ކޮވިޑް-19 ޖެހިފައިވާ މީހުންގެ ތެރެއިން މިވަގުތު ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދަނީ 11 މީހަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 ޓާސްކް ފޯހުން ބުރާސްފަތި ދުވަހުގެ ރޭ ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޑރ އަފްޒަލް ވިދާޅުވީ މީގެތެރެއިން ދެ މީހަކަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި ބާކީ ތިބި 9 މީހުންނަށް ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ. މީގެތެރެއިން 3 މީހަކަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގަ އެވެ.
ވެންޓިލޭޓަރު ގުޅައިގެން ފަރުވާދެމުން އަންނަ އެކަކު އެޑްމިޓްކުރެވިފައި އޮތީ ދަރުމަވަންތަ ހޮސްޕިޓަލްގަ އެވެ. ދަރުމަވަންތަ ހޮސްޕިޓަލްގައި މީގެ ކުރިން ވެންޓިލޭޓަރުގައި ދެ މީހަކަށް ފަރުވާ ދެމުންދިޔައިރު އެކަކު ވަނީ ބުދަ ދުވަހުގެ ރޭ ނިޔާވެފަ އެވެ. މިހާރު ދަރުމަވަންތަ ހޮސްޕިޓަލްގައި ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނީ 68 އަހަރުގެ ދިވެހި އަންހެނަކަށެވެ.
ވެންޓިލޭޓަރަށް ލައިގެން ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނީ ދެ ބިދޭސީންނަށެވެ. އެއީ އެއީ 54 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ. މި ދެ މީހުންގެ ހާލު ގޯސްވެފައިވާ ކަން އިއުލާނުކޮށްފައިވަނީ ވެންޓިލޭޓަރަށް ލުމަށް ފަހުގަ އެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑް-19 ޖެހިފައިވާ 982 މީހަކު ތިބިއިރު މީގެ ތެރެއިން ހާލު ބޮޑު މީހުންނަށް ފަރުވާ ދެމުންދަނީ ދަރުމަވަންތަ ހޮސްޕިޓަލް އާއި ޓްރީޓޮޕް ހޮސްޕިޓަލްގަ އެވެ. މީގެ ތެރެއިން ޓްރީ ޓޮޕް ހޮސްޕިޓަލް ވަނީ ނެޝަނަލް ކޮވިޑް ސެންޓަރުގެ ގޮތުގައި ކަނޑައަޅާފަ އެވެ.