Advertisement
ކ. މާލެ
|
5 އޭޕްރިލް 2017 | ބުދަ 04:07
ހަސަން ލަތީފު ފަލަ ސުރުހީ ޕްރޮގްރާމުގައި
ހަސަން ލަތީފު ފަލަ ސުރުހީ ޕްރޮގްރާމުގައި
ރާއްޖެއެމްވީ
ޕާޓީތަކުގެ މަޝްވަރާ
ސަރުކާރުން މަޝްވަރާ އަށް ގޮވާލަނީ ބޭރު ދުނިޔެއަށް އޮޅުވާލުމަށް: ހަސަން ލަތީފު
ސަރުކާރުގައި ތިބި ފަރާތްތަކަށްވެސް އިދިކޮޅު ފަރާތްތަކާ ގުޅުމަށް ވަނީ ގޮވާލައްވާފަ

ރައީސް ޔާމީން ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ފެށުމަށް ގޮވާލައްވާފައިވަނީ ބައިނަލްއަގްވާމީ ފަރާތްތަކުން އަންނަ ފިއްތުންތަކުގެ ސަބަބުން އެފަރާތްތަކުގެ ލޮލުގާ އަނދުންއެޅުވުމަށް ކަމަށް އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަަވަމުން، ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީން އަތޮޅުތަކަށް ކުރަމުން ގެންދާ ދަތުރުގައި މި ސަރުކާރު ކަމުނުދާކަން މުޅި ރާއްޖޭގެ ރައްޔިތުން އިއްތިފާގުވާކަން އެނގޭކަމަށެެވެ.

ހަސަން ވަނީ، އިދިކޮޅު ސިޔާސީ ޕާޓީތަކުން ގުޅިގެން މުހިއްމު މަސައްކަތްތަކެއް ފެށިގެން ކުރަމުންދާކަން ފާހަގަ ކުރައްވާފައެވެ. އެވެ.

"ރައްޔިތުންނަށް ހިތްވަރު ލިބިއްޖެ މަސީހުގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގައި ހިނގާދިޔަ ކަންކަމުން. ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދާ މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދޭ." ހަސަން ލަތީފު ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސްވެރިންނަށް ތަފާތު އެތަށް ފިއްތުންތަކެއް ކުރިމަތި ކުރުމަށް ކަމަށެެވެ. އެހެން ނަމަވެސް ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރުވި ނަމަވެސް އިދިކޮޅު ފަރާތްތަކުން ޖެހިލުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޚާއްސަކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އަށް ކުރިމަތި ކުރުވަމުންދާ ފިއްތުންތައް ހަސަން ފާހަަގަކުރެއްވި އެެވެ. އެ ފިއްތުންތަކަށް އެމަނިކުފާނު ޖެހިލުން ނުވާކަމަށާއި ސާބިތުކަމާ އެކު އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

"ހަތަރު ލީޑަރުން އެއްގަލަށް އަރައިގެން މަސައްކަތް ކުރަން ފަށާނީ ހަމަގައިމުވެސް ގޯސްތަކެއް ހުރެގެން. ރައީސް ޔާމީނަކީ ދުނިޔޭގައި ހުރި އެންމެ ގަދަ ލީޑަރެެއް ނޫން. އެގޮތަށް ގަބޫލު ކޮށްގެންވެސް ނުވާނެ. ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އެއްކޮށް މަސައްކަތް ކުރަން ފެށުމުން ރައީސް ޔާމީނަށް ގިނިކަންޏާ ހުންނަވާ މަސައްކަތް ކުރައްވާކަށް ފަސޭހަ ނުވާނެ." ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން މިހާރު މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފައިވަނީ ގިނިކަންޏާ ކަމަށާއި އެމަކިފާނަށް ކުރިމަތިވެ ވަޑައިގަންނަވާ ފިއްތުންތައް ހުއްޓުވުމަށް ސިޔާސީ ގޮތުން ހަރަކާތްތެރިވާ މީހުންނާއި، އެކްޓިވިސްޓުންނާއި ނޫސްވެރިންނަށް ހުރަސް ތަކާއި ފިއްތުންތައް ކުރިމަތިކުރަައްވަމުން ގެންދަވާ ކަމަށެެވެ.

ހަސަން ވިދާޅުވީ، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނެއްކާވެސް ހުށަހެޅޭނެ ކަމަށާއި ދެން އެކަން ކުރެވިގެންދާނީ ކާމިޔާބު ކުރެވޭނެ ގޮތަށް ކަމަށެެވެ. ރޯލް ކޯލް އަކަށް ނުދިޔަ ނަމަ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އޮތް ކަަމަށް އޭނާ ވިދާޅުވި އެވެ.

ހަސަން ލަތީފު ވިދާޅުވީ ސަރުކާރުން މަޝްވަރާގެ ވާހަކަ ދައްކަނީ ކޮންމެ ފަހަރުވެސް އިދިކޮޅު ފަރާތްތަކުގެ ޕްރެޝަރު ބޮޑުވެގެން، ބޭރުން އަންނަ ފިއްތުންތަކުގައި މަތި އެޅުމުގެ ބޭނުމުގައި ކަމަށެެވެ.

"ބޭރުގެ ފަރާތްތަކަށް ވަރަށް ރަނގަޅަށް އެގިލައްވާ ރާއްޖޭގެ ސިޔާސީ މަސްރަހު އޮތް ގޮތް. އެއްވެސް ކަމެއް އޮޅިފައެއް ނޯންނާނެ.އެކަން އަންނަނީ އަޅުގަނޑުމެންގެ ތެެރެއިން އެފަރާތްތަކާ ހިއްސާކުރަމުން." ހަސަން ވިދާޅުވި އެވެ.

 ހަސަން ވަނީ، ރައީސް ޔާމީނުގެ އޮޑި ފެތެމުން އަންނަ ކަމަށް ވިދާޅުވެ، ސަރުކާރުގައި ތިބި ފަރާތްތަކަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ގުޅުމަށް ގޮވާލައްވާފަ އެެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް