ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކުރުމަށް ބޭނުންވާ މީހުން ކަރަންޓީނު ކުރުމަށް ރިސޯޓްތައް ނަގާއިރު ބޮޑަށް ބަލަނީ މާލެ ކައިރީގައި ހުންނަ ތަންތަނަށް ކަމަށް ކޮވިޑް-19 ގެ ޓާސްކް ފޯހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ މިކަން ޓޫރިޒަމް މިނިސްޓްރީން ކުރައްވަމުން ގެންދަވާއިރު މާލެ އާއި އެންމެ ކައިރީގައި ހުރި ރިސޯޓްތައް ނެގުމަށް އިސްކަންދޭކަމަށް އެ މިނިސްޓްރީން ބުނެފައިވާ ކަމަށެވެ. އަދި އެންމެ ބޮޑު ރިސޯޓް އެއީ އެންމެ ގިނަ ކޮޓަރި ހުންނަ ރިސޯޓްތައް ކަމަށާއި އެފަދަ ރިސޯޓްތައްވެސް ކަރަންޓީނު ފެސިލިޓީތަކުގެ ބޭނުންކުރުމަށް އިސްކަންދޭކަމަށް މަބްރޫކް ވިދާޅުވި އެވެ.
މި ހާލަތުގައި އަމިއްލަ އަށް އިސްނަގައިގެން އެއްބާރުލުން ދޭ ފަރާތްތަކުން ދޭން އެއްބަސްވާ ރިސޯޓްތައް ބޭނުންކުރާ ކަމަށާއި އަދި ނެގިފައިވާ ފެސިލިޓީތަކާއި ވީހާވެސް ކައިރީގައިވާ ރިސޯޓްތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެފައިވަނީ ކޮވިޑް-19އާ ގުޅިގެން ކަރަންޓީނު ފެސިލިޓީތައް މެނޭޖުކުރުމުގައި ކޮރަޕްޝަނުގެ އެއްވެސް ޢަމަލެއް ހިންގާފައިނުވާނެކަމަށެވެ. މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވީ މިކަމާ ގުޅިގެން ސަރުކާރުގެ އިންޓަރނަލް އޮޑިޓްތައްވެސް ކުރިއަށް ގެންދާކަމަށެވެ.
ކަރަންޓީން ފެސިލިޓީތައް މެނޭޖް ކުރުމުގައި ކޮރަޕްޝަނަށް އިނގިލި ދިއްކުރެވޭނެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ޢަލީ ވަހީދު ވިދާޅުވީ ޤާނޫނާއި، ޤަވާއިދުގެ ތެރެއިން ފެސިލިޓީތައް ނެގިފައިވާ ގޮތާއި އަދި ޚަރަދުކުރާ ގޮތް ލިޔެ ކިއުމުން ފެންނަން ހުންނާނެކަމަށެވެ.
ސަރުކާރުން ކަރަންޓީނު ފެސިލިޓީތަކަށް ރިސޯޓްތައް ބޭނުން ކުރަމުންދަނީ ވަކި މުއްދަތަކަށް އެ ރިސޯޓްތައް ސަރުކާރަށް ނަގައިގެންނެވެ. އަދި މި މުއްދަތުގައި ރިސޯޓްތަކުން ސަރުކާރަށް ކުލި ދައްކަން ނުޖެހޭއިރު ކަރަންޓީނު ފެސިލިޓީގައި ހުރި ކޮންމެ ރޫމެއް ނަގާފައިވަނީ 750 ރުފިޔާގެ ރޭޓުން ކަމަށް ޓޫރިޒަމް މިނިސްޓަރ ވިދާޅުވި އެވެ.
ސަރުކާރުން މީގެ ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ދިވެހިރާއްޖޭގެ 20 ރަށެއްގައި 641 ކަރަންޓީނު ފެސިލިޓީއެއް ވަނީ ގާއިމް ކުރެވިފަ އެވެ.