކުފާނަކީ ގައުމު އަބަދުވެސް ހިމާޔަތްކުރާނެ، އިސްލާމްދީންގެ އަސާސްތައް އަބަދުވެސް ހިފަހައްޓާނެ ބޭފުޅެއްކަން އެނގިލައްވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު މުޅި ދުނިޔެއަށް ހުޅުވާލާ، ޒަމާނީ ބައްޓަމަށް ގައުމު ހިންގުން ބަދަލު ކުރެވޭނެ އިތުރު ވެރިއަކު ނާންނާނެ ކަމަށެވެ. އެގޮތުން ބްރިޖުގެ މަޝްރޫއު އަކީ މީގެ ކުރިން ދުވަހަކުވެސް ވެރިއަކަށް ކުރެވުނު މަސައްކަތެއް ނޫން ކަމަށާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތަކީވެސް ފާހަގަކޮށްލެވޭ ތަރައްގީގެ މުހިއްމު މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ސައީދު ވަނީ ކުރީގެ ރައީސް ނަޝީދަށް އިތުރުގޮތެއް ނެތުމުން ރާއްޖޭގެ އިންވެސްޓްމެންޓާ ގުޅޭ ގޮތުން ދޮގު ވާހަކަ ފަތުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
" މިހާރު އެއްވެސް ގޮތެއް ނެތުނީމަ، ރައީސް ނަޝީދު ވިދާޅުވަނީ ޗައިނާއިންނޭ، ރާއްޖެއަށް އިންވެސްޓްމެންޓެއް އަންނަނީ. އެއީވެސް ދޮގެއް. ރާއްޖޭގައި އެންމެ ގިނަ ވާނީ ޔޫރަފިއަމް އިންވެސްޓްމެންޓް، ސިންގަޕޯ އިންވެސްޓްމެންޓް." ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ރާއްޖެއަށް ހަމައެކަނި އިންވެސްޓްމެންޓް އަންނަނީ ޗައިނާ އިން ނޫން ކަމަށެވެ. އަދި އިތުރު ސަރަހައްދުތަކަށް ރާއްޖޭގެ އިންވެސްޓްމެންޓްތައް ހުޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އެމެރިކާ އާއި ޖަޕާނު ފަދަ ގައުމުތަކާ އެކުވެސް ފްރީ ޓްރޭޑް އެގްރީމެންޓްތަކުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ސައީދު ވިދާޅުވި އެވެ.