މިދިޔަ ހަފުތާގައި އައްޑޫ ސިޓީ އަށް ކުރި ވިއްސާރާގައި ފޭދޫ އަށް ލިބިފައިވަނީ މީގެކުރިން ދުވަހަކުވެސް އެރަށަށް ލިބިފައިނުވާ ވަރުގެ ބޮޑު ގެއްލުންތަކެއް ކަމަށް އައްޑޫ ސިޓީ ކައުންސިލްގައި ހިމެނޭ، ފޭދޫ ކައުންސިލަރު އަލީ ފަހުމީ ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީން ވެބް ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ފަހުމީ ވިދާޅުވީ، މިދިޔަ ހަފުތާގެ ބުދަ އަދި ބުރާސްފަތި ދުވަހު ކުރި ވިއްސާރާގައި އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހުނު ކަމަށާއި ވިއްސާރާގައި މީގެކުރިން ދުވަހަކުވެސް ނުލިބޭ ވަރުގެ ގެއްލުން ފޭދޫ އަށް ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ބެލި ބެލުމުން 544 ގެއަކަށް ފެން ވަދެ ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު ފަދަ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެސް ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވި ގޮތުގައި ފޭދޫގައި ކުރިއަށް ގެންދާ ފެން ހިންދާ ނިޒާމުގެ މަޝްރޫޢުގެ ދަށުން އަޅާފައިވާ ހޮޅިލައިންތަކުން މަގުތަކުގައި ބޮޑުވެފައިވާ ފެން ބޭރު ކުރެވެއެވެ. ނަމަވެސް އެނިޒާމު އެންމެ ރަނގަޅަށް މަސައްކަތް ނުކުރަނީ އެ މަޝްރޫޢުގެ ދަށުން ބަހައްޓަން ޖެހޭ ޕަންޕުތައް މިހާތަނަށް ބަހައްޓާފައި ނުވާތީ ކަމަށް ފަހުމީ ވިދާޅުވި އެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރު ޖުލައި މަހުގެ 4 ވަނަ ދުވަހު އައްޑޫ ސިޓީ ފޭދޫގައި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރުމަށް 18 މިލިއަން ރުފިޔާއަށް ސްރީލަންކާގެ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ އިރު، މިހާތަނަށް އެ މަޝްރޫއު ނިންމާފައެއް ނުވެއެވެ.
އެ ޕްރޮޖެކްޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކުރީގެ އެންވަޔަރަމަންޓް މިނިސްޓަރު ޠާރިގު އިބްރާހީމް ވިދާޅުވެފައިވަނީ، ފޭދޫއަކީ ޒަމާނުއްސުރެ ވެސް ފެން ބޮޑުވުމުގެ މައްސަލަ ދިމާވެފައިވާ ރަށެއް ކަމަށާއި އަދި ފެން ހިންދުމުގެ ނިޒާމު ގާއިމުކުރެވިގެން ދާއިރު ފޭދޫގައި ދިމާވެފައިވާ ފެން ހިންދުމުގެ މައްސަލައަށް ވަަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއު އެއް އަހަރު ތެރޭގައި ނިމިގެންދާނެ ކަމަށްވެސް ޠާރިގު ވިދާޅުވެފައި ވެއެވެ.