ކ. މާލެ
|
16 މެއި 2020 | ހޮނިހިރު 00:00
އެތުލެޓިކޯ މެޑްރިޑްގެ ޑިފެންޑަރު ރެނަން ލޯޑީ: ކޮވިޑް-19ށް ނެގެޓިވް ވުމުން ވަނީ ތަމްރީނުތަކަށް ނުކުމެފައި
އެތުލެޓިކޯ މެޑްރިޑްގެ ޑިފެންޑަރު ރެނަން ލޯޑީ: ކޮވިޑް-19ށް ނެގެޓިވް ވުމުން ވަނީ ތަމްރީނުތަކަށް ނުކުމެފައި
ގެޓީ އިމޭޖަސް
ރެނަން ލޯޑީ ނެގެޓިވްވުން
ވައިރަހަށް ނެގެޓިވް ވުމުން ރެނަން ލޯޑީ ތަމްރީނުތަކަށް
ފުރަތަމަ ހެދި ޓެސްޓުން ރެނަން ލޯޑީ ޕޮޒިޓިވްވި ނަމަވެސް، އެއްވެސް އަލާމާތެއް ފެނިފައެއް ނުވޭ
އެތުލެޓިކޯގެ ކުޅުންތެރިން ވަނީ އެކަނި ތަމްރީނުތައް ފަށާފައި

އެތުލެޓިކޯ މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު ރެނަން ލޯޑީ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ނެގެޓިވް ވުމުން، ތަމްރީނުތަކަށް ނުކުމެއްޖެ އެވެ.

އުމުރުން 22 އަހަރުގެ ރެނަން ލޯޑީ ކޮވިޑް-19 އަށް އެންމެ ފުރަތަމަ ހެދި ޓެސްޓުން ޕޮޒިޓިވްވި ނަމަވެސް، އެއްވެސް އަލާމާތެއް ފެނިފައެއް ނުވެ އެވެ. އަދި ފަހުން ހެދި ޓެސްޓު ނެގެޓިވް ވުމުން އޭނާ ވަނީ އެތުލެޓިކޯގެ ޓްރެއިނިން ސެންޓަރަށް ގޮސް އެކަނި ތަމްރީނުތަކަށް ނުކުމެފަ އެވެ.

މެދުކަނޑާލި ސްޕެނިޝް ލީގު ޖޫން މަހު 20 ވަނަ ދުވަހު އަލުން ފެށަން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު، މިމަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ސްޕެއިން ސަރުކާރުން ވަނީ ދީފަ އެވެ. އެކަމަކު ކުޅުންތެރިން އެކުގައި ތަމްރީން ކުރުމުގެ ހުއްދަ އަދި ދީފައެއް ނުވެ އެވެ.

ސްޕެނިޝް ލީގު ފުރިހަމަ ކުރަން ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން ލަލީގާގެ ވިސްނުމަކީ މިމަހުގެ 18 ވަނަ ދުވަހު ޓީމުތަކުގެ ހުރިހާ ކުޅުންތެރިން އެކުގައި ތަމްރީނުތައް ހަދަން ފެށުމެވެ.

މީގެ ކުރިން ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު ލީގު އަލުން ފެށޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވިދާޅުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް