ކޮވިޑް-19 ގެ ކަންކަމަށް ބޭނުންކުރާ ވެލިދޫ އައިލެންޑް ކަރަންޓީން ފެސިލިޓީގައި ހުރި ސިފައިންގެ ކޮމާންޑަރެއްގެ ކޮޓަރިއަށް އެރަށަށް ފޮނުވާފައި ހުރި އަންހެން ޑޮކްޓަރަކު ދިޔަ މައްސަލައެއް "އޮއްބާލުމަށް" މަސައްކަތް ކުރާ ކަމުގެ ތުހުމަތުތަކެއް ކުރެވިއްޖެއެވެ.
މި ހާދިސާގެ ވާހަކަތައް މީޑިއާގައި ފެންމަތިވުމުން އެފަދަ މައްސަލައެއް ތަހުޤީޤު ކުރަމުން ނުދާކަމަށް އަންގާރަ ދުވަހު ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން ބުނެފައިވަނީ އއ ވެލިދޫ ކަރަންޓީން ފެސިލިޓީގައި ޖިނާއީ ކުށެއް އަދި ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހިނގައިގެން ފުލުހުންނަށް ހުށައެޅިފައި ނުވާ ކަމަށެވެ.
ފުލުހުންނަށް މިކަމުގެ މައުލޫމާތު ނޭނގޭ ކަމަށް ބުނި ނަމަވެސް އެ މައްސަލައިގައި ހިމެނޭ ޑޮކްޓަރުގެ ފިރިމީހާ އެ މައްސަލަ ފުލުހުންނަށް ހުށައެޅިކަން ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފައެވެ. ފުލުހުންނަށް ހުށަހެޅި މި މައްސަލަ، ހިމަނާފައި އޮތީ "އެހެނިކަން" ކެޓެގަރީގައިކަން ވެސް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.
އޭގެ އިތުރުން، އިތުބާރުހުރި މަސްދަރަކުން "ރާއްޖެއެމްވީ"އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި، ވެލިދޫ ކަރަންޓީން ފެސިލިޓީގައި ހުންނެވި އެމްއެންޑީއެފްގެ މޭޖަރެއްގެ ކޮޓަރިއަށް އަންހެން ޑޮކްޓަރަކު ދިޔަ މި މައްސަލައިގެ ސީންއަށް ދިޔަ ފުލުހުން އެކަން ބަލަން ފެށުމާއެކު، އެ ރަށުގައި ތިބި ފުލުހުން އެހެން ތަންތަނަށް ބަދަލު ކުރުމަށް ނިންމާފައިވާކަން އަންގާރަ ދުވަހު މެންދުރު ކުރިން އެންގި އެވެ. ނަމަވެސް، ފަހު ވަގުތުގައި އެ ނިންމުން ބަދަލުކޮށް، އެ އޮފިސަރުން ވެލިދޫގައި ބައިތިއްބާ ގޮތައް ވަނީ ހަމަ ޖައްސާފައެވެ.
މަައްސަލައިގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވޭ އަންހެން ޑޮކްޓަރު ވަގުތުން މާލެ ފޮނުވާލާފައިވާ ކަން ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ. އެހެންނަމަވެސް މައްސަލައިގައި އަނެއްކޮޅުން ޝާމިލުވާ ކަމަށް ބެލޭ އެމްއެންޑީއެފް ގެ މޭޖަރ އަދިވެސް ހުރީ އެރަށުގައި ރަސްމީ މަސައްކަތުގައި ކަމަށް މައުލޫމާތު ލިބެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމްއެންޑީއެފްގެ އޮފިސަރާއި އޮފިސަރުގެ ކޮޓަރިއަށް ދިޔަ ކަމަށް ބުނާ އަންހެން ޑޮކްޓަރާ، މި ދެމީހުންނަކީވެސް އެހެން މީހުންނާ ކައިވެނި ކޮށްގެން އުޅޭ 2 މީހުންނެވެ.
ކަރަންޓީނު ފެސިލިޓީގައި ހުންނަ ކޮޓަރިތަކަށް އެތަންތާނގައި އުޅޭ މީހުން ނޫން އެހެން ވަނުމަކީ މަނާ ކަމެއްކަމަށް އޮންނަނީ އަންގާފައެވެ.
ހާދިސާގެ ވާހަކަ އާޢްމު ވުމާއެކު ސީން އަށް ދިޔަ ފުލުހުން އެހެން ތަންތަނަށް ފޮނުވާލުމަށް މަސައްކަތް ކޮށް އަދި އެފަދަ ކަމެއް ހިނގައިގެން އުޅޭކަން ފުލުހުންގެ އިދާރާއަށް ނޭނގޭ ކަމަށް ބުނުމުން، ހިނގައިދިޔަ ކަންތައް ސިއްރު ކުރަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުތަކެއް ފުލުހުންގެ މައްޗަށް ވަނީ ކުރެވިފައެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބުވެފައެއް ނުވެއެވެ.