މ. ދިއްގަރުގައި އެކަށީގެންވާ ވަރުގެ ކަރަންޓީން ފެސިލިޓީއެއް ނެތް ކަމަށާއި، މަޝްވަރާ ކުރަމުންދަނީ ރަށުގައި ހުރި ފަޅު ގެތައް ކަރަންޓީން ފެސިލިޓީ ގޮތުގައި ބޭނުން ކުރުމަށް ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.
ރާއްޖެޓީވީގެ ކޮވިޑް-19ގެ ކަވަރޭޖަށް ދެއްވި އިންޓަވިއު އެއްގައި ކައުންސިލްގެ ރައީސް އަހުމަދު ނިޝާން ވިދާޅުވީ މިހާރު އަތޮޅު ތެރޭގައި އަމަލުކުރަންވީ ގޮތް އެލްޖީއޭ އިން ކައުންސިލް ތަކަށް ފޮނުވާ ކަމަށެވެ.
ޚާއްސަ އުސޫލެއް އެކުލަވާލާފައި ވާއިރު، އެ އުސޫލުގައިވާ ގޮތުން ކަރަންޓީން އަދި އައިސޮލޭޝަން ފެސިލިޓީތައް ހަމަޖައްސަން ޖެހޭ ކަމަށެވެ. އެގޮތުން މިހާރު މަޝްވަރާ ކުރަމުންދަނީ ރަށުގައި ހުރި ފަޅު ގެތައް ފެސިލިޓީތަކުގެ ގޮތުގައި ބޭނުން ކުރުމަށް ކަމަށް ނިޝާން ވިދާޅުވިއެވެ.
ރަށުގައި ކަރަންޓީން ފެސިލިޓީއެއް ނެތް. ނަމަވެސް އެންމެ ފުރަތަމަ އަޅުގަނޑު ކަރަންޓީން ފެސިލިޓީ އަދި އައިސޮލޭޝަން މަސައްކަތްތައްކޮށް އެއް ރޫމް އަޅުގަނޑުމެންނަށް ގާއިމް ކުރެވިފައި ހުރި. ނަމަވެސް ރަށަށް މީހުން ގެނައުމަށްޓަކައި އިތުރު ރޫމްތައް ބޭނުންވާނެ. މިދަނޑިވަޅުގައި ނެތް.ކައުންސިލްގެ ރައީސް އަހުމަދު ނިޝާން
ރަށުގެ އާންމު ހަލާތާ ބެހޭ ގޮތުން ނިޝާން ވިދާޅުވީ އެކަށީގެންވާ މިންވަރަށް ރަށުގައި، ކާޑުގެ ބާވަތްތައް އެބަހުރި ކަމަށާއި، ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ އާލާތްތައް ލިބެން އެބަހުރި ކަމަށެވެ.
ނިޝާން ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ސިއްހީ ދާއިރާއަށް ބޭނުންވާ އާލާތްތައް ހޯދުމުގެ މަސައްކަތްތައް އަތޮޅު ކައުންސިލާއި ގުޅިގެން ކުރަމުން އަންނަ ކަމަށާއި، ބައެއް ސާމާނު މިހާރު ލިބިފައިވާ ކަމަށެވެ. އެގޮތުން އަންގި، މާސްކް އެއްޗެހި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަނގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ސާންޕަލްތައް ނެގުމަށްޓަކައި ޓެސްޓު ކިޓްތައް ހުރި ނަމަވެސް ޕީޕީއީ ލިބިފައި ހުރީ ވަރަށް މަދުން ކަމަށެވެ.
މާލެ ސިޓީގައި ތިބި ދިއްގަރުގެ ރައްޔިތުން ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވައި ނިޝާން ވިދާޅުވީ ރަށަށް ދާން ބޭނުންވެގެން 48 މީހަކު ރަޖިސްޓްރީ ވެފައިވާ ކަމަށާއި، ލިސްޓު ތަރުތީބު ކުރުމަށް ފަހު އެލްޖީއޭއަށް ފޮނުވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ މ. އަތޮޅުގެ މީހުން މެދުފުށި ކަރަންޓީން ފެސިލިޓީއަށް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެ އިތުރުން ނިޝާން ވިދާޅުވީ ރަށުގެ ރައްޔިތުންގެ ސަލާމާތާއި ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
އެގޮތުން މިހާރު ރަށަށް އަރާ ފޭބުން ވަގުތީ ގޮތުން މަނާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޚާއްސަ ހާލަތެއްގައި އަތޮޅުތެރޭގެ ރަށަކުން އެ ރަށަށް އަންނަން ބޭނުންވާ މީހުންނަށް އެފުރުސަތު އެބަ އޮތް ކަމަށާއި، ރަށަށް އައުމާއެކު އިތުރަށް 14 ދުވަހު ގޭގައި އެމީހުން މަޑުކުރާނެ ކަމަށް ނިޝާން ވިދާޅުވިއެވެ.
ވިޔަފާރި އުސޫލަށް ވެސް ބަދަލުތައް ގެނެސް، ރަށުގައި ދިރިއުޅޭ ބިދޭސީންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަން ވެސް ނިޝާން ވަނީ ފާހަގަ ކުރައްވާފަ އެވެ.