ކޮވިޑް-19 ގެ ކަންކަމަށް ބޭނުންކުރާ ވެލިދޫ އައިލެންޑް ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރާ 2 މީހަކާ މެދު ޝަކުވާއެއް ހުށައެޅިފައިވާ ކަން ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން މިހެން ބުނެފައި މިވަނީ ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ބޭނުން ކުރާ ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތްކުރާ ދިވެހި އަންހެން ޑޮކްޓަރަކާއި އެ ފެސިލިޓީއާ ހަވާލުވެ ހުންނެވި ސިފައިންގެ އެންމެ އިސް އޮފިސަރު، ދަންވަރުގެ ވަގުތުގައި އެކަހެރިކޮށް ބައްދަލުކުރި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން އަންގާރަ ދުވަހުގެ ހެނދުނު ފުލުހުން ބުނެފައިވަނީ، ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޖިނާޢީ ކުށެއް، އަދި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހިނގައިގެން ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ. އަދި އެފަދަ މައްސަލައެއް ތަހުޤީޤު ކުރަމުން ނުދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
ނަމަވެސް އެ މައްސަލައިގައި ހިމެނޭ އަންހެން ޑޮކްޓަރުގެ ފިރިމީހާ އެ މައްސަލަ ހުށައެޅި ކަމަށާއި، ފުލުހުންނަށް ހުށަހެޅި މި މައްސަލަ، ހިމަނާފައި އޮތީ "އެހެނިކަން" ކެޓެގަރީގައި ކަން ރާއްޖެއެމްވީގައި ރިޕޯޓު ކޮށްފައި ވަނިކޮށް އަންގާރަ ދުވަހުގެ ހަވީރު ފުލުހުން ވަނީ އަނެއްކާވެސް މި މައްސަލައިގެ އިތުރު ތަފްސީލުތައް ހާމަކޮށްފައެވެ.
އެގޮތުން ފުލުހުން ބުނީ، ވެލިދޫ ކަރަންޓީން ފެސިލިޓީގައި މަސައްކަތް ކުރާ ދެ މީހަކާމެދު ޝަކުވާއެއް ހުށައެޅި، އެކަމާ ގުޅޭގޮތުން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އިތުބާރު ހުރި މަސްދަރަކުން "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި، ވެލިދޫ ކަރަންޓީން ފެސިލިޓީގައި ހުންނެވި އެމްއެންޑީއެފްގެ މޭޖަރެއްގެ ކޮޓަރިއަށް އަންހެން ޑޮކްޓަރަކު ދިޔަ މި މައްސަލައިގެ 'ސީން' އަށް ދިޔަ ފުލުހުން އެކަން ބަލަން ފެށުމާއެކު، އެ ރަށުގައި ތިބި ފުލުހުން އެހެން ތަންތަނަށް ބަދަލު ކުރުމަށް ނިންމާފައި ވާކަން އަންގާރަ ދުވަހު މެންދުރު ކުރިން އެންގި އެވެ. ނަމަވެސް، ފަހު ވަގުތުގައި އެ ނިންމުން ބަދަލުކޮށް، އެ އޮފިސަރުން ވެލިދޫގައި ބައިތިއްބާ ގޮތައް ވަނީ ހަމަ ޖައްސާފައެވެ.
ހާދިސާގެ ވާހަކަ އާޢްމު ވުމާއެކު 'ސީން' އަށް ދިޔަ ފުލުހުން އެހެން ތަންތަނަށް ފޮނުވާލުމަށް މަސައްކަތް ކޮށް އަދި އެފަދަ މައްސަލައެއް ތަހުޤީޤު ނުކުރާކަމަށް ފުލުހުން ކުރިން ބުނުމުން، މި ހިނގައިދިޔަ ކަންތައް ސިއްރު ކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުތަކެއް ފުލުހުންގެ މައްޗަށް ވަނީ ކުރެވިފައެވެ.