އިރާޤުގެ ފަސްގަނޑުގައި އަތްގަދަކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓުގެ ހަނގުރާވެރިންނާއި ދެކޮޅަށް އިރާޤުން ހަނގުރާމަ އިޢުލާނު ކޮށްފި އެވެ.
އައިއެސް ހަނގުރާމަވެރިންނާއި ދެކޮޅަށް އަސްކަރީ ގޮތުން ތެދުވުމަށް ނިންމެވީ އެޤައުމުގެ ބޮޑު ވަޒީރު މުޞްޠަފާ އަލް-ޚާދިމީ އެވެ.
މިކަން ހާމަކުރައްވާ އިރާޤުގެ ބޮޑު ވަޒީރުގެ އޮފީހުން ޢާންމު ކުރެއްވި ބަޔާނެއްގައި ބުނެފައިވަނީ، އިރާޤުގައި ކިއްލާ ހަދައިގެން ވަޒަންވެރިވެ އުޅޭ ނުރައްކާތެރި އައިއެސް ޖަމާޢަތުގެ ހަނގުރާމަވެރިން ނައްތާލުމަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނަކަށް އެޤައުމުގެ ސަލާމަތީ ބާރުތަކުން ތައްޔާރު ވަމުން އަންނަ ކަމަށެވެ. އަދި މި އޮޕަރޭޝަނުގައި އިސް ސަފުގައި ހަނގުރާމަ ކުރާނީ އަސްކަރިއްޔާގެ، ހަތިޔާރު އެޅި ފައުޖު ކަމަށްވާ 'ހަޝްދު ޝާބީ' ގެ އަސްކަރީން ކަމަށެވެ.
ހަނގުރާމަ ރަސްމީ ގޮތުން އިޢުލާނު ކުރެއްވުމަށް ބޮޑު ވަޒީރު ވަނީ ހޮނިހިރު ދުވަހު 'ހަޝްދު ޝާބީ' ގެ އަސްކަރީންގެ މައި މަރުކަޒަށް ޒިޔާރަތްކުރައްވާ ހިތްވަރު ދެއްވާފައެވެ. އެ ބައްދަލުވުމުގައި ބޮޑު ވަޒީރު ވިދާޅުވީ، މިއީ އައިސް ހަނގުރާމަވެރިންގެ ވަސް އިރާޤުން ފޮހެލަން ކުރިޔަށްގެންދާ އެންމެ ފަހު ހަނގުރާމަ ކަމަށާއި، މިއީ ހަނގުރާމަވެރިންގެ 'އަނިޔާވެރިކަން މުލުން ލުހެލަން' ވީ ވަގުތު ކަމަށެވެ. އަދި މި ހަނގުރާމައިގައި 'ހަޝްދު ޝާބީ' އާއެކު 'އަލް-ޚާދިމީ' ފައުޖުންވެސް ބައިވެރިވާނެކަން ބޮޑު ވަޒީރު ވަނީ އިޢުލާނު ކުރައްވާފަ އެވެ. 'އަލް-ޚާދިމީ' ފައުޖު ބޮޑަށް ޙަރަކާތްތެރި ވާނީ ވައިގެ އަސްކަރީ ޙަމަލާތައް ދިނުމުގަ އެވެ.
އިރާޤުގެ ދުޝްމަނުންގެ ވަސް ފޮހެލަން ކަމަށް ބުނެ އިރާޤުން މި ފަށާ ހަނގުރާމަ ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އައިއެސް އިން ހިޞާރުކޮށްގެން އުޅޭ ސުއްނީ ޕްރޮވިންސްތަކުގަ އެވެ. އިރާޤުން އައިސްއެސް އާއި ދެކޮޅަށް އަސްކަރީ ގޮތުން މި ތެދުވީ މިހިނގާ ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ވެސް އެއްވެސް ބެލުމެއް ނެތި އެޤައުމުގެ އަސްކަރީ އަދި ސަލާމަތީ ބާރުތަކަށާއި، މަދަނީންނަށް ޢަމާޒުކޮށް ޙަމަލާ ދެމުންދާތީ އެވެ.
އަސްކަރީ މައި މަރުކަޒުތަކަށާއި މަދަނީން ދިރިއުޅޭ ބައިބޯ ޞަރަޙައްދުތަކަށް މި ރަމަޟާން މަހު އައިއެސް ހަނގުރާމަވެރިން ދިން ޙަމަލާތަކުގައި ގިނަ ބަޔަކު މަރުވެ ޒަޚަމްވެފައިވާއިރު، އުމްރާނީ ބޮޑެތި ގެއްލުންތަކާއި ކުރިމަތިވެ، ދާޚިލީ ގޮތުންވެސް އިރާޤު ސަރުކާރަށް ވަނީ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފަ އެވެ.
2017 ވަނަ އަހަރު އިރާޤު ސިފައިން އައިއެސް ހަނގުރާމަވެރިންނާއި ދެކޮޅަށް ކުރި ހަނގުރާމައިގައި، ހަނގުރާމަ ވެރިންގެ މައްޗަށް ކުރި ހޯދި އެވެ. އެހެންނަމަވެސް ޞަރަހައްދީ އިން ކައިރީ ސަހަރާތަކުގައްޔާއި އަދި ބިންގަރާސް ތަކުގައި ފިލާ ތިބުމަށް ފަހު އަލުން އިރާޤަށް އަރާ ދޭތެރެ ދޭތެރެއިން ދަނީ ސަލާމަތީ ބާރުތަކާއި މަދަނީންނާއި ދެކޮޅަށް "ގެރިއްލާ ހަމަލާ" ދެމުންނެވެ.