ގިނަ މީހުން އެއްވެ އުޅޭ ތަންތަނުގައި ގައިންގަޔަށް އަރާ ބަލިތައް ފަސޭހައިން ފެތުރިގެން ދާނެ ކަމަށް ބުނުމުން ގިނަ ބަޔަކު ހައިރާނެއް ނުވާނެ އެވެ. ނަމަވެސް، ވައިރަސް ފެތުރިގަންނަނީ ކިހާ ފަސޭހައަކުން ކަން އެނގުމުން ގިނަ ބަޔަކު ހައިރާންކޮށްލާނެ ކަން ޔަގީނެވެ.
ޖަޕާނުގެ ދައުލަތުގެ މީޑިއާ، އެންއެޗްކޭ، އިން ދާދި ފަހުން ވަނީ މިފަދަ މާހައުލެއްގެ ތެރޭގައި ވައިރަސް ފެތުރިގަންނަ ގޮތް ދައްކުވައި ދީފައެވެ. މި އެކްސްޕެރިމެންޓުގައި އެ މީހުން ދައްކުވައި ދިނީ ކްރޫޒްލައިނަރ އެއްގެ ބަފޭ މޭޒުތަކުން ވައިރަސް ފެތުރިގަންނަ ގޮތެވެ.
އެކްސްޕެރިމެންޓު ފެށުމުގެ ގޮތުން، މި އެކްސްޕެރިމެންޓުގައި ބައިވެރިވި އެކަކުގެ އަތުގައި ފްލޮރިސަންޓް ކުލައެއް ހާކަ އެވެ. ޖުމުލަ ދިހަ މީހަކު މި އެކްސްޕެރިމެންޓުގައި ބައިވެރިވެފައިވާއިރު، ކުލަ ހާކަނީ އޭގެ ތެރެއިން އެކެއްގެ އަތުގައި އެކަންޏެވެ. އޭނާ އަކީ މި އެކްސްޕެރިމެންޓުގައި ވައިރަސް ޖެހިފައިވާ މީހާ އެވެ.
މި ފްލޮރިސަންޓް ކުލަ ފެންނަނީ އަނދިރި ތަންތަނުގައި އާއި ކަޅު ބޮކި (ޔޫވީ ލައިޓް) ގެ ދަށުގައި އެކަންޏެވެ. އަދި އެހެން މީހުންނާ ބައިވެގެން ކެއިން ބުއިމުގެ ކަންކަމުގައި އޭނާ ވެސް ޝާމިލު ވެއެވެ. ބައިގަޑިއިރު ވަންދެން މިހެން އޭނާ އުޅެ އެވެ. ބޮކިތައް ނިވާލުމަށް ފަހު، ފްލޮރިސެންޓް ކުލަ ހޭކިފައި ހުރީ ކޮންތަންތަނެއްގައިތޯ ބަލަ އެވެ.
ބައި ގަޑިިއިރުގެ ތެރޭގައި އޭނާގެ އަތުގައި ހުރި ކުލަ ނުހޭކޭ އެކަކު ވެސް އެ "ބަފޭ" ގައި ނެތެވެ. އެތަނުގައި ހުރި ހިފާ ގެންގުޅޭ ތަކެތީގައި އަދި މީހުންގެ މުނާއި އަތް ފައިގައި ވެސް އެ ކުލަ ވަނީ ހޭކިފަ އެވެ. ޖޯޑާއި ސަމުސަލާއި ޓިޝޫތަކުގައި ކުލަ ހޭކިފައިވާ މަންޒަރު ފެނުމުން އެކްސްޕެރިމެންޓުގެ ބައިވެރިން ވެސް ހައިރާން ވެއެވެ.
އޭގެ އިތުރުން އެކްސްޕެރިމެންޓުގައި ބައިވެރިވީ ތިން މީހެއްގެ މޫނުގައި ވެސް ކުލަ ހޭކިފައި ވެއެވެ. ޖުމުލަކޮށް ބުނާނަމަ، ބައި ގަޑިއިރުގެ ތެރޭގައި އެތަނުގައި ތިބި އެންމެންނާއި އެތަނުގެ ތެރޭގައި ހުރި ހުރިހާ ތަކެއްޗެއްގައި މި ބުނާ ކުލަ ވަނީ ހޭކިފަ އެވެ.
މި ކުލައަކީ "ވައިރަސް" އެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މި ވައިރަސް ވަނީ އެތަނުގައި ތިބި އެންމެނަށް "ޖެހިފަ" އެވެ. އެންމެންގެ ގައިގައި ކުލު ހުރުމުގެ މާނައަކީ އެތަނުގެ ތެރޭގައި އެ ވަގުތު ތިިބި އެންމެން ވައިރަހާ "ކޮންޓެކްޓް" ވެފައިވުމެވެ.
ވައިރަހުގެ ނުރައްކާ ބޮޑު. މުސްތަގުބަލަށް ސަމާލުވާން ޖެހޭ!
މި އެކްސްޕެރިމެންޓުން ވެސް ދައްކުވައި ދިނީ މިހާރު ދުނިޔޭގައި ހަލުވި މިނެއްގައި ފެތުރެމުން އަންނަ ކޮވިޑް-19 ބަލި ޖެހޭ ވައިރަހުގެ ނުރައްކާ މިންވަރެވެ. އެންމެ މީހެއްގެ ފަރުވާ ކުޑަކަމުން ނުވަތަ ނޭނގުމެއްގައި ނަމަވެސް، އެތައް ބަޔަކު ވައިރަހުގެ ޝިކާރައަކަށް ވުމަށް މަގުފަހި ވެގެން ދެއެވެ.
ގައުމުތައް އަލުން ހުޅުވާލުމުގެ ވާހަކަ ދައްކަމުން އަންނައިރު، އެންމެ ބޮޑު ނުރައްކަލެއް ކުރިމަތިވާނީ މިފަދަ މާހައުލުތަކުގައި މީހުން މަސްހުނިވެ އުޅުން ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. އަދި އަލުން ހުޅުވާލެވިގެން އަންނައިރު، މިފަދަ ކަންކަމަށް ސަމާލު ނުވެއްޖެނަމަ، ދެވަނަ ފަހަރަކަށް ގައުމުތައް މި ބަލިމަޑިކަމުގެ ނުރައްކަލާއި ކުރިމަތިލާން ޖެހިދާނެ ކަަމަށް އެ ފަރާތްތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.
ގައުމުތައް ހުޅުވާލުމުގެ މަސައްކަތް ކުރިއަށްދާއިރު، އެންމެ ފަހުން ހުއްދަ ދިނުމަށް ކަނޑައަޅާފައި ވަނީ ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނާއި ގިނަ މީހުން އެއްވެ ބާއްވާ ހަރަކާތްތަކެވެ. އަދި ވައިރަހާ އެކީ އުޅެން ދަސްކުރުމުގެ ވާހަކަ ދައްކާއިރު، މިފަދަ ތަންތަނުން ހިދުމަތް ހޯދަންދާ ފަރާތްތަކާއި ކުޅިވަރުގެ މައިޒާންތަކަށް އެއްވާ ފަރާތްތަކަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށް ސިއްހީ މާހިރުން ވަނީ ލަފާދީފަ އެވެ.