ކ. މާލެ
|
14 މެއި 2020 | ބުރާސްފަތި 08:46
ކޮވިޑް-19 ޖެހިފައިވާ ބަލި މީހަކަށް ޑޮކްޓަރުން ފަރުވާދެނީ - ދިރާސަތަކުން ދައްކާ ގޮތުން މިއީ މަރުގެ ބައްޔެއް
ކޮވިޑް-19 ޖެހިފައިވާ ބަލި މީހަކަށް ޑޮކްޓަރުން ފަރުވާދެނީ - ދިރާސަތަކުން ދައްކާ ގޮތުން މިއީ މަރުގެ ބައްޔެއް
ރޮއިޓަރސް
ކޮވިޑް ބަލީގެ ފަހުގެ ހޯދުންތައް
ކޮވިޑް-19 އަކީ ނެވާލާ ނިޒާމަށް އެކަނި ޖެހޭ ބައްޔެއް ނޫން، އެއަށްވުރެ މާ ނުރައްކާތެރި!
ކޮވިޑްގެ ސަބަބުން ލޭހޮޅިތަކުގައި ލޭ ގަނޑުވެ ޒުވާނުން މަރުވާ ނިސްބަތް އިތުރު
ކުޑަކުދިންގެ ދިފާއީ ނިޒާމް އޯވަރިއެކްޓް ކުރުވާ
ކޮވިޑްގެ ސަބަބުން ކޮވިޑް ޓޯސް ޖެހޭ

ކޮވިޑް-19 އަކީ ނޭވާލާ ނިޒާމަށްޖެހޭ ބައްޔެއް އެކަނި ނޫންކަން ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރަސާ ކޮށްފައިވަނީ ކޮވިޑް-19 ޖެހުނު ސިއްހަތު ރަނގަޅު ޒުވާނެއްގެ ހާލަތު ދިރާސާކޮށްފައެވެ. އޭނާ ބަލި ޖެހުނުތާ 10 ދުވަސްވީ އިރު ހުރީ އާންމު ހާލަތެއްގައެވެ. އަދި 38 އަހަރުގެ މި ޒުވާނާ އަކި ހައި ރިސްކް ކެޓަގަރީއަށް އެއްވެސް ވަރަކަށް ހުށަހެޅިދާނެ އަލާމާތެއް ވެސް ނެތެވެ.

"އޭނާގެ ހުރީ ނޭވާލާ ނިޒާމުގައި ވަރަށް ކުޑަ އަލާމާތްތަކެއް. އޭނާ އިނީ ގޭގައި އިށީންދެގެން"، އެމެރިކާގެ ނިއުޔޯކްގެ ޕަމޯނާގެ ވެސްކިއުލާ ސާޖަން ޑރ ޝޯން ވެންގާޓާ ވިދާޅުވިއެވެ. އޭނާ ފުރަތަމަ ފަރުވާދިނީ އަދި އައިސޮލޭޓްކޮށްފައި ހުރީވެސް އަމިއްލަ ގޭގައެވެ. ކެއްސުމެއް ފިޔަވާ އިތުރު ކަމެއް އޭނާގެ ހަށިގަނޑަކުން ފާހަގައެއް ނުވެއެވެ.

ނަމަވެސް އެއީ ކޮވިޑް-19ގެ އެންމެ އާދަޔާ ޚލާފު 'ސައިޑް އިފެކްޓް' ގެ އަސަރު ފެންނަން ފެށުމާ ހަމައަށެވެ. މި ޒުވާނާ އެއްދުވަހު ހޭލެވުނު އިރު އޭނަގެ ދެފައި އައްސިވެ ފިނިވެފައިވާ ކަމަށާއި، ފައިގައި ވަރު ނެތުމުގެ ސަބަބުން ހިނގައި ނުގަނެވުނު ކަމަށް ޑރ. ވެންގާޓާ ވިދާޅުވިއެވެ.

ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހަކަށް ފަރުވާ ދެނީ

ކޮވިޑް-19 ގެ ސަބަބުން ލޭގަނޑުވޭ

މި ޒުވާނާއަށް ދިމާވީ (އެއޮރޓިކް އޮކްލުޝަން) ނުވަތަ މަދުން ނޫނީ ފުރާނައަށް ނުރައްކާވާ ފަދަ ހާލަތެކެވެ. އޭނާގެ މައި ނާރު ދެބައިވެ ފަޔަށް ދާ ހިސާބު މެދުގައި ލޭގަނޑުވެފައިވެއެވެ. އަދި މީގެ ނަތީޖާއަކަށްވީ އޭނާގެ ދެފަޔަށް ލޭ ދައުރު ނުވުމުގެ ސަބަބުން ފައިގެ ހަރަކާތް ހުއްޓުމެވެ.

މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށާއި، މިކަމުގެ ސަބަބުން ބަލިޖެހޭ މީހުންގެ ތެރެއިން 20 އިންސައްތައާއި 50 އިންސައްތައިގެ މީހުން މަރުވާ ކަމަށް ޑރ. ވެންގާޓާ ވިދާޅުވިއެވެ. އަދި މިކަން ދިމާވެފައިވަނީ 38 އަހަރުގެ ޒުވާނާއަށް ކަމަށް ވެސް ޑރ. ވެންގާޓާ ވިދާޅުވިއެވެ.

އަދި ޒުވާނާގެ ފުރާނަ ސަލާމަތްވީ ދެ ސަރޖަންއަކު ގުޅިގެން ކުރި އޮޕަރޭޝަނެއްގެ ސަބަބުން ކަމަށާއި، ލޭ ހޮޅި ކަފާލައިގެން ގަނޑުވެފައިވާ ލޭތައް ނަގާފައިވާ ކަމަށް ޑރ. ވެންގާޓާ ވިދާޅުވިއެވެ.

ކޮވިޑް-19ށް ފަރުވާ ހޯދަމުންދާ އެހެން ބަލިމީހުންގެ ފަރާތުންވެސް ތަފާތު އަދި ހަށިގަނޑަށް ނުރައްކާވާފަދަ އަލާމާތްތައް ފެންނަމުން ދާކަމަށާއި، މީގެ ތެރޭގައި ލޭގަނޑުވުމާއި، ކިޑްނީ ފެއިލްވުން އަދި ހާޓް އިންފްލެމޭޝަން އަދި ދިފާއީ ނިޒާމަށް ދިމާވާ އެކި ކަހަލަ މައްސަލަތައް ވަނީ ފާހަގަ ކުރެވިފައެވެ.

ޔުނިވަރސިޓީ އޮފް ފޮލޮރިޑާ ކޮލެޖް އޮފް މެޑިސިންގެ އެކިއުޓް ކެއަރ ސަރޖަރީ ޓީމުގައި ހިމެނޭ ޑރ. ސްކޮޓް ބްރެކިންރިޑްޖް ވިދާޅުވެފައިވަނީ މި ބަލީގެ ގޮތް ރަނގަޅަށް ދެނެގަނެވިފައި ނުވާ އިރު، ބަލި އަމިއްލައަށް މިއުޓޭޓްވުމާއެކު، ބަދަލުވަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 ޖެހިފައިވާ މީހެއްގެ ހާލު ސީރިއަސް ވުމުގެ ސަބަބުން ވެންޓިލޭޓަރަށް ލައިގެން ފަރުވާދެނީ

ކޮވިޑްގެ ސަބަބުން ގުނަވަންތައް ފެއިލްކޮށްލާ

ކޮވިޑް ޖެހިފައި ތިބި މީހުންގެ ތެރެއިން ބައެއް ބަލި މީހުން ނޭވާލަން ވަރަށް ބޮޑަށް އުނދަގޫވުމުގެ އިތުރުން ގިނަ ގުނަވަންތަކެއް އެއްފަހަރާ ފެއިލްކޮށްލާ ކަމަށް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ. އަދި ގުނަވަންތައް މަސައްކަތް ކުރުން ހުއްޓާލުމުގެ ސަބަބުން އެކަމުގެ ނުރައްކާ ކުޑަކުދިންނަށް ބޮޑަށް ކުރާ ކަމަށް ވެސް ޑޮކްޓަރުންގެ ޓީމުން ވަނީ ބުނެފައެވެ.

ސާރސް ކޮވް-2 ނުވަތަ ކޮވިޑް-19 އަކީ ފުއްޕާމެއަށް އަސަރު ކުރާ ނުވަތަ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެކެވެ. ނަމަވެސް މިހާރު ހޯދާފައިވާ ހޯދުންތަކުން ދައްކާ ގޮތުން ނޭވާލާ ނިޒާމަށް އަސަރު ކުރުމުގެ އިތުރުން އިންސާނާގެ މުޅި ހަށިގަނޑަށް ވެސް މީގެ އަސަރު ކުރެއެވެ. ކޮވިޑް-19 ޖެހިގެން އެންމެ އާންމުކޮށް ފެންނަ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުންއައުމާއި، ނޭވާލާން އުނދަގޫވުން ފަދަ ކަންތަކެވެ.

ނަމަވެސް މިހާރު ދެނެގަނެވިފައިވާ ގޮތުން ގުނަވަންތަކަށް ހަމަލާ ދިނުމާއި، އެންމެ ބޮޑު އެއްކަމަކަށް ފާހަގަ ވެފައިވަނީ ލޭ ހޮޅިތަކުގެ ލައިނިންގ އަށް ހަމާ ދިނުމެވެ. މިއާއެކު ލޭގަނޑު ވުމުގެ މައްސަލަތައް ފެނެއެވެ.

އަދި ބަލިޖެހޭ ޒުވާނުންގެ ތެރެއިން ގިނަ ޒުވާނުން ސްޓްރޯކް ޖެހުމާއި ފުއްޕާމޭގައި ލޭކޮޅު ގަނޑުވުމުގެ މައްސަލަތައް ވަނީ ފާހަގަ ކުރެވިފައެވެ.

ޕަތޮލޮޖިސްޓްސް ނުވަތަ ބަލިތައް ދިރަސާ ކުރާ ޑޮކްޓަރުން ވިދާޅުވާގޮތުގައި އެންމެ ހިމަ ލޭ ހޮޅިތަކުގައި ވެސް ގަނޑުވެފައި ހުންނަ ލޭ ފެނިފައިވާ ކަމަށެވެ. އަދި ލޭގަނޑުކޮށްލާ ލޭ ހޮޅިތަކަށް ހަމަލާދެމުން އަންނަކަމަށް ވެސް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ. އަދި ހުރިހާ ގުނަވަންތަކަކަށް ލޭހޮޅޮތައް ގުޅިފައި ހުރުމާއެކު ވައިރަސް ހަށިގަނޑަށް ވަދެއްޖެނަމަ ގުނަވަންތަކަށް ގެއްލުން ލިބުމުގެ ފުރުސަތު ބޮޑުކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ނަރުހަކު ކުޑަ ކުއްޖަކު އުރާލައިގެން - ކުޑަކުދިންނަށް ކޮވިޑް-19 ގެ އަސަރު އެއްގޮތަށްވުރެ ގިނަ ގޮތަށް ކުރުވާ

ކުޑަކުދިންގެ ދިފާއީ ނިޒާމް އޯވަރިއެކްޓް ކުރުވާ

ކޮވިޑް-19 ޖެހޭ މީހުންގެ ތެރެއިން އެންމެ ބިރު ބޮޑު އަލާމާތަކީ ކުޑަކުދިންގެ ދިފާއީ ނިޒާމަށް އަސަރުކުރުމެވެ. ސިއްހީ ދާއިރާގައި މިކަމަށް ދީފައިވާ ނަމަކީ ޕީޑްރިއެޓިކް މަލްޓިސިސްޓަމް އިންފްލަމޭޓަރީ ސިންޑްރޯމްއެވެ. ނިއުޔޯކް ސިޓީން ވަނީ މިފަދަ 52 ކޭސް އެއް މިހާތަނަށް ރިޕޯޓުކޮށްފައެވެ. އަދި އިތުރު ގައުމުތަކުން ވެސް އަންނަނީ މިފަދަ ރިޕޯޓްތަކެއް ކުރަމުންނެވެ.

މިކަމުގެ އަލާމާތްތަކުގެ ތެރޭގައި ވިހެނުލާ ހުން އައުމުން، އިންފްލަމޭޝަން، އެތެރެހަށީގެ ގުނަވަނެއް ނުވަތަ ގުނަވަންތަކެއް މަސައްކަތް ނުކުރުން، ޝޮކް ޖެހުމުން ފެންނަ ފަދަ ނިޝާންތަކެއް ފެންނަ ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުންގެ ބައިނަލްއަގުވާމީ ގުރޫޕެއް ކަމަށްވާ ޕީއައިސީޔޫ ކޮވިޑް-19 ކޮލާބޮރޭޝަނުންވަނީ ހާމަކޮށްފައެވެ.

ބައެއް ކުޑަކުދިންގެ ހަށިގަނޑުން މި އަލާމާތްތައް ފެންނަ އިރު އެހެން ބައެއް ކުދިންގެ ހަށިގަނޑުން ކަވަސާކީ ބަލީގެ އަލަމާތްތައް ފެނެއެވެ. އަދި ބައެއް ހިސާބުތަކުގެ ކުދިންގެ ހަށިގަނޑުން "ސައިޓޯކިން ސްޓޯމް" ގެ އަލަމާތްތައް ފެނެއެވެ. ކަވަސާކީ ބަލީގެ ސަބަބުން މެދު މިނުގެ ލޭހޮޅިތަލުގެ ފަށަލަ ދުޅަވުމާއި އަދި އެކަމުގެ ސަބަބުން ހިތަށް ގެއްލުން ލިބެއެވެ. މިކަން ދިމާވަނީ "ސައިޓީކިން ސްޓޯމް" ގެ ސަބަބުން ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ.

ކަވަސާކީ ބަލީގެ މާހިރެއް އަދި ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޖޭން ނިއުބަރގަރ ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން އުފެދޭ އެންޓިބޮޑީސްގެ ސަބަބުން "އިމިއުން ރިއެކްޝަން" ހަށިގަނޑުގައި އުފެދޭ ކަމަށެވެ. އަދި އެއީ ކީއްވެ ކަމެއް އެނގިވަޑައި ނުގަންނަވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ސައިޓޯކިން ސްޓޯމްގެ ސަބަބުން ބޮޑެތި މީހުންގެ ފުއްޕާމެއަށް ގެއްލުން ލިބުމާއި އާދަޔާ ހިލާފަށް ލޭހޮޅިތަކުގައި ލޭގަނޑުވާކަން ވަނީ ހޯދިފައެވެ. އަދި ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު ދިފާއީ ނިޒާމުން އެއަށް އެހާ ވަރުގަދަ ހަމަލާތަކެއް ނުދޭ ކަމަށާއި، ވައިރަސް ދިފާއީ ނިޒާމު ފޫ އަޅުވާލާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ސީދާ ގުވަންތަކަށް ވައިރަސް ހަމަލާދޭ ކަމަށް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް ޖެހިފައި ހުރި މީހެއްގެ ފުއްޕާމޭގެ ސްކޭނެއް - ފުއްޕާމޭގެ އިތުރުން ހަށިގަނޑުގެ އެކި ގުވަންތަކަށް ބަލީގެ ސަބަބުން އަސަރު ކުރޭ

ޖަރނަލް ނޭޗަރ މެޑިސިންގައި އާންމުކޮށްފައިވާ ސްޓަޑީއަކުން ވަނީ ބަލި މީހާގެ ހަށިގަނޑަށް ގެއްލުންދޭ ދެ ގޮތަށް ވެސް ސަޕޯޓް ކޮށްފައެވެ.

