ކ. މާލެ
|
13 މެއި 2020 | ބުދަ 21:50
އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އާއި ޔުވެންޓަސް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު އަލުން ފެށުން
ޖޫން މަހުގެ 13 ވަނަ އިޓާލިއަން ލީގު ފަށަން ކްލަބުތަކުން ރުހުން ދީފި
16 ކްލަބަކުން ޖޫން 13 ގައި ލީގު ފަށަން ވޯޓު ދިންއިރު، އަނެއް 4 ކްލަބުން ވޯޓު ދިނީ ޖޫން 20 ގައި ލީގު ފަށަން
ލީގު އަލުން ފަށާނެ ތާރިޚެއް ފައިނަލް ކުރާނީ އިޓަލީގެ ސަރުކާރުން ރުހުން ދިނުމުން

ޖޫން މަހުގެ 13 ވަނަ ދުވަހު އިޓާލިއަން ލީގު އަލުން ފަށަން ކްލަބުތަކުން ރުހުން ދީފި އެވެ.

އިޓާލިއަން ފުޓްބޯލް ފެޑެރޭޝަނުން ވަނީ ބުދަ ދުވަހު ލީގުގެ 20 ކްލަބުގެ މެދުގައި ލީގު އަލުން ފެށުމާ މެދު ގޮތެއް ނިންމުމަށް މަޝްވަރާ ކޮށްފައެވެ. މި ބައްދަލުވުމުގައި 16 ކްލަބަކުން ވަނީ ޖޫން މަހުގެ 13 ވަނަ ދުވަހު ލީގު ފަށަން ވޯޓު ދީފައެވެ. އަނެއް 4 ކްލަބުން ވޯޓު ދިނީ ޖޫން 20 ގައި ލީގު ފެށުމަށެވެ.

ޖޫން މަހުގެ 13 ވަނަ ދުވަހު އިޓާލިއަން ލީގު ފަށަން ގިނަ ކްލަބުތަކުން ރުހުން ދިން ނަމަވެސް، ލީގު އަލުން ފަށާނެ ތާރިޚެއް ފައިނަލް ކުރާނީ އިޓަލީގެ ސަރުކާރުން ރުހުން ދިނުމުންނެވެ.

މީގެ ކުރިން އިޓަލީގެ ސަރުކާރުން ވަނީ މިމަހުގެ 18 ވަނަ ދުވަހުން ފެށިގެން ކުޅުންތެރިން އެކުގައި ތަމްރީނުތައް ހެދުމުގެ ހުއްދަ ދީފައެވެ. އަދި މީގެ ކުރިން މިމަހުގެ ހަތަރުވަނަ ދުވަހު ވަނީ ކުޅުންތެރިން އެކަނި ތަމްރީނުތައް ހެދުމުގެ ހުއްދަ ދީފައެވެ. އެއާއެކު އިޓާލިއަން ލީގުގެ ކްލަބުތަކުން ވަނީ ކުޅުންތެރިން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޓެސްޓު ކުރުމަށްފަހު، ކުޅުންތެރިންނަށް އެކަނި ތަމްރީނުތައް ހެދުމުގެ ފުރުސަތު ދީފައެވެ.

އެގޮތުން ދާދި ފަހުން ހެދި ޓެސްޓު ތަކުން ސަމްޕްޑޯރިއާގެ ހަތަރު ކުޅުންތެރިއަކާއި ޓޮރީނޯގެ ކުޅުންތެރިއެއްގެ އިތުރުން ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ.

ޖޫން މަހު އިޓާލިއަން ލީގު އަލުން ފަށަން މަސައްކަތް ކުރަމުން އަންނައިރު، ޔޫރަޕުން މިހާތަނަށް ލީގުތައް އަލުން ފަށަން ނިންމާފައި ވަނީ ޖަރުމަން ލީގާއި، ޕޯޗުގަލް ލީގާއި، ޑެންމާކް ލީގުގެ އިތުރުން ތުރުކީ ލީގުންނެވެ.

މީގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގު ޖޫން މަހު އަލުން ފެށުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ސަރުކާރުން ދީފައިވާއިރު، ސްޕެނިޝް ލީގުވެސް ޖޫން މަހު ފަށަން އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ޖޫން މަހުގެ ހަވަނަ ދުވަހު ކްރޮއޭޝިއާ ލީގު ފަށަންވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް