ކ. މާލެ
|
15 މެއި 2020 | ހުކުރު 22:43
ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު ހޯސޭ މޮރީނިއޯ: ލީގު އަވަހަށް ފަށަން ދެކޮޅު ނަހަދާ ކަމަށް ވަނީ ބުނެފައި
ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު ހޯސޭ މޮރީނިއޯ: ލީގު އަވަހަށް ފަށަން ދެކޮޅު ނަހަދާ ކަމަށް ވަނީ ބުނެފައި
ގެޓީ އިމޭޖަސް
ޕްރިމިއާ ލީގު އަލުން ފެށުން
ޕްރިމިއާ ލީގު އަވަހަށް ފަށަން ދެކޮޅެއް ނަހަދަން: މޮރީނިއޯ
ޖޫން މަހުގެ އަށްވަނަ ދުވަހު ޕްރިމިއާ ލީގު ފަށަން އަންނަނީ މަސައްކަތް ކުރަމުން
ބައެއް ތަޖުރިބާކާރުން ވަނީ ޕްރިމިއާ ލީގު ފެށުން އަދި އަވަސް ކަމަށް ބުނެފައި

އިނގިރޭސި ޕްރިމިއާ ލީގު ޖޫން މަހު ފަށަން ދެކޮޅު ނުހަދާ ކަމަށް ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އިނގިރޭސިވިލާތުން ލޮކްޑައުންގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުމުގެ ގޮތުން އެ ގައުމުގެ ސަރުކާރުން ވަނީ ޖޫން މަހު ސަޕޯޓަރުން ނުވައްދައި، އެ ގައުމުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށޭނެ ކަމުގެ ހުއްދަ ދީފަ އެވެ.

އެއާއެކު ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މެދުކަނޑާލާފައިވާ ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ކުޅޭގޮތަށް ޖޫން މަހުގެ 8 ވަނަ ދުވަހު ފަށައި، ޖުލައި މަހުގެ 27 ވަނަ ދުވަހަށް ލީގު އެއްކޮށް ފުރިހަމަކުރަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލީގު ކުރިއަށް ގެންދިޔުމަށް ހުރިހާ ކްލަބުތަކުން މިހާރު ވަނީ އެއްބަސްވެފަ އެވެ.

ލީގު އަލުން ފެށުމާ ގުޅޭގޮތުން ކްލަބުތަކުގެ ކޯޗުންނާއެކުވެސް މަޝްވަރާތައް ކުރިއަށް ދިޔައިރު، ބައެއް މީޑިއާތަކުން ވަނީ ޖޫން މަހު ލީގު އަލުން ފެށުމާ މޮރީނިއޯ ދެކޮޅު ކަމަށް ބުނެފަ އެވެ. އެގޮތުން މޮރީނިއޯ ހުށަހެޅީ ކުޅުންތެރިން ތަމްރީނުކުރުމަށް މަސް ދުވަހުގެ މުއްދަތެއް ދިނުމަށްފަހު ކަމަށް ވަނީ ރިޕޯޓުކޮށްފަ އެވެ.

އެ ވާހަކަތަކަށް ރައްދު ދެމުން މޮރީނިއޯ ބުނީ ޖޫން މަހު ލީގު އަލުން ފެށަން ދެކޮޅު ހަދާފައި ނުވާނެ ކަމަށާއި، އޭނާވެސް ބޭނުން ވަނީ ވީ އެންމެ އަވަހަކަށް ލީގުގެ މެޗުތައް ފެށުން ކަމަށެވެ. އަދި ޔޫރަޕްގެ އެހެން ލީގުތައް ވެސް އަލުން ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، ޕްރިމިއާ ލީގު އަލުން ފަށަން ކެތްމަދުވެފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މީގެ ކުރިން ބައެއް ކުޅިވަރު ތަޖުރިބާކާރުންވެސް ވަނީ ލީގު ފެށުން އަދި އަވަސް ކަމަށް ބުނެފަ އެވެ. އަދި ބައެއް ފަރާތްތަކުން ވަނީ ލީގު ކެންސަލް ކުރަންވެސް ގޮވާލާފަ އެވެ.

އެކަމަކު ޕްރިމިއާ ލީގު އަލުން ކުރިއަށް ގެންދަން ކްލަބުތަކާއެކު މަޝްވަރާ ކުރަމުން އަންނައިރު، ރިޕޯޓުތައް ބުނާގޮތުން ޕްރިމިއާ ލީގުން މިހާރު ހުށަހަޅާފައިވަނީ ލީގު އަލުން ފަށާއިރު މެޗުތައް ތަފާތު 10 ދަނޑެއްގައި ކުޅޭށެވެ. އެ ދަނޑުތައް އިޚުތިޔާރުކުރުމުގައި ގޮތެއް ނިންމާނީ ކްލަބްތަކުންނެވެ. މި ގޮތަށް ކުރިއަށްދާއިރު އެއްވެސް ޓީމަކަށް އެ ޓީމުގެ އަމިއްލަ ދަނޑުގައި މެޗެއް ކުޅުމުގެ ފުރުސަތެއް ނުލިބޭނެ އެވެ.

މާޗު މަހުގެ އަށްވަނަ ދުވަހު ޕްރިމިއާ ލީގު ކުޅުން ހުއްޓާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ 9 މެޗެވެ. ދެން އޮތް 4 ޓީމަށް 10 މެޗު އެބައޮތެވެ.

ލީގު މެދުކަނޑާލިއިރު އެއްވަނައިގައި 82 ޕޮއިންޓާއެކު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް