ވީހާވެސް އަވަސް ފުރުސަތެއްގައި އޮންލައިންކޮށް ހިންގޭނެ ކޯސްތައް ކަނޑައަޅައި, އަވަހަށް ކޯސްތައް ފެއްޓެވުމަށް ހަޔަ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން އެދިވަޑައިގެންފި އެވެ.
މިނިސްޓަރ މިފަދައިން އެދިވަޑައިގެންނެވީ މިނިސްޓްރީގެ އިސްބޭފުޅުންނާއި، ވަރލްޑް ބޭންކުން ރާއްޖޭގައި ހިންގާ މީރީ ޕްރޮޖެކްޓްގެ ބޭފުޅުންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އޮންލައިންކޮށެވެ.
މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ކޮވިޑް-19ގެ ހާލަތުގައި އަދި އޭގެ ފަހުން ނިއު ނޯރމަލްއަކަށް ދިރިއުޅުން ބަދަލުވާއިރު، މޯލްޑިވްސް ޕޮލިޓެކްނިކް އިން އޮންލައިން މީޑިއަމްގައި ކިޔަވައިދިނުން ކުރިއަށްގެންދިއުމާއިމެދު އެވެ. އަދި މިދަނޑިވަޅުގައި ވަޒީފާ ގެއްލިފައި ނުވަތަ މުސާރަ ނުލިބޭގޮތަށް ގޭގައި ތިބެންޖެހިފައިވާތިއްބެވި ޓުއަރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކަށް އަމާޒުކޮށް ކޯސްތަކެއް ހިންގުމަށްވެސް މަޝްވަރާކުރެވުނުކަމަށް މިނިސްޓްރީން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި ހަޔަ އެޑިއުކޭޝަން މިނިސްޓަރގެ ވާހަކަފުޅުގައި ކޮވިޑް 19 ގެ މިހާލަތުގައި އުގަންނައިދިނުން މެދުނުކެނޑި ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަ ކުރައްވައި އަދި ވީހާވެސް އަވަސް ފުރުސަތެއްގައި އޮންލައިންކޮށް ހިންގޭނެ ކޯސްތައް ކަނޑައަޅައި އަވަހަށް މިފަދަ ކޯސްތައް ފެއްޓުމަށް ބާރު އެޅުއްވިއެވެ. އޭގެބޭނުމަކީ އަލަށް ވަޒީފާތަކަށް ނުކުންނަ މީހުންނަކީ ސްކިލްޑް ނުވަތަ ސެމިސްކިލްޑް ކެޓެގަރީގެ މަސައްކަތްތެރިންގެ ގޮތުގައި ތަމްރީނުވެފައި ބޭތިއްބުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ އޭގެއިތުރުން ދާއިރާގައި ގިނަދުވަހު މަސައްކަތް ކޮށްފައި ތިބި މީހުން "އަޕް ސްކިލް" ކުރުންވެސް ހިމެނޭކަމަށެވެ.
މިވަގުތު އެންމެ މުހިންމުކަމެއް ދީގެން ވަޒީފާގެ ބާޒާރަށް އަންނަމުންދާ ބަދަލުތަކާއި ގުޅިގެން ކިޔަވައިދިނުމަށް ކަނޑައެޅިފައިވަނީ ޓުއަރިޒަމް، އައިސީޓީ އަދި ދަނޑުވެރިކަމާއި ބެހޭ ދާއިރާގެ ކޯސްތައްކަމުގައިވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.
އޮންލައިން އަދި ބްލެންޑަޑް ލަރނިންގް މޯޑްތަކުގައި ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް މަޝްވަރާކުރެވުނު މިބައްދަލުވުމަގައި ބައިވެރިވެ ވަޑައިގެންނެވީ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގެ ވެރިންނާއި މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެރިންނާއި ޓިވެޓް އޮތޯރިޓީގެ ވެރިންނާއި އަދި ވަރލްޑް ބޭންކުން ހިންގާ މީރީ ޕްރޮޖެކްޓްގެ އިސްވެރިންނެވެ. ވަރލްޑް ބޭންކާއި ދިވެހި ސަރުކާރު ގުޅިގެން ހިންގާ މޯލްޑިވްސް އެމްޕްލޯޔަބިލިޓީ އެންޑް ރެސިލިއަންސް އޮފް ޔޫތްޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ ޒުވާނުންގެ ތެރޭގައި ޓެކްނިކަލް އަދި ވޮކޭޝަނަލް ތަމްރީނު ހިންގުމާއި އަމިއްލަ ވިޔަފާރިކުރުމަށް ޒުވާނުންގެ މެދުގައި ޝައުޤުވެރިކަން އުފައްދައި ވިޔަފާރިތައް ކުރިއެރުވުމަށް މަސައްކަތްކުރުމާއި ސަރުކާރުން ކަނޑައަޅާފައިވާ މުހިންމު ސިނާއަތްތަކުގައި ޒުވާނުން ވަޒީފާތަކަށް ބިނާ ކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ.