ކޮވިޑް-19 ގެ ޙާލަތާއި ގުޅިގެން ދިވެހިރާއްޖެ އަށް ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި އެނޫންވެސް އެފަދަ ކުއްލި ނުރައްކަލުގެ ޙާލަތްތަކާއި، ކާރިޘާގެ ޙާލަތްތަކުގައި ދަޢުވާގެ މުއްދަތު ނުހިނގާ ގޮތަށް ހެދުމަށް ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އިޞްލާޙެއް ހުށަހަޅައިފި އެވެ.
މިމައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރ މޫސާ ސިރާޖެވެ. ސިރާޖު މި އިޞްލާޙު ހުށަހަޅުއްވަމުން ވިދާޅުވީ މި ބިލު ހުށަހެޅުއްވުމުގެ ބޭނުމަކީ ކޮވިޑް-19 އާ ގުޅިގެން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާއި އެނޫންވެސް އެފަދަ ކުއްލި ނުރައްކަލުގެ ޙާލަތްތަކާއި ކާރިޘާގެ ޙާލަތްތަކުގައި ޢަމަލުކުރާނެ ޚާއްޞަ އުޞޫލުތަކެއް ޖިނާއީ އިޖުރާޢަތުގެ ޤާނޫނު ގައި ބަޔާންކޮށްފައި ނެތުމުގެ ސަބަބުން އެފަދަ ޙާލަތެއްގައި އެ ޤާނޫނުގައި ބަޔާންކުރާ ޢާންމު އިޖުރާޢަތުތައް ހިންގުމަށް ދަތިވާތީ، ކަމާގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އިޖުރާއަތުތަކެއް ބަޔާންކުރުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތަކެއް ގެނައުން ކަމަށެވެ.
މިބިލު ގައި ބަޔާންވެގެންވާ ޚާއްޞަ އުޞޫލުތައް ހިނގާނީ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނު ކޮށްފައިވާ ޙާލަތެއްގަ އާއި ކާރިޘާ އާ ބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން ކާރިޘާއެއް އިޢުލާނުކޮށްފައިވާ ޙާލަތެއްގަ އާއި ޤާނޫނު އަސާސީގެ 253 ވަނަ މާއްދާގެ ދަށުން ކުއްލި ނުރައްކަލުގެ ޙާލަތެއް އިޢުލާނުކޮށްފައިވާ ޙާލަތެއްގަ އެވެ.
ސިރާޖު ހުށަހެޅުއްވި އިޞްލާޙުގައި މިފަދަ ޙާލަތެއް މެދުވެރި ވެއްޖެނަމަ އަދި އެކަން ދެމި އޮތްހާ ހިނދަކު ވަކި މުއްދަތުތަކެއްގައި ނުހިނގާ ޤާނޫނުތަކެއްވެ އެވެ. އޭގެ ތެރޭގައި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ އާއި 84 ވަނަ މާއްދާގައި ބަޔާންކުރާ މުއްދަތުތައް ހިމެނެއެވެ.
ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 94 ވަނަ މާއްދާ އަކީ ދަޢުވާ ކުރުމާއި ބެހޭ މާއްދާ އެވެ. އެ މާއްދާގައި ބުނެފައިވަނީ ޖިނާޢީ ކުށެއްގެ ދަޢުވާ ލިބޭ ފަރާތަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ ށ ގެ ދަށުން ބަންދު ކުރެވިފައިވާ މީހެއްނަމަ އޭނާ ފަނޑިޔާރެއްގެ ކުރިމައްޗަށް ފުރަތަމަ ހާޟިރުކުރެވޭތާ 30 ދުވަހުގެ ތެރޭގައި އޭނާގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ އުފުލަންވާނެ ކަމަށެވެ.
ސިރާޖު މި ބިލު ހުށަހަޅުއްވަމުން ވިދާޅުވީ މި އިޞްލާޙުގެ ދަށުން ވީޑިއޯ ކޮންފެރެންސް މެދުވެރިކޮށް ޝަރީޢަތް ކުރިޔަށް ގެންދިޔުމުގެ މަގު މި އިޞްލާހާއެކު ފަހިވެގެންދާނެ ކަމަށެވެ.
އަޅުގަނޑު މި މާއްދާ ކިޔާއިރު މިފަދަ ހާލަތަކަށް އެކަނި ހުށަހަޅާފައި އޮތް މާއްދާ އެއް ކަމަކަށް ނުފެނޭ ޖުމްލަ ގޮތެއްގައި. ހަމަ ޝަރީޢަތްތައް ވީޑިއޯ މެދުވެރިކޮށް ހިންގޭނެ ގޮތަށް އޮތް މާއްދާ އެއް ކަމަށްފެނޭ. މިގޮތަށް މި މާއްދާ ގެނައުމުން ފައިދާ ތަކެއްވެސް ހުންނާނެ. އެހެންނަމަވެސް އަޅުގަނޑުމެން ވިސްނަންޖެހޭ ކަމެއް ޝަރީޢަތް ހިންގާއިރު ވީޑިއޯކޮށް އާންމު ހާލަތުގައި ކުރުމަކީ ކޮންގޮތަކަށް ކުރެވިދާނެ ކަމެއްތޯ ކިހާ ފައިދާ ވާކަމެއްތޯ އެއީ. އޭގެ ފައިދާތަކުގެ ތެރޭގައި ލަސްވެފައި ހުރި މައްސަލަތައް އަވަސް ކުރުމާއި ޤާނޫނީ އެހީތެރިކަން ހޯދުމަށް ފަސޭހަވެގެން ދިޔުން ހިމެނިގެންދާނެފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ސިރާޖު
ސިރާޖު ވިދާޅުވީ މިކަމުގެ ސަބަބުން ދައުލަތަށް ޚަރަދު ކުޑަވެގެންދާނެ ކަމަށްވެސް ޤަބޫލުކުރައްވާ ކަމަށެވެ. އެގޮތުން ޙުކުމް ކުރާ އަޑުއެހުންތަކުގައި ޕްރޮސެކިޔުޓަރުންގެ ދަތުރުތަކަށްވެސް ޚަރަދުތަކެއް ދާނެ ކަމަށެވެ. ނަމަވެސް ހުރިހާ ޙާލަތެއްގައި މިކަމާމެދު ޢަމަލުކުރާނެ ގޮތްތަކެއް ކޮމިޓީން ނިންމަން ޖެހޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.
މިބިލުގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގަައި ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާޢަތުތައް ހިންގަން ހުރަސް އެޅޭ ކަމަށް ފެންނަ ނަމަ ޖިނާޢީ ތަހުޤީޤު ހިންގުމާއި ދަޢުވާކުރުމުގައި ބިލުގައި ބުނެފައިވާ އުޞޫލުތަކަށް ޢަމަލުކުރުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލަށް ވަނީ ލިބިދީފައެވެ.
އެފަދަ ޙާލަތެއް މެދުވެރިވެއްޖެ ކަމަށް ފެނިގެން ޝަރީޢަތް ހިންގުމުގެ އުޞޫލުތަކަށް ޢަމަލުކުރަން ނިންމާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނެވެ.
ޕީޖީ އަދި ޑީޖޭއޭ އިން ނިންމާ ނިންމުން ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަން ޖެހޭނެކަމަށް ބިލުގައި ބުނެފައިވެ އެވެ.