ޗައިނާގެ ޝެންޒެންގައި ހުންނަ، ޝެންޒެން ތާޑް ޕީޕަލްސް ހޮސްޕިޓަލްގެ ޑޮކްޓަރެއް ކަމަށްވާ ޒެންގް ޒާންގ އަދި އޭނާގެ ޓީމުން ވިދާޅުވެފައިވަނީ ކޮވިޑް ޖެހިފައިވާ 9 މީހެއްގެ ފުއްޕާމެއިން އިމިއުން ސެލްސްގެ ސާމްޕަލް ނަގާފައެވެ. އަދި މި ސާމްޕަލް ދައްކާގޮތުން އަދަޔާ ހިލާފަށް މެކްރޯފޭޖެސް އާއި ނިއުޓްރޯޕިލްސް ނަމަކަށް ކިޔާ އިމިއުން ސެލްސް ފެނިފައިވާ ކަމަށެވެ. އަދި ސައިޓޯކިންސް އަދި ކެމޯކިންސް ނަމަކަށް ކިޔާ އިމިއުން ސިގްނަލް ކެމިކަލްސް ބަލި މީހުންގެ ގައިން ފެނިފައެވެ.

ބަލި މީހުންގެ ގައިން ގިނަ އަދަދަކަށް ޕްރޯލައިފް ރޭޓިންގ ޓީ-ސެލްސް ވަނީ ފެނިފައެވެ. މިއީ އެހެން ވައްތަރެއްގެ އިމިއުން ސެލްއެކެވެ. އަދި ބަލީގެ އަލަމާތްތައް އެންމެ ބޮޑު މީހުންގެ ހަށިގަނޑުގައި ސީޑީ8 ޓީ-ސެލްސް މަދު ކަމަށް ޑޮކްޓަރުން ވަނީ ފާހަގަ ކުރައްވާފައެވެ. މިއީ ވައިރަސް އިންފެކްޓްވެފައިވާ ސެލްތައް މަރާލާ ސެލްތަކަކެވެ.

ޑޮކްޓަރުން ވިދާޅުވެފައިވަނީ އަލާމާތްތައް ހުއްޓުވުމަށް އެކިކަހަލަ ފަރުވާ ހޯދަމުން އަންނަ ކަމަށެވެ. މީގެ ތެރޭގައި ލޭ ދިޔާ ކުރާ ބޭހުން ލޭގަނޑުވުން ހުއްޓުވުމާއި، އިމިއުން ބްލޮކަރސްއިން ސައިޓޯކިން ސްޓޯމް ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

ކޮވިޑް ޓޯސް ގެ ސަބަބުން އިނގިލިތައް ރަތްވެފައި

ކޮވިޑްގެ ސަބަބުން "ކޮވިޑް ޓޯސް" ޖެހޭ

ކޮވިޑް ޖެހޭ މީހުންގެ ގައިން ފެންނަ އާދަޔާ ހިލާފު ނަމަވެސް ނުރައްކާ ކުޑަ އެއް އަލާމާތަކީ "ކޮވިޑް ޓޯސް" އެވެ. ބައެއް ބަލި މީހުންގެ ގައިން ފެންނަ މި އަލާމާތުގައި ހުންނަނީ ފައިގެ އިނގިލިތައް ރަތް ނުވަތަ ދަނބު ކުލައަކަށް ދުޅަވުމެވެ. އަދި މިއީ ލޭގަނޑުވުމުގެ ސަބަބުންވާ ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެއެވެ. އަދި މިއީ ސީރިއަސް ކަމެއް ނޫން ކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް