ހއ އަތޮޅުން ފެށިގެން ފ އަތޮޅަށް ޔެލޯ އެލަރޓް ނެރެފި އެވެ.
މެޓް އޮފީހުން ބުނީ މިރޭ 7 ން ފެށިގެން 10 ޖެހުމާ ހަމައަށް އެސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށެވެ. އަދި އާންމު ގަޑީގައި 28 މޭލާއި 35 މޭލަށް ވައި ގަދަވާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެއިތުރުން ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށް ވަނީ މިރޭ 10:00 ހަމައަށް ވައިޓް އެލަރޓް ނެރެފަ އެވެ. އަދި މ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ މިރޭ 11:00 ޖެހުމާ ހަމައަށް ވައިޓް އެލަރޓް ނެރެފަ އެވެ. މެޓް އޮފީހުން ބުނީ ވިލާ ގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އަދި މި ހުޅަނގުމޫސުމުގެ ވިއްސާރައިގައި އާންމުކޮށް ހުރިހާފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލު ވުމަށް އެދޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވާނެ ކަމަށާއި، އެހެން ނަމަވެސް ތޫފާނުގެ ގެއްލުން ރާއްޖެއަށް ކުރާނެވަރު ކުޑަވާނެ ކަމަށްވެސް ނެޝަނަލް މީޓިއަރޮލޮޖިކަލް ސެންޓަރު (މެޓް) އިން ވަނީ ބުނެފަ އެވެ. ރާއްޖެޓީވީގެ ކޮވިޑް-19 ކަވަރޭޖްގައި ވާހަކަ ދައްކަވަމުން އެސިސްޓެންޓް މީޓިއަރޮލޮޖިސްޓް އަބްދުﷲ ހާފިޒް ވިދާޅުވީ މި ކޮޅިގަނޑު، ހޮނިހިރު ދުވަހު ތޫފާނަކަށް ބަދަލުވާނެ ކަމަށް ލަފާކޮށްފައިވާއިރު، ތޫފާނުގެ ގެއްލުން ރާއްޖެއަށް ކުޑަވާނެ ކަމަށެވެ. ރާއްޖެއަށް ތޫފާންގެ އަސަރުކުޑަވާނީ ތޫފާން ދަތުރު ކުރަނީ ބަންގްލަދޭޝްއާ ދިމާލަށްވުމުން ކަމަށް ހާފިޒު ވިދާޅުވި އެވެ.