ދިވެހި އެއްވެސް ރައްޔިތަކު މަގުމަތިވިޔަ ނުދިނުމަށް ކަމާބެހޭ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީން ނިންމި ރިޕޯޓް، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ބުދަ ދުވަހުގެ ޖަލްސާގައި އިޖުތިމާއީ ކޮމެޓީގެ ރިޕޯޓު ފާސްކޮށްފައިވަނީ، 66 މެންބަރުންގެ އިއްތިފާގުން ނެވެ.
ކޮވިޑް-19 ރޯގާ ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައާ ގުޅުގެން އިޖުތިމާއީ ކޮމެޓީގެ ދާއިރާގެ ތެރޭގައި ހިމެނޭ މަސައްކަތް، ކޮމިޓީން ދިރާސާކޮށް، ނިންމިގޮތުގެ ރިޕޯޓުގައި ސަރުކާރަށް 7 ހުށަހެޅުމެއް ހުށަހަޅާފައި ވެއެވެ.
އެގޮތުން ފުރަތަމަ ކަމަކަށް ހުށަހަޅުއްވާފައި ވަނީ، އަމިއްލަ ފަރުދުންނަށާއި ސަރުކާރަށް ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓްތަކުންނާއި ގެތަކުން ކުލި ކުޑަވާންޖެހޭ ކަމަށާއި، އެފަދަ ބަދަލެއް އަންނާނެގޮތްތަކަކަށް ލުއި ދިނުން ހިމެނޭއިރު، މޮރިޓޯރިއަމް ޕެކޭޖް ދިނުމަށް ފަހު، އެފަރާތްތަކުން އަމަލުކުރާގޮތް މާލެއާއި އަތޮޅުތެރޭގައިވާ ޖޮބް ސެންޓަރ މެދުވެރިކޮށް ބަލަމުން ގެންދިއުމަށް ހުށަހަޅާފައި ވެއެވެ.
މޮރިޓޯރިއަމް ޕެކޭޖް އެއްފަހަރާ ދޫނުކުރުމަށާއި، އެފަރާތަކުން މުވައްޒަފުންނާ މެދު އިހާނެތިކޮށް ކަންތައްތައް ކުރަމުން ގެންދާނަމަ، ދޫކުރެވިފައިވާ ވަކި ޕަސެންޓެއް ޖޫރިމަނާގެ ގޮތުގައި ނެގުމަށްވެސް ކޮމެޓީގެ ރިޕޯޓުގައި ހުށަހަޅާފައި ވެއެވެ.
ސްކޫލްތައް ބަންދުވެފައިވާ ހާލަތުގައި މެދުކެނޑުމެއްނެތި ތައުލީމުގެ ފުރުސަތު ކަށަވަރުކޮށް ދިނުމަށްޓަކައި މިހާލަތާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ތައާރަފުކޮށްފައިވާ އޮންލައިން ޕްރޮގްރާމްތަކާއި "ޓެލެކިލާސް" ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާއިރު، މާލެއާއި އަތޮޅުތެރޭގައި ދިރިއުޅޭ ހުރިހާ ކުދިންނަށް ތަފާތު ކުރުމެއްނެތި މިފުރުސަތު ފަހިކޮށް ދިނުމަށްޓަކައި ސްކޫލް ކުދިންނަށް ހާއްސަ އިންޓަރނެޓް ޕެކޭޖްތަކެއް، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް ކޮމެޓީ ރިޕޯޓުގައި ހުށަހަޅާފައި ވެއެވެ.
މީގެއިތުރުން، ފުރަބަންދުގައިވާ ހާލަތުގައި އަދި ވަކިން ޚާއްސަކޮށް މުޖުތަމައުގައި ބަލި ފެތުރެމުންދާ ދަނޑިވަޅެއްގައި ކުއްޔަށް ދިރިއުޅެމުންދާ ފަރާތްތަކުގެ ތެރެއިން ހާލުގައިޖެހި ކުލިދެއްކުމަށް ނުކުޅެދޭ ފަރާތްތައް މަގުމަތިވިޔަ ނުދިނުމަށްޓަކައި ސަރުކާރާއި، ސިޓީ ކައުންސިލްތައް އަދި ރަށު ކައުންސިލްތައް މެދުވެރިކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އިޖުތިމާއީ ކޮމެޓީން ސަރުކާރަށް ހުށަހަޅާފައި ވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އިރުޝާދުގެ ދަށުން މެނުވީ މިސްކިތްތަކާއި ޕާކުތައް ފަދަ އާންމުން އެއްވާ ތަންތަން އާންމު ބޭނުންތަކަށް ހުޅުވާ ނުލުމަށް ވެސް އިޖުތިމާއީ ކޮމެޓީން ނިންމާފައިވާ ރިޕޯޓުގައި ސަރުކާރަށް ހުށަހަޅާފައި ވެއެވެ.
މި ރިޕޯޓަށް މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި މެންބަރުން ވަނީ ބަހުޘް ކުރައްވާފަ އެވެ. އަދި އަދި ބަހުޘްކުރެއްވި މެންބަރުން ވަނީ ކޮމެޓީގެ އެ ރިޕޯޓަށް ތާއީދު ކުރައްވާކަންވެސް ހާމަ ކުރައްވާފަ އެވެ.