މަދިރި އާލާވާ ގޮތަށް ހުންނަ ތަންތަން ނައްތާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ފާއިތުވި ހަތަރު ދުވަހު 23 ކޮންސްޓްރަކްޝަން ސައިޓެއްގައި ހުރި އެފަދަ ތަންތަނަށް ބޭސް އަޅާފައިވާކަމަށް މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރ ޝަމާޢު ޝަރީފް ވިދާޅުވެއްޖެ އެވެ.
ކޮވިޑް -19 އާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް އަންގާރަ ދުވަހު ނެޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާޢު ވިދާޅުވީ އެފަދަ ތަންތަން ބެލުމުގެ ކަންކަން މާލެ ސިޓީ ކައުންސިލުން ކޮންމެ ދުވަހަކުވެސް ކުރަމުންދާ ކަމަށެވެ. އަދި އާންމުންގެ ފަރާތުން އެފަދަ ރިޕޯޓެއް ލިބުނަސްވެސް އެތަންތަންވެސް ބަލަމުންދާ ކަމަށް ޝަމާޢު ވިދާޅުވި އެވެ.
ވަކިން ޚާއްސަކޮށް މިދުވަސް ވަރަކީ ކޮވިޑް-19 ގެ ބަލިމަޑުކަން އުޅެމުންދާ ދުވަސް ވަރަކަށްވާއިރު މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ފެތުރި އެކަންކަމުގައި އުޅެން އެއްވެސް މީހަކު ބޭނުންނުވާނެ ކަމަށް ޝަމާއު ވިދާޅުވި އެވެ. އެހެންކަމުން އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތުގެ ދަށުން މާލެ ސިޓީ ފޮގް ކުރުމުގެ ކަންކަންވެސް ކޮންމެ ރެއަކު ވަކި ސަރަހައްދުތަކަށް ބަހާލައިގެން ކުރިޔަށް ގެންދާ ކަމަށް ޝަމާޢު ވިދާޅުވި އެވެ.
އެންމެ މުހިންމު ކަމަކަށް އިސްކަން ދީގެން މިހާރު ކުރަންވީ ކަމަކީ ހުރިހާ ބޭފުޅުންވެސް މިހާރު ތިބޭނީ ގޭގައި. އެހެންވީމާ ގޭގައި ތިބެގެން ގޭ ބެލްކަނީގައި ހުންނަ ގަސް މުށިގަނޑުގައިވެސް ފެން ހެދިފައި ހުންނަ ފެންކޮޅު އެހެން ހަރުލާފައި ގިނަ ދުވަހު ހުންނަންނާ ނުހުންނާނެ ގޮތަށް ކަންކަން ކުރަންވީ. މިކަހަލަ ކުދި ކަންކަން ކޮށްފިއްޔާ ސަލާމަތްވާނެ. އެންމެންގެ އެއްބާރުލުމާއެކު މިކަންވާނެ.މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރ ޝަމާޢު ޝަރީފް
މީގެއިތުރުން މާލެ ސިޓީ ޑިސްއިންފެކްޓް ކުރުމުގެ ކަންކަންވެސް ކުރިޔަށްދާ ކަމަށް ޝަމާޢު ވިދާޅުވި އެވެ. އެގޮތުން ވެސްޓް ޕާކުން ފެށިގެން މަސް މާރުކޭޓާ ހަމައަށް ޑިސްއިންފެކްޓް މިހާރު ކުރެވިފައިވާ ކަމަށް ޝަމާޢު ވިދާޅުވިއެވެ.
މިދުވަސްވަރަކީ ވިއްސާރަ ދުވަސް ވަރަކަށްވާތީ މަދިރި އުފެދޭ ތަންތަން ނައްތާލާ އެކަންކަމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.