Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 22:00
ވިލާ ކުންފުނީގެ ޗެއާމަން، ޤާސިމް އިބްރާހިމް
ވިލާ ކުންފުނީގެ ޗެއާމަން، ޤާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ވިލާ ކުންފުނި
ތ. އެލާއަށް މިހާރުވެސް ވާނީ 4.6 މިލިއަން ޑޮލަރު ދައްކާފަ: ޤާސިމް
ތ. އެލާއަށް ފައިސާ ދައްކަން ފަށަން ޖެހެނީ ޑިސެމްބަރ 2018 ގައި
ރަންލާރި ދިނުމަށްފަހު ޖޫރިމަނާ އޮތްކަމަށް ބުނުމަކީ ޑްރާމާއެއް
އެލާ، ގަޒީރާ، މާނެއްފުށި އަދި ފަޅުތަކުގައި މަސައްކަތް ނުފެށި ވަނީ ސަރުކާރުން އެގްރިމެންޓްތަކާ ކުޅުމުން

ވިލާ ކުންފުނީގެ އަތުން އަތުލާފައިވާ ތ. އެލާއަށް މިހާރުވެސް 4.6 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށާއި، ނަމަވެސް އެގްރިމެންޓް އޮތް ގޮތުން 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ކުރިން އެއްވެސް ފައިސާއެއް ދައްކަން ނުޖެހޭ ކަމަށް ވިލާ ކުންފުނީގެ ޗެއާމަން، ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވިލާ ކުންފުންޏާއި ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ އެކި ފިޔަވަޅުތަކާއި ގުޅޭ ގޮތުން މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޤާސިމް ވިދާޅުވީ، އެލާގެ ބިމު ކުއްޔާއި، ޖޫރިމަނާގެ އިތުރުން އިންޓަރެސްޓްގެ ގޮތުގައި ޖުމްލަ 18.6 މިލިއަން އެމެރިކާ ޑޮލަރު ވިލާ ގުރޫޕުން މީރާއަށް ދައްކަންޖެހޭ ކަމަށް ބުނެ، ވިލާގެ އެކައުންޓްތައް ފްރީޒް ކޮށްފައިވީ ނަމަވެސް، އެ ފައިސާއަކީ ދައްކަން ޖެހޭ ފައިސާއެއް ނޫން ކަމަށެވެ.

މީގެ އިތުރުން، ޤާސިމް ވިދާޅުވީ، 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހު، މީރާއިން ދޭ ރަންލާރި އެވޯޑް ދިނުމަށްފަހު އޭގެ ދެ މަސް ފަހުން، ބޮޑު އަދަދުން ޖޫރިމަނާ ދައްކަން ޖެހޭ ކަމަށް އިޢުލާނު ކުރުމުން، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، ވިލާއިން ސަރުކާރަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނޯންނާނެ ކަމަށެވެ.

"2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ، ޓެކްސްގެ ރަންލާރި، އެންމެ ރަނގަޅަށް ޓެކްސް ދައްކާ މީހުން ކަމަށް ވެގެން، ރަންލާރި ދެއްވި. 2015 ވަނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގަ 92 މިލިއަން ޑޮލަރު އަޅުގަނޑުމެން ޖޫރިމަނާޔާ ކުލީގެ ގޮތުގަ ދައްކަން ޖެހެޔޭ ކިޔާފަ އިޢުލާނު ކުރެއްވީމަ މީ، ކުޅުއްވި ޑްރާމާއެއް ނޫންކަން ޤަބޫލުކުރައްވާނެ ދިވެހި ރައްޔިތެއް ނޫޅޭނެ. އަޅުގަނޑަށް ކަށާވަރު ކޯޓުތަކުގެ ފަނޑިޔާރުންނަށް ދާންދެން، އަދި ކޮންމެ މުއައްސަސާއެއްގެ ވެރިންނަށް ދާންދެން، ފުލުހުން ކަމަށް ވިޔަސް، ސިފައިން ކަމަށްވިޔަސް، އަދި އެހެން މުއައްސަސާއެއް ކަމުގަވިޔަސް، ޤަބޫލުކުރައްވާނެ ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަތްޕުޅުން އިންލެންޑް ރެވެނިއުއިން ރަންލާރި ދެއްވާފަ، އޭގެ ދެމަސްދުވަސް ފަހުން 92 މިލިއަން ޑޮލަރު ... ކުއްޔާ ޖޫރިމަނާގެ ގޮތުގަ ދައްކަން ޖެހުނީމަ، އެހެން އެ ހާލަތު އޮއްވާ ރަންލާރި ދެއްވާނެ ކަމަށް ޤަބޫލުކުރައްވަނީ ކޮންބޭފުޅެއްތޯ،" ގާސިމް ވިދާޅުވި އެވެ. 

މީގެ އިތުރުން ޤާސިމް ވިދާޅުވީ، ވިލާ ކުންފުންޏަށް ސަރުކާރުން ދީފައިވާ ތ. އެލާ، ގދ. ގަޒީރާ، ރ. މާނެއްފުށި އަދި ބައެއް ފަޅުތަކުގައި މަސައްކަތް ނުފެށި ވަނީ ސަރުކާރުން 2015 ވަނަ އަހަރުގެ ކުރީކޮޅު އެގްރިމެންޓްތަކާ ކުޅުމުން ކަމަށެވެ.

ތ. އެލާ އާއި ގުޅޭގޮތުން ޤާސިމް މިގޮތަށް ވިދާޅުވެފައި ވާއިރު، ތ. އެލާ އަތުލި މައްސަލައިގައި ދަށު ކޯޓުން މިދިޔަ އަހަރުގެ ޖެނުއަރީގައި ހުކުމް ކޮށްފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގއާ ދެމެދު ވެފައިވާ އެއްބަސްވުން ޓޫރިޒަމް މިނިސްޓްރީން އުވާލައި އެ ރަށް އަތުލީ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމާ ޚިލާފަށް ކަމަށެވެ. އަދި އެރަށް އަތުލުމަށް ޓޫރިޒަމް މިނިސްޓްރީން ވިލާ އަށް ފޮނުވި އެންގުމަކީ ބާތިލް އެންގުމެއް ކަމަށް ވެސް ދަށު ކޯޓުން ހުކުމް ކޮށްފައި ވެއެވެ.

ނަމަވެސް، ދައުލަތުން ދަށު ކޯޓުގެ ހުކުމް އިސްތިއުނާފު ކުރުމުން، މާޗް 21 ވަނަ ދުވަހު ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލް ކަމަށް ކަނޑައަޅާފަ އެވެ. މި މައްސަލަ ވިލާއިން މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިޢުނާފު ކޮށްފައެވެ.

ޤާސިމް އިބްރާހިމްގެ ވިޔަފާރިއަށް ސަރުކާރުން އަނެއްކާވެސް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން ފަށާފައި މިވަނީ، ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ގުޅިގެން، ޤާސިމް އިސްލާޙީ މަސައްކަތްތަކެއް ފެއްޓެވުމާއި ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް