ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކޮށްފައިވާ ޚަރަދުގެ ބޮޑު އިންސައްތައެއް ހޭދަކޮށްފައިވަނީ ސްޓޭޓް ޓްރޭޑިން އޯނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ފިނޭންސް މިނިސްޓްރީން އެންއީއޯސީ ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް 814 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.
އޭގެ ތެރެއިން 72 އިންސައްތަ ޚަރަދުކޮށްފައި ވާނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް ވިދާޅުވިއެވެ. އެސްޓީއޯ މެދުވެރިކޮށް ޚަރަދުކޮށްފައި ވަނީ ބޭހާ، ސިއްހީ އާލާތްތަކުގެ އިތުރުން ކާޑުގެ ބާވަތްތަކަށް ކަމަށެވެ.
އަމީރު ވިދާޅުވީ، މިނިސްޓްރީން މަސައްކަތް ކުރަނީ ވީހާވެސް ބޮޑަކަށް ދެފުށް ފެންނަ ގޮތަކަށް މަސަައްކަތް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ. އެގޮތުން އޮޑިޓަރ ޖެނެރަލް އާއި ޕީސީބީ މެދުވެރިކޮށް އެސްޓީއޯގެ ޚާއްސަ އޮޑިޓެއް ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
ޖުމުލަ ޚަރަދުގެ ބޮޑު ބައެއް މި ކުރެވެނީ އެސްޓީއޯ މެދުވެރިކޮށް ކަމަށްވާތީވެ އަޅުގަނޑުމެންގެ އޮޑިޓުން ވަނީ އޮޑިޓަރ ޖެނެރަލް އޮފީހުގައިވެސް އެސްޓީއޯގެ ޚާއްސަ އޮޑިޓެއްވެސް ކުރުމަށް. ޕީސީބީ މެދުވެރިކޮށް އެދިފައިވާނެ އެސްޓީއޯގެ އިންޓަރނަލް އޮޑިޓުންވެސް ކަންތައްތައް ބަލައި ޕްރޮސެސް ހިނގަނީ ރަނގަޅަށްތޯ ބަލައި އެކަންތައްތައް ކުރުމަށް.އިބްރާހިމް އަމީރު - ފިނޭންސް މިނިސްޓަރު
އަމީރު ވިދާޅުވި ގޮތުގައި އެ އޮޑިޓްގެ މައިގަނޑު ބޭނުމަކީ އެއްވެސް ލީކެއް ނުވަތަ ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރިތޯ ބަލައި އެކަން ރަނގަޅު ކުރުމެވެ.
މިނިސްޓަރު ވިދާޅުވީ، ބަދަލުވަމުންދާ ހާލަތާއި ކޮވިޑަށް ބަޖެޓު ކުރި ހިސާބުތައް ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން ކުރިން ފާސްކުރި ބަޖެޓުގައި އާމްދާނީގެ ގޮތުގައި 29.9 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. އެކަމަކު ކޮވިޑް-19 އާ އެކު ސިނާރިއޯ ތިނެއްގައި ޖުމުލަ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި 15.8 ބިލިއަން ރުފިޔާއެވެ.