ކ. މާލެ
|
17 މެއި 2020 | އާދީއްތަ 01:39
ޑރ ނަޒްލާ ރަފީގް- އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ޑރ ނަޒްލާ ރަފީގް- އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ
ރައީސް އޮފީސް
ރިހިބިލިޓޭޝަން ސެންޓަރުން ކޮވިޑަށް ޕޮޒިޓިވްވި ކޭސް
ރީހެބަށް ވައިރަސް ވަދެއްޖެ
13 ވަނަ ދުވަހު އެތަނަށް ދިޔަ އެކެއްގެ ސާމްޕަލް ވަނީ ޕޮޒިޓިވްވެފައި
އެކަކު އެތަނަށް ދިޔުމުގެ ކުރިން މާލޭގެ އެކި ތަންތަނަށް ގޮސްފައިވޭ
ހިންމަފުށިން ރޭންޑަމް ސާމްޕަލިންގެ ގޮތުގައި 156 ސާމްޕަލެއް ނަގާފައިވޭ

ކ. ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުން ފަރުވާ ހޯދަމުން އަންނަ ތިން މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ރީހެބްގައި ފަރުވާ ހޯދަމުންދާ ބަޔަކު ކޮވިޑަށް ޕޮސިޓިވް ވުމާ ގުޅޭ ގޮތުން، ޑރ ނަޒްލާ ރަފީގް ވިދާޅުވީ، މިކަން ހިނގި ކަމަށް ބެލެނީ އެތަނަށް އެންމެ ފަހުން ފަރުވާ ހޯދުމަށް ވަތް މީހެއްގެ ފަރާތުން ކަމަށެވެ.

ކ. ހިންމަފުށީގައި ހުންނަ ރީހެބް ސެންޓަރުން 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިކަން އެނގުނީ ލޮކްޑައުންއާ ގުޅިގެން ނޭޝަނަލް ޑްރަގް އެޖެންސީން މިހާރު ޚިދުމަތްތައް ދެމުން ގެންދާ ގަލޮޅު ދަނޑުގައި ގާއިމުކޮށްފައިވާ ވަގުތީ ޑިޓޮކްސި ސެންޓަރާއި ހިންމަފުށީގައި ހުންނަ ސެންޓަރުގައި ތިބި މީހުން ޓެސްޓް ކުރުމަށް ނޭޝަނަލް ޑްރަގް އެޖެންސީން އެދުމުން ޓެސްޓް ކުރުމަށް ނެގި 10 ސާމްޕަލް ޓެސްޓް ކުރުމުގެ ތެރެއިންނެވެ. ރީހެބަށް ވައިރަސް ވަންނަންވީ ސަބަބެއް ނޭނގޭކަމަށް ނޭޝަނަލް ޑްރަގް އެޖެންސީގެ ލީގަލް އޮފިސަރ އަހުމަދު ހިލްމީ ވަނީ ރާއްޖެ ޓީވީގެ ކޮވިޑް-19 ޚާއްސަ ކަވަރޭޖްގައި މީގެ ކުރިން ވިދާޅުވެފައެވެ. އެއީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން އެތަނުން އެއްވެސް މީހަކު ބޭރަށް އައިސް ގޮސް ނޫޅޭތީ ކަމަށް ހިލްމީ ވިދާޅުވި އެވެ.

މިކަމާއި ގުޅޭގޮތުން ކޮވިޑް-19 ގެ ޓާސްކް ފޯހުން ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ވިދާޅުވީ ޕޮޒިޓިވްވި ކޭސްތަކާއި ގުޅިގެން މިހާރު ކޮންޓްކެޓް ޓްރޭސިން ހެދި ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށެވެ. ޑރ ނަޒްލާ ވިދާޅުވީ އެންމެފަހުން އެ ސެންޓަރަށް ފަރުވާ ހޯދުމަށް މީހުން ގޮސްފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ކަމަށާއި އެއީ 4 މީހުން ކަމަށެވެ. އޭގެކުރިން އޭޕްރީލް މަހުގެ ތެރޭގައި އޭޕްރީލް 8 ވަނަ ދުވަހު 2 މީހުން، 9 ވަނަ ދުވަހު އެކަކު އަދި 12 ވަނަ ދުވަހު 4 މީހުން ގޮސްފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

ސާމްޕަލް ނެގުނު މީހުންގެ ތެރޭގައި 13 ވަނަ ދުވަހު އެތަނަށް ދިޔަ އެކެއްގެ ސާމްޕަލް ހިމެނޭ ކަމަށާއި ޕޮޒިޓިވްވެފައިވަނީ އޭނާގެ ސާމްޕަލް ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އަދި އެމީހުންގެ ކަންކަން ބެލިއިރު އެތަނުން އެކަކު އެތަނަށް ދިޔުމުގެ ކުރިން މާލޭގެ އެކި ތަންތަނަށް ގޮސްފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

