ކޮވިޑް-19 އަށް ސަރުކާރުން ހަރަދުކުރި 800 މިލިއަން ރުފިޔާއަކީ ހަރުގެތަކެއް އަޅަން ހަރަދުކުރި ފައިސާ ކަމަށް މެމްބަރު ސައީދު ވިދާޅުވުމުން އެމްޑީޕީގެ ނައިބު ރައީސް ރައްދު ދެއްވައިފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން މެއި މަހުގެ 7 ވަނަ ދުވަހާއި ހަމައަށް 814.2 މިލިއަން ރުފިޔާ ޚަރަދު ވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކުރުމާއި ގުޅިގެން މެއި މަހުގެ 12 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ އެ ފައިސާއަކީ ހަރުގެތަކަށް އަޅަން ހޭދަކުރި ފައިސާކަމަށް ސިފަކުރައްވައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. މެމްބަރު ސައީދު ވިދާޅުވީ، މިއީ ކަންބޮޑުވުމެއްކަމަށާއި މިކަމުން ބަރީއަ ނުވެވޭނެކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް މެމްބަރު ސައީދު ވަނީ ގޮވާލައްވާފަ އެވެ،
ޓުވިޓަރ މެދުވެރިކޮށް މެމްބަރު ސައީދަށް ރައްދު ދެއްވައި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އެއިރުގެ އިކޮނޮމިކް މިނިސްޓަރަކަށް ހުންނަވަނިކޮށް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނުހިމަނައި މެމްބަރު ސައީދަށް ހަރަދުކުރީ ކިހާވަރެއްތޯ ވިދާޅުވެ ސުވާލު އުފައްދަވާފަ އެވެ.
ޔާމީންގެ ވެރިކަމުގައި މިނިސްޓްރީތަކުންވެސް އެތައް އޮޅުވާލުމާއިއެކު ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާކަމުގެ ވާހަކަ ދެކެވެއެވެ. ޔާމީން ހުންނެވީ، އެމަނިކުފާނުގެ ވެރިކަމުގައި ދައުލަތުން މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތް ކަމަށްވާ އެމްއެމްޕީއާރުސީގެ 1.23 ބިލިއަން ރުފިޔާގެ ހިޔާނާތުގައި ހިމެނޭ މަނީ ލޯންޑަރިންގ ކުށް ސާބިތުވެ، 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރެއްވުމަށް ޖަލުގަ އެވެ.
ރާއްޖޭގެ އިގްތިޞާދު ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުން އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެކަނިވެސް، ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ތިން ބިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ހިޔާނާތްތެރި ވެފަ އެވެ. ރައީސް ޔާމީނުގެ ސަރުކާރުން ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރާއްޖޭ 57 ފަޅު ރަށަކާއި ފަޅުތަކެއް ނުއަގުގައި ވިއްކާލައި އެފައިސާއަށް ހިޔާނާތްތެރި ވެފަ އެވެ.
އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅޭ މައްސަލައެއްގައި، ރައީސް ޔާމީން ފަސް އަަހަރަށް ޖަލަށްލާން ހުކުމްކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.