ބާޒާރުކުރަން ފުލުހުން ދޫކުރަމުން އަންނަ ހުއްދަ ކޮންމެ ގޭބިސީއަކަށް ދެން ލިބޭނީ ހަފުތާއަކު އެންމެ ފަހަރަކު ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ހާމަކޮށްފި އެވެ،
މިކަމާއި ގުޅިގެން ކުރި ޓްވީޓެއްގައި ފުލުހުން ބުނެފައިވަނީ، ކުރިއަށް އޮތް ތަނުގައި ބާޒާރު ކުރަން ހުއްދަ ދޫކުރެވޭނީ ހަފުތާއަކު އެއް ފަހަރު ކަމަށެވެ. އަދި މި ގޮތުން މިހާރު ހުއްދަ ނަގާފައިވާ ފަރާތްތަކަށް ބަޒާރު ކުރަން އުޅެވޭނެ އައު ގަޑިތައް މެސެޖަކުން ލިބޭނެ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
މާލޭގެ މަގުތަކުގައި އެއް ފަހަރާ އުޅޭ މީހުން މަދުކުރުމުގެ ގޮތުން، ބާޒާރުކުރަން ދޫކުރާ ފާސްތަކުގެ އަދަދު މަދުކުރަން އުޅޭ ކަމުގެ އިޝާރާތެއް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮވިޑް ޓާސްކްފޯހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ދެއްވާފައެވެ.
މީގެ ކުރިން ކޮންމެ ތިން ދުވަހުން އެއް ދުވަހަކު ގޭބިސީއަކުން އެކަކަށް ބާޒާރުކުރަން ދެވޭ ގޮތަށް ހުއްދަ އައީ ދޫކުރަމުންނެވެ. މި ހުއްދައިގެ ދަށުން ވިޔަފާރި ކުރަން ދެވެނީ އެ މީހަކަށް ކަނޑައަޅާފައިވާ ސަރަހައްދަށެވެ.
ކޮވިޑް-19 އާ ގުޅިގެން މާލެ ވަނީ ޖުމްލަ 26 ސަރަހައްދަކަށް ބަހާލެވިފަ އެވެ.
ގޭބިސީތަކުން ވިޔަފާރިކުރަން ހުއްދަ ދޭ އުސޫލަށް ބަދަލު ގެނެސްފައި މިވަނީ، ކުރިއަށް އޮތް ދެ ހަފުތާއަކީ ކޮވިޑް-19 ބަލިމަޑުކަން ކޮންޓްރޯލް ކުރާ މަސައްކަތުގައި އެންމެ ހައްސާސް ދެ ހަފުތާ ކަމުގައި ވެގެން ހިނގައިދާނެ ކަމަށް އަންދާޒާކޮށްފަ ވާތީ ކަަމަށް ބެލެއެވެ. މިއާއެކު މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ މަސަައްކަތް ސަރުކާރާއި ކަމާއިބެހޭ އިދާރާތަކުން އަންނަނީ ކުރަމުންނެވެ.
ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ ބާޒާރުކުރަން ބޭރަށް ނުނިކުތުމަށް ޑޮކްޓަރުންވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މުޖުތަމައުގެ ތެރޭގައި ވައިރަސް ފެތުރިފައިވާ މިންވަރު މިހާތަނަށް ދެނެގަނެވިފައި ނުވާއިރު، މިކަމުގެ ސަބަބުން އިތުރު ބަޔަކު ނުރައްކަލަށް ހުށައެޅުމުގެ ފުރުސަތު އޮތުމުން، ގޭގައި ތިބުމަށް ވަނީ ނަސޭހަތްތެރި ވެފައެވެ.