އޭގެތެރެއިން 2 މީހަކު މިވަގުތު އެތާކު ނެތް. އެކަކު ހުރީ އޭނާގެ އާއިލާއަށް ދިމާވި ހާދިސާއަކާއި ގުޅިގެން މާލެ ގެނެސް އާއިލާ އެކުގައި، އަނެކަކުވެސް އޭނާ އެތަނަށް ދިޔަތާ ވަަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަނބުރާ އަތުވެއްޖެ. އިތުރަށް 13 ވަނަ ދުވަހު ދިޔަ 4 ވަނަ މީހާ އެތަނަށް ދިޔުމުގެ ކުރިން މާލޭގައި ގޮސްފަ ހުރި ތަންތަން ބަލާއިރު އޭނާ ގޮސްފައިހުރި އެއް ގެއަކުން މިއަދު ބޭރު މީހަކު ޕޮޒިޓިވްވެގެން ވަނީ އައިޑެންޓިފައި ކުރެވިފައި. މިއީ އެތަނަށް ބަލި ދިޔުމުގެ ޕޮސިބިލްޓީ އެއްކަމަށް ބެލެވޭ. އެހެންނަމަވެސް ޔަގީންކޮށް ބުނާކަށް ނޭންގޭ.
ޑރ ނަޒްލާ ރަފީގް

ޑރ ނަޒްލާ ވިދާޅުވީ ރީހެބް ސެންޓަރ 22 އޭޕްރީލް ގައި ލޮކްޑައުން ކޮށްފައިވާ ކަމަށާއި އެތަނުން އެއްވެސް މީހަކަށް ވަދެ ނިކުމެ އުޅުން މަނާކޮށްފައިވާ ކަމަށެވެ. މިމުއްދަތުގެ ތެރޭގައި އެރަށު ސިއްހީ މަރުކަޒަށް ދެ މީހަކު ފަރުވާ ހޯދަން ދިޔަ ކަން އެނގިފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އެއީ ގަވާއިދުން ބޭސްއަޅަންޖެހޭ މީހުން ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

މީގެއިތުރުން އެ ސެންޓަރު ލޮކްޑައުން ކޮށްފައިވިޔަސް މިހާތަނަށް ބެލިބެލުމުން އެތާނގައި މަސައްކަތްކުރާ އެރަށުގެ ސްޓާފުން ރަށު ތެރެއަށް ނިކުމެ އެކި މީހުންނާ ދިމާވެފައިވާކަން އެނގޭ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. މެނޭޖްމަންޓަށް ނޭނގި މިމީހުން ރަށު ތެރެއަށް ގޮސްފައިވާއިރު އެއީ ކޮން ބައެއްކަން މިހާރު ހޯދާފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

އަދި މިކޭސްގައި ހިންމަފުށިން ޕޮޒިޓިވް މީހަކު ނުފެންނާތީ އާއި އެމީހުން ރަށުތެރެއަށް ގޮސްފައިވާތީ އާއެކު މިހާރު ރަށުތެރެއިން ރެންޑަމް ސާމްޕަލްތަކެއް ނަގާފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އެގޮތުން 156 ސާމްޕަލެއް ނަގާފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

މިއަދު ޓީމު ގޯސް ރިހެބް ސެންޓަރުން 37 ސާމްޕަލް ، އައްސޭރި ޖަލުން 37 ސާމްޕަލް އިންޑަސްޓްރިއަލް ޒޯނުން 45 ސާމްޕަލް އަދި ރަށުތެރެއިން ރޭންޑަމް ކޮށް 38 ސާމްޕަލް ޖުމްލަ 156 ސާމްޕަލް ނަގައިގެން މިރޭ ގެނެވިފައި ވަނީ، ޓެސްޓިން ކުރިޔަށްދާނެ
ޑރ ނަޒްލާ ރަފީގް

ޑރ ނަޒްލާ ވިދާޅުވީ އެހެންކަމުން މިހާރުގެ ސިޔާސަތަކީ މިގޮތަށް ބަންދުކޮށްގެން މީހުން ގެންގުޅޭ ތަންތަން ސާމްޕަލް ތައް ނަގައިގެން ޓެސްޓް ކުރުން ކަމަށެވެ. އެގޮތުން ވަކިން ޚާއްސަކޮށް މިގޮތަށް ބަލަހައްޓަމުން ގެންދާ މީހުން ތިބޭ ތަންތަނުން ސާމްޕަލްތައް ނެގެމުންދާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

އެގޮތުން ކުރިން މާފުށީ ޖަލުން ސާމްޕަލްތައް ނަގާފައިވާއިރު އެސާމްޕަލް ތައް ނެގެޓިވްވެފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އަދި މިހާރު ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ސާމްޕަލް ނަގާފައިވާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް މިކަން މިގޮތަށް ކުރިޔަށް ގެންދާނެ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.

- ކޮމެންޓް