ކ. މާލެ
|
14 މެއި 2020 | ބުރާސްފަތި 23:44
އީގަލްސްގެ ފޯވާޑް މުހައްމަދު ނާއިމް: އަނިޔާ އިން ރަނގަޅުވެ ނާއިމް މިހާރު އަންނަނީ ގޭގައި ތަމްރީނުތައް ހަދަމުން
އީގަލްސްގެ ފޯވާޑް މުހައްމަދު ނާއިމް: އަނިޔާ އިން ރަނގަޅުވެ ނާއިމް މިހާރު އަންނަނީ ގޭގައި ތަމްރީނުތައް ހަދަމުން
އެފްއޭއެމް
އަނިޔާ އިން ނާއިމް ރަނގަޅުވުން
އަނިޔާ އިން ރަނގަޅުވެ، ސީޒަން ފަށަން ވާއިރަށް ނާއިމް ތައްޔާރުވަނީ
ނާއިމަށް އަނިޔާވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ލީގުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން
ނާއިމް މިހާރު އަންނަނީ ގޭގައި ތަމްރީނުތައް ހަދަމުން

ގައުމީ ފުޓްބޯޅަ ޓީމުގެ ޒުވާން ފޯވާޑް މުހައްމަދު ނާއިމްގެ ކަކުލު ހުޅަށް ލިބިފައިވާ ސީރިއަސް އަނިޔާއިން ރަނގަޅުވެ، ސީޒަން ފަށަން ވާއިރަށް ފިޓްވުމަށް އޭނާ މަސައްކަތް ކުރަމުން އަންނަ ކަމަށް ކްލަބު އީގަލްސް އިން ބުނެފި އެވެ.

ނާއިމްގެ ކަކުލު ހުޅަށް އަނިޔާވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 1-0 އިން އީގަލްސް މޮޅުވި މެޗުގަ އެވެ. އެ މެޗުގައި ލިބުނު އަނިޔާއާ ގުޅިގެން ނާއިމަށް މި ސީޒަން ގެއްލުނުއިރު، އެ އަނިޔާއިން ރަނގަޅުވުމަށް ނާއިމް ވަނީ އޮޕަރޭޝަނެއް ވެސް ކޮށްފަ އެވެ.

ނާއިމަށް ލިބުނު އަނިޔާއިން ރަނގަޅުވެ، ގޭގައި ފިޓްވުމަށް ތަމްރީނުތައް ހަދަމުންދާ ވީޑިއޯއެއް އީގަލްސް އިން ވަނީ ފޭސްބުކްގައި ހިއްސާ ކޮށްފަ އެވެ. އެ ކްލަބުން ބުނީ މިދުވަސްވަރު ގޭގައި މަޑުކުރަން ޖެހުމާއެކު، ކުރިން ހުރި ފޯމަށް އައުމަށް ނާއިމް ގޭގައި ހާއްސަ ތަމްރީނުތަކެއް ހަދަމުން އަންނަ ކަމަށެވެ. އަދި މިހާރު މިއޮތް ހާލަތުން އަރައިގަނެ އަލުން ފަރިތަކުރުންތައް ފެށުމުން، ނާއިމް ފަރިތަކުރުންތަކުގައި ބައިވެރިވާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން މި ސީޒަންގެ ބާކީބައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކެންސަލް ކުރީ އެފްއޭ ކަޕްގެ ބައެއް މެޗުތައްވެސް ކުޅުނު ފަހުންނެވެ. އަދި އަންނަ ސީޒަން ފަށާނެ ވަކި ތާރީޚެއް އެފްއޭއެމުން އިއުލާން ކޮށްފައެއް ނުވެ އެވެ.

ކަކުލު ހުޅަށް ލިބުނު އަނިޔާއިން ނާއިމް ރަނގަޅުވެ ފިޓްވުމަށް މަސައްކަތް ކުރަމުން އަންނައިރު، އޭނާ އަކީ އީގަލްސްގެ ކުރީގައި މުހިންމު ދައިރެއް އަދާކުރަމުން އަންނަނ ޒުވާފް ކުޅުންތެރިއެކެވެ. އެގޮތުން ގައުމީ ޓީމުގެ ފުރަތަމަ އެގާރައިންވެސް ބަރާބަރަށް އޭނާ އަންނަނީ ޖާގައެއް ހޯދަމުންނެވެ.

ނާއިމްއަށް ގައުމީ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ދޭން ފެށީ މިދިޔަ އަހަރު މޮރިޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައެވެ. އެ މުބާރާތުގައި އޭނާ ވަނީ މެޔޯޓް ކޮޅަށް ލަނޑު ޖަހާފަ އެވެ. އަދި ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަނުގައި ރާއްޖެ ކުޅުނު ފުރަތަމަ ތިން މެޗުގައި ވެސް ނާއިމް ވަނީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް