ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއިން ބޭރުގައި ޙާލުގައި ޖެހިފައިވާ މަތީ ތައުލީމު ހޯދަމުންދާ ދަރިވަރުންނަށް ފައިސާ ދިނުމުގެ އުސޫލު އާންމުކޮށްފިއެވެ.
ބުރާސްފަތި ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައިވާ މިއުސޫލުގައިބުނެފައިވަނީ، ދިވެހިރާއްޖޭން ބޭރުގައި އަމިއްލަ ޚަރަދުގައި ނުވަތަ ސްޕޮންސަރޝިޕެއްގެ ދަށުން ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން މި އުސޫލުގެ ދަށުން ޝަރުތު ހަމަވާ ދަރިވަރުންނަށް ފައިސާގެ އެހީ ދެވޭނެ ކަމަށެވެ.
އޭގެ އިތުރުން، ދިވެހި ސަރުކާރުގެ ސްކޮލަރޝިޕެއް ނުވަތަ ލޯން އެހީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން، މި އެހީއަށް އެދި ހުށަހެޅޭނީ ސަރުކާރުން ދޭ ސްޕޮންސަރޝިޕް ނިމި އަދި ކޯސް ފުރިހަމަ ކުރުމަށްފަހު ކޮވިޑް-19ގެ ބަލި މަޑުކަމާ ގުޅިގެން ރާއްޖެ ނާދެވިފައިވާ ދަރިވަރުންނަށް ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ.
އަދި ފައިސާގެ އެހީ ދަރިވަރަށް ޖަމާ ކޮށްދޭނީ ކޮންމެ 14 ދުވަހަކުން އެއްފަހަރު، ދަރިވަރު އެކަމަށް އެދި އީމެއިލް އަކުން އެދުމުން އެއިރުގެ ހާލަތަށް ރިޢާޔަތް ކުރުމަށް ފަހު ކަމަށާއި، މިގޮތަށް ފައިސާގެ އެހީ ގިނަވެގެން ދެވޭނީ 2 މަސްދުވަހުގެ މުއްދަތަށްކަމަށް ހަޔަރ އެޑިއުކޭޝަނުން އެކަމާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީން އިތުރަށް ބުނީ، ފައިސާގެ އެހީގެ މިންވަރު ކަނޑައެޅުމުގައި، އެ ދަރިވަރެއް ކިޔަވަމުންދާ ޤައުމަށް ސަރުކާރުން ސްޓައިޕެންޑްގެ ގޮތުގައި ދުވާލަކަށް ކަނޑައެޅިފައިވާ ރޭޓަށް ރިއާޔަތް ކުރެވިފައިވާނެ ކަމަށެވެ. އެގޮތުން، ދިރިއުޅުމުގެ ޚަރަދަށް ދުވާލަކަށް 50.00 (ފަންސާސް) އެމެރިކާ ޑޮލަރަށްވުރެ މަދުން ކަނޑައެޅިފައިވާ ޤައުމުތަކުގައި އުޅޭ ދަރިވަރުންނަށް ލިބޭނީ މިހާރުވެސް އެ ޤައުމަކަށް ދުވާލަކަށް ކަނޑައަޅާފައިވާ އަދަދު ކަމަށާއި، ނަމަވެސް ދިރިއުޅުމުގެ ޚަރަދުގެ ގޮތުގައި ދުވާލަކަށް 50.00 (ފަންސާސް) އެމެރިކާ ޑޮލަރަށްވުރެ ބޮޑުކޮށް ކަނޑައެޅިފައިވާ ޤައުމުތަކުގައި ދިރިއުޅޭ ދަރިވަރުންނަށް ދެވޭނީ 50.00 (ފަންސާސް) އެމެރިކާ ޑޮލަރުގެ ރޭޓުންކަމަށް އުސޫލުގައި ބުނެފައިވެއެވެ.
އުސޫލުގައި ބުނެފައިވާ ގޮތުގައި، މި އެހީއަށް އެދި ހުށައަޅާ ދަރިވަރަކީ 1 މެއި 2020 ގެ ކުރިން ކިޔަވަން ފަށާފައިވާ ދަރިވަރަކަށް ވާން ޖެހެއެވެ. އަދި އެ ދަރިވަރަކީ މިހާރުވެސް ރާއްޖެއިން ބޭރުގައި ހުރި ދަރިވަރަކަށް ވުންވެސް ލާޒިމު ކޮށްފައިވެއެވެ.
އެހީއަށް އެދި ހުށައެޅުމުގެ ފޯމު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އައުމަށްފަހު އެކަން މިނިސްޓްރީން އިއުލާނު ކުރާ ތާރީޚެއްގެ ނިޔަލަށް ފައިސާ ދޫކުރެވޭނެއެވެ.