ރާއްޖޭގައި މިވަގުތު ތާށިވެފައި ތިބި އިންޑިއާ ރައްޔިތުންއަނބުރާ ގައުމަށް ގެންދަން އައި އެ ގައުމުގެ ކަނޑުގެ އަސްކަރިއްޔާގެ މަނަވަރުން 588 ރައްޔިތަކު އަނބުރާ ފޮނުވާލައިފި އެވެ.
ހުކުރު ދުވަހު އިންޑިއާގެ 588 ރައްޔިތަކު އަނބުރާ ޤައުމަށް ފޮނުވާލާފައިވާއިރު، އެކަމާ ގުޅޭގޮތުން "ރާއްޖެއެމްވީ" އަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރް ސަންޖޭ ސުދީރު ވިދާޅުވީ، މިއީ ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އަނބުރާ ޤައުމަށް ގެންދިއުމަށް ކުރެވޭ 3 ވަނަ ދަތުރު ކަމަށެވެ.
ސަންޖޭ ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ލޮކްޑައުންގެ ފިޔަވަޅުތަކުގެ ސަބަބުން ގޮންޖެހުންތަކެއް ހުރި ނަމަވެސް، ރާއްޖޭގެ ސަރުކާރާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އެގޮތުން މި މަސައްކަތުގައި ރާއްޖެއިން ވެދޭ އެހީތެރިކަން ފާހަގަކުރައްވައި ސަންޖޭ ވަނީ ރާއްޖޭގެ ސަރުކާރަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
އޭގެ އިތުރުން، މި މަސައްކަތް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވެނީ ދެ ޤައުމުގެ ކަމާބެހޭ އިދާރާތަކުގެ "ކޯޑިނޭޝަން" ރަނގަޅުވުމުންކަން ފާހަގަކުރައްވައި އޭނާ ވަނީ އިންޑިއާ ރައްޔިތުން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރި އިދާރާތަކަށް ޝުކުރު އަދާ ކުރައްވާފައެވެ.
އަދި ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައިވެސް އިންޑިއާގެ އިތުރު ރައްޔިތުންތަކެއް ފުރުމުގެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި އިންޑިއާގެ 27،000 މީހުން އުޅެމުންދާއިރު، އިންޑިއާއަށް އަނބުރާ ދާން ބޭނުންވެގެން ހައި ކޮމިޝަންގައި މިހާތަނަށް އެދިފައިވާ ރައްޔިތުންގެ ތެރޭގައި ގިނައީ ފަތުރުވެރިކަމުގެ ސިނާއަތަށް އައި ހީނަރުކަމާއި ގުޅިގެން ވަޒީފާ ގެއްލިފައިވާ ރިސޯޓް މުވައްޒަފުން ކަަމަށް ސަންޖޭ މީގެ ކުރިން ވިދާޅުވެފައި ވެއެވެ.
އޭގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ ހާލަތާއި ގުޅިގެން، އަނބުރާ ގައުމަށް ދާން ބޭނުންވެފައިވާ 4500 ރައްޔިތަކު ހައިކޮމިޝަންގައި އެދިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
އިންޑިއާގެ ގިނަ އަދަދެއްގެ ރައްޔިތުންތަކެއް ރާއްޖޭގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރެއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ މީހުން މަސައްކަތް ކުރަމުންދަނީ ތައުލީމީ ދާއިރާ، ސިއްހީ ދާއިރާގެ އިތުުރުން ފަތުރުވެރިކަމުގެ ދާއިރާގަ އެވެ.
އިންޑިއާއިން ވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގައުމަށް ގެންދިއުމަށް "މިޝަން ވަންދޭ ބާރާތް" އާއި "ސަމުދްރާ ސެތޫ" ގެ ނަމުގައި އޮޕަރޭޝަނެއް ފަށާފަ އެވެ. މިއީ މިހާތަނަށް އިންޑިއާއިން ހިންގާ މިފަދަ އެންމެ ބޮޑު އޮޕަރޭޝަނެވެ. ރާއްޖެއިން އެކަނިވެސް މިހާތަނަށް 1500ށް ވުރެ އިތުރު މީހުން ވަނީ ފޮނުވާލާފަ އެވެ.