ދުވާފަރު އެމްޑީޕީ ކެމްޕެއިން އޮފީހަށް ބަޔަކު ކަޅުތެޔޮ ޖަހައިފި އެވެ.
ދުވާފަރު އެމްޑީޕީ އޮފީހުން ބުނީ، އެ އޮފީހުގެ ދޮރު ކުރިމައްޗަށާއި ބޭރު ފާރަށް ކަޅުތެޔޮ ޖަހާފައިވާ ކަމަށާއި އެކަން ކޮށްފައިވާ ކަމަށް ބެލެވެނީ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން ދުވާފަރު ކައުންސިލް މެންބަރު އާމިރު އަހުމަދު ވިދާޅުވީ، މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއީ އެމްޑީޕީއަށް ތާއީދު އޮތްކަން ޔަގީންވާތީ އާއި ކާމިޔާބު ކެމްޕެއިން އިވެންޓްތައް ބާއްވާތީ އެކަން ހުއްޓުވުމަށް ބަޔަކު ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދުވާފަރު ކައުންސިލަށް ބަޔަކު ގެއްލުންދީފައިވާ އިރު އެމްޑީޕީން އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ވަނީ ކައުންސިލް އިންތިހާބުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ކެންޑިޑެސީ ބާތިލްކުރުމަށް ސަރުކާރުން ރާވައިގެން ކުރަމުންގެންދާ ކަންކަން ހުއްޓާލުމަށް ގޮވާލާފަ އެވެ.
އިންތިހާބު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނުބާއްވައި، އިންތިހާބުގެ މިނިވަންކަން ގެއްލި ރައްޔިތުން އިންތިހާބުތަކަށް ކުރާ އިތުބާރު ގެއްލޭ ގޮތަށް އިލެކްޝަނާއި ކޯޓުތައް މެދުވެރިކޮށް ސަރުކާރުން ކުރަމުން އަންނަ ކަންކަމާ މެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.