ޓުއަރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓް ހެކް ކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން މި މައްސަލަ ބަލަން ފަށާފައިވާއިރު، އެ މިނިސްޓްރީގެ ޓްވިޓާ އެކައުންޓުން ވަނީ ބޭއަދަބީ ބަސް ބޭނުންކޮށްގެން ޓްވީޓެއް ކޮށްފަ އެވެ. މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓް ހެކްކޮށް ބޭ އަދަބީ ބަހުން ޓްވީޓެއް ކޮށްފައިވާ އިރު، އެ ޓްވީޓު ކުރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޓްވީޓް ވަނީ ޑިލީޓްކޮށްފަ އެވެ. މީގެ އިތުރުން އެ މިނިސްޓްރީގެ ފޭސްބުކް އެކައުންޓް ވެސް ހެކް ކޮށްފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އަދި ސަރުކާރުން ކުރަމުން އަންނަ ބައެއް މަސައްކަތްތަކަށް ފާޑު ކިޔުމަށްފަހު ގިނަ ޕޯސްޓްތަކެއް ފޭސްބުކް ޕޭޖްގައި ޖަހާފައި ވެއެވެ. ނަމަވެސް އެ ޕޯސްޓްތައް ވެސް ފަހުން ވަނީ ޑިލީޓްކޮށްފަ އެވެ.
ޓުއަރިޒަމް މިނިސްޓްރީގެ ޓްވިޓާ އެކައުންޓް ހެކް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު ދާދި ފަހުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ވެބްސައިޓް ހެކް ކުރި މައްސަލަ ވެސް ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.
ހެކް ކުރުމުގެ މައްސަލަތަކެއް ފެންމަތިވެފައިވާ އިރު ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ފްރޮންޓްލައިންގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ސައިބަރ އެޓޭކް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ޑޮކްޓަރުންނަށް އަމާޒުކޮށްގެން ބުރާސްފަތި ދުވަހުގެ ރޭ ސައިބަރ އެޓޭކްތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން ވަޓްސްއެޕް މެދުވެރިކޮށް ކޮންޓެކްޓެއްގެ ނަމުގައި މެސެޖްކޮށް، ނުވަތަ ކޮންޓެކްޓެއްގެ ނަމުގައި ފޯންކޮށްގެން ކޯޑް ހޯދާ ފޯންތައް ހެކްކުރަމުންދާ ކަމަށެވެ.