ކޮވިޑް-19 އާ ގުޅިގެން ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީވުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖެއަށް ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދީފި އެވެ.
"މިޝަން ސާގަރު" ގެ ނަމުގައި އިންޑިއާއިން ލޯންޗުކުރި މި ޙަރަކާތުގެ ދަށުން އިރުމަތީ އިންޑިއާ ކަނޑުގައި ހިމެނޭ ޖަޒީރާ ޤައުމުތަކަށް ބޭނުންވާ ޒަރޫރީ ތަކެތި ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއަރޒުން ބުނެއެވެ. މީގެ ތެރޭގައި އެކުވެރި ދައުލަތްތަކައް އިސްކަން ދެއެވެ.
"މިޝަން ސާގަރު" ގެ ފުރަތަމަ ދަތުރު ކުރީ ރާއްޖެއަށެވެ. އެހީގެ މިތަކެތި ހިފައިގެން އައި އިންޑިއާގެ އަސްކަރީ މަނަވަރު، "ކޭސަރީ" ވަނީ އަންގާރަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރުގައި ބަނދަރު ކޮށްފައެވެ.
580 ޓަނުގެ އެހީގެ މި ޝިޕްމަންޓުގައި 200 ޓަނުގެ ހަނޑޫ، 140 ޓަނުގެ ގޮދަން ފުށް، 90 ޓަނުގެ ހަކުރު އަދި 120 ޓަނުގެ ރީނދޫ މުގުގެ އިތުރުން 26 ޓަނުގެ ފިޔާ ހިމެނޭނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބުނެފައިވެއެވެ.
ރާއްޖެއަށް މިތަކެތި ފޯރު ކޮށްދިނުމަށްފަހު، މި މަނަވަރު އިތުރު 4 ޤައުމަކަށް ދަތުރު ކުރުމަށް ހަމަޖެހިފައިވެއެވެ. އެއީ މޮރީޝަސް، ސީޝެލްސް، މަޑަގަސްކަރ އަދި ކަމޮރޯސްއެވެ.
ކާބޯތަކެތީގެ މިއެހީ އަކީ އިންޑިއާގެ 'އެކިއުރިޓީ އެންޑް ގްރޯތު ފޯ އޯލް' (ސާގަރް) ޑޮކްޓްރިން ގެ ދަށުން ޞަރަޙައްދީ ޤައުމުތަކަށް އިންޑިއާއިން ފޯރުކޮށްދޭ އެހީއެކެވެ.
އިންޑިއާއާއި ދިވެހިރާއްޖެއިންވެސް އިއްތިފާޤުވާ ގޮތުގައި، ކޮވިޑް-19 ބަލިމަޑުކަމާއި، އަދި ބަލިމަޑުކަމުގެ ސަބަބުން ދެޤައުމުގެ ރައްޔިތުންނަށް ކުރިމަތިވާ ކަންތައްތަކުން އަރައިގަނެވޭނީ ޞަރަަޙައްދުގެ ޤައުމުތަކުން ގުޅިގެން އެކުގައި މަސައްކަތް ކޮށްގެންނެވެ.
އިންޑިއާއިން ވަނީ ފާއިތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެކި ގޮތްގޮތުން ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ޞިއްޙީ މާހިރުންގެ ޓީމެއް ރާއްޖެއަށް ފޮނުވުމާއި، ބޭހުގެ ޝިޕްމެންޓްތައް ފޮނުވުމާއި، ވޫހާންގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ރާއްޖެ އަށް ގެނެސްދިނުމުގައި އެހީތެރިވުމާއި، ކޮވިޑް-19 ބަލިމަޑުކަމުން ސަލާމަތް ވުމުގައި އިންޑިއާއިން ބޭނުން ކުރާ އުކުޅުތަކާއި ޢިލްމު ހިއްސާކުރުން ހިމެނެއެވެ.
އޭޕްރިލް މަހުގެ 20 ވަނަ ދުވަހު ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އާއި ދެބޭފުޅުން ވަނީ ފޯނުން ދެޤައުމުގެ ޙާލަތު ހިއްސާކުރައްވަ މަޝްވަރާ ކުރައްވާފައެެވެ. އިންޑިއާއިން ދޭން މި ނިންމި އެހީ އަކީ މިމަޝްވަރާއާއި ގުޅިގެން ފަހިވި އެހީއެއް ކަމަށް ބެލެވެއެވެ.