މާލެ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅުތައް ވަރުގަދަކޮށް، ދަންވަރު 1:00ން ހެނދުނު 9:00ށް ސިނަމާލެ ބްރިޖް ބަންދުކުރަން ނިންމައިފި އެވެ.
ބުރާސްފަތި ދުވަހު ފުލުހުން ބުނީ އަންގާރަ ދުވަހުގެ ރެއިން ފެށިގެން ދެހަފުތާގެ މުއްދަތަކަށް ކޮންމެ ރެއެއްގެ ދަންވަރު 1:00ން ފެށިގެން ހެނދުނު 9:00 އަށް ސިނަމާލެ ބްރަިޖް މަތިން ދަތުރު ކުރުން މަނާ ކަމަށެވެ.
މި ގޮތައް ނިންމި ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ޒަރޫރީ އާންމު ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި، ސަލާމަތީ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ބްރިޖުން ދަތުރު ކުރެވޭނެ ކަމަށް ފުލުހުން ބުނެއެވެ.
ކުރިއަށް އޮތް ދެހަފުތާ އަކީ މާލެ ސިޓީގައި ވައިރަސް އެންމެ ބޮޑަށް ފަތުރެވޭނެ ކަމަށް ލަފާކޮށްފައިވާ ދެ ހަފުތާ އެވެ. އެހެންކަމުން ކޮންމެހެން ނުކުންނަން ޖެހިގެން މެނުވީ ބޭރަށް ނުދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފަ އެވެ.
ވައިރަސް ކޮންޓްރޯލް ކުރުމުގެ ގޮތުން އޭޕްރީލް 15 ގައި މާލެ ސިޓީ ލޮކްޑައުން ކޮށްފައި ވާއިރު، ލޮކްޑައުންގެ މުއްދަތު ވެސް ވަނީ މިމަހުގެ 28ށް އިތުރުކޮށްފައެވެ. ނަމަވެސް ލޮކްޑައުންއާ ޚިލާފު ވެގެން ކޮންމެ ދުވަހުގެ ވެސް އެތައް ބަޔަކު ފުލުހުން ޖޫރިމަނާކޮށް، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާކަން ފާހަގަކޮށްލެވެ އެވެ.
މާލެސިޓީގައި ހަލުވި މިނެއްގައި ވައިރަސް ފެތުރެމުން ދާއިރު، މިހާތަނަށް 900ށް ވުރެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވެ 4 މީހަކު މަރުވެފައި ވެއެވެ.