ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާއެކު މިހާރު ތިބި ކައުންސިލްތަކުގެ ދައުރު ދިގުކުރުމަށް ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް، ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ ބިލް އެޖެންޑާ ކޮށްފި އެވެ.
ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ 37 ވަނަ ޖަލްސާ އަށް މި ބިލުގެ ފުރަތަމަ ކިއުން އިއްވާނެ އެވެ. ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ބިލެތްދޫ ދާއިރާގެ މެންބަރު އަޙުމަދު ޙަލީމެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ވެސް މި ބިލް މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާ ކުރިއެވެ. ނަމަވެސް ފަހުން ބިލު އެޖެންޑާއިން ނެގުމަށްފަހު އަލުން ހޯމަ ދުވަހުގެ ޖަލްސާއަށް ބިލް އެޖެންޑާ ކޮށްފައިވަނީ ދޮޅު މަހަށްވުރެ ގިނަ ދުވަސް ފަހުންނެވެ.
މިދިޔަ މަހު މި ބިލް އެޖެންޑާއިން ނެގުމަށްފަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދު އެޖެންޑާ ކުރެއްވީ، ކައުންސިލަރުންގެ ދައުރު ދިގު ދެންމުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި ބިލެވެ.
މި ބިލް އެޖެންޑާ ކޮށްފައިވަނީ، އާންމު ގާނޫނަކުން ކައުންސިލަރުންގެ ދައުރު އިތުރު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ފާތިމަތު ފިލްޒާ ލަފާދެއްވުމުންނެވެ. ފިލްޒާ ލަފާދެއްވީ ގާނޫނު އަސާސީގައިވާ ކައުންސިލަރުންގެ ދައުރާ ގުޅޭ މާއްދާ އިސްލާހުކުރަންށެވެ.
މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ އެހެނިހެން ކަންކަން
ހޯމަ ދުވަހުގެ ޖަލްސާއަށް ދެން އެޖެންޑާކޮށްފައިވަނީ ކޮވިޑް-19 އާގުޅިގެން އަޅާފިޔަވަޅުތަކުގެ ސަބަބުން ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާއި ގުޅޭގޮތުން ހުށަހެޅިފައިވާ މައްސަލައާއި ގުޅިގެން ސަރުކާރު ގެ މަސްއޫލިއްތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއާ ޙަވާލުވި މަސައްކަތް، ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓެވެ.
މީގެ އިތުރުން ކޮވިޑް-19 އާގުޅިގެން ޤައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި ޓޫރިޒަމް ސިނާއަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ސަލާމަތީ ޚިދުމަތްތަކާއިބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓާއި، ކޮވިޑާއި ގުޅިގެން ކޮމިޓީން ނިންމާފައިވާ ދެ މަސައްކަތެއްގެ އިތުރުން މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހަދާފައިވާ ނުވާތީ ގަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓެވެ.