ކޮވިޑް-19 އަށް ޕޮޒިޓިވްވި ތިން ބިދޭސީންގެ ތެރެއިން ގެއްލިގެން ހޯދަމުން ދިޔަ އެކަކު ފެނިފައިވާ ކަމަށް ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބުނެފި އެވެ.
ބުރާސްފަތި ދުވަހުގެރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވި، ގެއްލިގެން ހޯދާ ތިން ބިދޭސީންގެ ތެރެއިން އެކަކު ހޯދިފައިވާ ކަމަށެވެ. އަދި ބާކި ތިބި މީހުންގެ ތެރެއިން ދެ މީހަކު ހޯދަމުންދާ ކަމަށެވެ.
ރެންޑަމް ސާމްޕަލް ނެގުމުގެ ތެރެއިން ޕޮޒިޓިވްވި ހަތް ބިދޭސީއަކާ ގުޅިފައި ނުވާތީ އެ މީހުން ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ފުލުހުންގެ އެހީއަށް އެދިފަ އެވެ. އޭގެ ތެރެއިން ހަތަރު މީހަކު ހޯދާފައިވާ ކަމަށް އެންއީއޯސީން ވަނީ ބުނެފަ އެވެ. އަދި ހޯދަމުން ދިޔަ އެކަކު އޮތީ ވެންޓިލޭޓަރުގައި ކަމަށް މަބްރޫކް ވަނީ ވިދާޅުވެފަ އެވެ.
ގެއްލިގެން ހޯދަމުން އަންނަ މީހަކި ނުފެނިއްޖެނަމަ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވާ ބާރުގެ ދަށުން އެ މީހުންގެ ޒާތީ މައުލޫމާތު ހާމަކުރާނެ ކަމަށް އެންއީއޯސީން ބުންޏެވެ. މިހާތަނަށް ކޮވިޑް-19 ޖެހިފައިވާ މީހެއްގެ ޒާތީ މައުލޫމާތު އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ. ނަމަވެސް، މައުލޫމާތު ދޭން ދެކޮޅު ހެދި މީހަކަށް އެއްބާރުލުން ނުދީފިނަމަ މައުލޫމާތު ހާމަކުރާނެ ކަމުގެ އިންޒާރު މީގެކުރިން ދީފައި ވެ އެވެ.