ދައުލަތް ހިންގުމުގެ ޚަރަދު ބެލެހެއްޓުމުގެ ގޮތުން ސަރުކާރަށް ބޭނުންވާ ފައިސާގެ ގޮތުގައި މިހާތަނަށް 290 މިލިއަން ޑޮލަރު ކަށަވަރު ކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.
ހޮނިހިރު ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މާލީ ވަޒީރު އިބްރާހިމް އަމީރު ވިދާޅުވީ، މި 290 މިލިއަން ޑޮލަރުގެ ތެރޭގައި ހިމެނެނީ ހިލޭ އެހީގެ ގޮތުގައި ލިބިފައިވާ ފައިސާ އާއި ލޯނުގެ ގޮތުގައި ނަގާފައިވާ ފައިސާ ކަމަށެވެ.
މީގެ ތެރެއިން ބައެއް ފައިސާއަކީ ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ނަގާފައިވާ ލޯނު އެހީ އެވެ. މިހާތަނަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (28.9 މިލިއަން ރުފިޔާ) އަދި ވަރލްޑް ބޭންކް (10 މިލިއަން ރުފިޔާ) ފަދަ މާލީ އިދާރާތަކުން އެހީ ވަނީ ހަމަޖެހިފަ އެވެ. އިތުރު ފަރާތްތަކާއި އިތުރު އެހީ ހޯދުމުގެ މަޝްވަރާތައް ކުރަމުން އަންނަ ވާހަކަ ފިނޭންސް މިނިސްޓަރު ވަނީ ހާމަކުރައްވާފަ އެވެ.
މި ވަގުތު ދައުލަތުގެ މާލިއްޔާ އިން ހޭދަކުރަމުން އަންނަ ކަންކަމަށް އަލިއަޅުވާލާ ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ކޮންމެހެން ކުރަންޖެހޭ ޚަރަދުތައް ފިޔަވައި އެހެން ޚަރަދުތައް މިހާރު ނުކުރާ ކަމަށެވެ. އެގޮތުން މި އަހަރަށް ފާސްކުރި ބަޖެޓުގައި ހުރި އަންދާޒާތަކަށް ބަދަލު އައުމާއެކު، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ގިނަ މަސައްކަތެއް ކޮށްފައިވާކަން ފާހަގަކުރެއްވި އެވެ.
އެންމެ ފަހުގެ އަންދާޒާތަކަށް ބަލާއިރު، އާމްދަނީގެ ގޮތުގައި ދައުލަތަށް މި އަހަރަށް ލިބޭނެކަމަށް ބެލެވެނީ 15.8 ބިލިއަން ރުފިޔާ އެވެ. މިއީ ކުރިން އަންދާޒާ ކުރި 29.9 ބިލިއަން ރުފިޔާ އަށް ވުރެ، 14.1 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. އަންދާޒާ ކޮށްފައިވާ 15.8 ބިލިއަން ރުފިޔާގެ އާމްދަނީ ލިބޭނީ، އަންނަ ޖުލައި މަހުގެ ތެރޭގައި އިގްތިސާދު ހުޅުވާލެވިގެންނެވެ.
މިހާރު ނަގަމުންދާ ލޯނުތަކާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުރިކަމަށް ނޫސްވެރިއަކު ބުނުމުން އަމީރު ވަނީ ސަރުކާރުގެ ސިޔާސަތު ދިފާއު ކުރައްވާފަ އެވެ. އަދި ސަރުކާރުން ފައިސާ ހޯދަނީ ކުރަންޖެހޭ ޚަރަދުތަކަށް ބަލައިގެން، ޚަރަދު ކުޑަކުރުމުގެ އުސޫލުތަކުގެ ތެރެއިން ކަމަށް އަމީރު ވިދާޅުވި އެވެ.