ނ. މަނަދޫގައި ދާއިމީކޮށް ބޭސް ބޭނުން ކުރާ ފަރާތްތަކަށް ބޭސް ލިބުމުގައި ދަތިތައް އެބަހުރި ކަމަށް އެރަށުގެ ކައުންސިލުން ބުނެފި އެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއުގައި މަނަދޫ ކައުންސިލްގެ ރައީސް މުހައްމަދު އުމަރު ވިދާޅުވީ، ދާއިމީ ފަރުވާއަށް ބައެއް ބޭސްތައް ބޭނުން ކުރާ ފަރާތްތަކަށް ބޭސް ލިބުމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، އެކަން ޙައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ގުޅިގެން އެފަދަ ފަރާތްތަކަށް ބޭނުންވާ ބޭސްތައް ގެނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ބޭސްތައް ގެނައުމުގައި ބައެއް ފަހަރު މަސް ދުވަސް ނުވަތަ އެއަށްވުރެ ވެސް ގިނަ ދުވަސް ނަގާ ކަމަށެވެ.
އެއީ ރާއްޖެއިން ނުލިބޭ ބައެއް ބޭސްތައް ބޭނުން ކުރަންޖެހޭ އުމުރުން ދުވަސްވީ މީހުން މަނަދޫގައި އެބަ ދިރިއުޅޭ. އެސްޓީއޯ ފާރމަސީއާ ގުޅިގެން އަޅުގަނޑުމެން މިދަނި އެފަރާތްތަކަށް ބޭސް ހޯދާނެ ގޮތް ތަނަވަސްކޮށް ދެމުން. އަސްލު ހަގީގަތުގައި މިދަނޑިވަޅަށް ބަލާއިރު ދަތުރުފަތު ކުރުމާއި، އެކަހަލަ ކަންތައްތައް ހުއްޓިފައި އޮތީމަ ވަރަށް ދަތިތަކާ ކުރިމަތިވޭ ބޭސް ގެނައުމުގައި.ކައުންސިލްގެ ރައީސް މުހައްމަދު އުމަރު
ކޮވިޑް-19ގެ އެންމެ ނުރައްކާ ބޮޑީ އުމުރުން ދުވަސްވީ މީހުންނާއި، ދާއިމީ ބައްޔަކަށް ބޭސް ބޭނުން ކުރާ މީހުންނަށެވެ. އެހެންކަމުން މިފަދަ ފަރާތްތަކަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ސިއްހީ މާހިރުން ވަނީ ލަފާދީފަ އެވެ.
އެކަމާއި ގުޅޭ ގޮތުން އުމަރު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އެގޮތުން އުމުރުން ދުވަސްވީ މީހުންގެ ދަފްތަރެއް އޮންނާނެ ކަމަށާއި، އެހެންނަމަވެސް ދާއިމީ ކޮށް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ދަފްތަރެއް އަދި އެކުލަވާލެވިފައި ނެތް ކަމަށެވެ. އެހެންކަމުން އެ މަސައްކަތް ކުރާނ ކަމަށް އުމަރު ވިދާޅުވިއެވެ.
ކޮވިޑް-19 ރާއްޖޭގައި ހަލުވި މިނެއްގައި ފެތުރެމުންދާއިރު، މަނަދޫން ބަޔަކު ބައްޔަށް ޕޮޒިޓިވްވެ 'ކޮމިއުނިޓީ ސްޕްރެޑް' އެއް ވަނީ ފެނިފަ އެވެ. އެ ރަށުން ޕޮޒިޓިވްވީ ފުރަތަމަ މީހާއާ ކޮންޓެކްޓްވީ މީހުންގެ ތެރެއިން ނެގި 34 ސާމްޕަލްގެ ތެރެއިން 9 ސާމްޕަލްއެއް ވަނީ ޕޮޒިޓިވް ވެފަ އެވެ.