ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާމެދު ނަފްރަތު އުފައްދަން ދެއްކި ވާހަކަ ތަހުޤީޤު ކުރުމަށް އެދި ފުލުހުންނަށް ހުށައެޅުމަށް މަޖިލިސް އިދާރާއިން ނިންމައިފިއެވެ.
އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް ނަޝީދު ކީރިތި ރަސޫލާއަށް އިހާނެތި ބަސް ރައްދު ކުރެެއްވިކަމަށް ބުނެ ދޮގު އިލްޒާމް އަޅުވައި، ރ. އަނގޮޅިތީމު، ޖީޒާ ޢަލީ އިބްރާހީމް ދައްކާފައިވާ ވާހަކަތައް ތަޙްޤީޤު ކުރުމަށް ފުލުހުންނަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން، އޭނާއާއި، އޭނާގެ އިންޓަރވިއު ގެނެސްދިން މީޑިއާއާމެދު ޖިނާއީ ދަޢުވާ ކޮށްދެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޮނުވުމަށް އެދި، ޖިނާއީ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ފުލުހުން ޢަމަލު ކުރާ އިޖުރާޢަތުގެ ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން ފުލުހުންނަށް އެ މައްސަލަ ހުށައެޅުމަށް ނިންމާފައި ވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މަޖިލީހުގެ ބަޔާނުގައި ވަނީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި، އެފަދަ ގޮތްގޮތަށް ޢަމަލު ކުރުމަކީ ޖުނަޙްގެ 1 ވަނަ ދަރަޖައިގެ ކުށެއްކަމަށް ދިވެހިރާއްޖޭގެ ޤާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގެ (ހ) ގެ (5) ގައިވެސް ބަޔާން ކޮށްފައިވާ ކަމަށެވެ. އަދި މިއީވެސް އެފަދަ ކުށެއްކަން ވަނީ ފާހަގަ ކޮށްފައެވެ.
އޭގެ އިތުރުން، ރަމަޟާން މަހުގެ ފަހު ދިހައިގައި މި މައްސަލަ ކުރިމަތި ކުރުވި ބަޔަކު އެކަން އެކުރަނީ، މި މާތް މައްސަރުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ޤަތުލުކޮށް، ލޭ ހުއްދަކަން ދެއްކުމުގެ ބޭނުމުގައި ކަން އެމަނިކުފާނު ފާހަގަ ކުރައްވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ރައީސް ނަޝީދު އާ މެދު ނަފްރަތު އުފެއްދުމަށް ހިންގި މި އަމަލު އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، އެމްޑީޕީން ވެސް ވަނީ ކުށްވެރިކޮށް ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައިވެސް މި މައްސަލަ ތަހުގީގު ކުރުމަށް ގޮވާލާފައިވެއެވެ.