އެކްޓިވް ސަރވިއަލަންސްގެ ތެރެއިން ގޭގައި ތިބި އުމުރުން ދުވަސްވީ މީހުންގެ ސާމްޕަލްތައް ނަގަން ފަށާފައިވާއިރު އެތަނުން އެއް ސާމްޕަލް މިހާތަނަށް އައިއިރު ޕޮޒިޓިވްވެފައިވާ ކަމަށް ޑރ ނަޒްލާ ރަފީޤް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ޓާސްކް ފޯހުގެ ފަރާތުން ހޮނިހިރު ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ނަޒްލާ ވިދާޅުވީ މާލޭގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ ސާމްޕަލްތައް ނަގަމުންދާއިރު އެގޭގައި އެމީހުން ކައިރީގައި އެންމެ ބޮޑަށް އުޅޭ މީހެއްގެ ސާމްޕަލާއި އެގެއަކުން ވިޔަފާރި ކުރުމަށާއި އެނޫން ބޭނުމަކަށްވެސް ބޭރަށް ނިކުންނަ މީހާއާއެކު ޖުމްލަ 3 މީހެއްގެ ސާމްޕަލް ނަގަމުންދާ ކަމަށެވެ. މިކަން ކުރަމުންދާއިރު އުމުރުން ދުވަސްވީ ބައެއް މީހުން އެމީހުން ގޭގައި ތިބޭއިރު ވައިރަސް ޖެހެންވީ ކީއްވެތޯ ސުވާލުކުރަމުންދާ ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ.
އެކަމަކު އުމުރުން ދުވަސްވީ މީހުން އެއީ އެންމެ ރިސްކު ބޮޑު މީހުން. ރާއްޖެއަށް ބަލާއިރު އެއުމުރުގެ މީހުންނަކީ ދިގު މުައްތަކަށް ފަރުވާ ކުރާ މީހުން. ލޭ މައްޗަށް ދިޔުމާއި ހަކުރުގެ މައްސަލަތާއި އެފަދަ އެތައް ބަލިތަކެއް އެ މީހުންގެ ހުރޭ. އެހެންވީމާ ގެއެއްގެ ތެރޭގައި އެކަކު ގެއިން ބޭރަށް ނިކުންނަ ކަަމަށްވާނަމަ ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ ގޭގައި ހުންނަ އުމުރުން ދުވަސްވީ މީހާއަށް. އެހެންވީމާ ނަގަނީ ބަލި ޖެހެމުގެ ފުރުސަތު އޮންނަ މީހާ އާއި އުމުރުން ދުވަސްވީ މީހާގެ ސާމްޕަލް. ކުރިން ތިން ދުވަހެއްގައި ނެގި ސާމްޕަލްތައް ނެގެޓިވް. އެކަމަކު މިއަދު ނެގި ސާމްޕަ ޕޮޒިޓިވްވެފައިވޭ.ޑރ ނަޒްލާ ރަފީޤް
ޑރ ނަޒްލާ ވިދާޅުވީ އެހެންކަމުން އުމުރުން ދުވަސްވީ މީހާއަށް ބަލިޖެހިފައިވާ ކަން އެންމެ ފަސޭހައިން ދެނެގަނެވޭނީވެސް ޓެސްޓް ކުރުމުން ކަމަށާއި އެހެން ކަމުން އެކަމަށް ހުރިހާ ފަރާތްތަކުންވެސް ވީ އެންމެ ބޮޑަށް ސަމާލުކަން ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.