ހަނގުރާމަވެރި ގްރޫޕެއްކަމަށްވާ އައިސިސްގެ ދެކުނު އޭޝިޔާ ޞަރަޙައްދުގެ ލީޑަރު އަފްޣާނިސްތާނުގެ ސަލާމަތި ބާރުތަކުން ހައްޔަރުކޮށްފި އެވެ.
ޕާކިސްތާނުގެ ދާޚިލީ ވުުޒާރާއާއި ޙަވާލާދީ ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އައިސިސްގެ މި ޞަރަޙައްދުގެ ލީޑަރު އަފްޣާނިސްތާނުގެ ސަލާމަތީ ބާރުން ހައްޔަރުކޮށްފައިވަނީ ވެރިރަށް ކާބުލްގައި ހިންގި ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.
ސަލާމަތީ ބާރުގެ އޮޕަރޭޝަނުގެ ތަފުޞީލު ހާމަކޮށް އަފްޣާނިސްތާނުގެ ދާޚިލީ ވުޒާރާއިން ޢާންމުކުރި ބަޔާނުގައި ވަނީ ޞަރަޙައްދީ ލީޑަރާއެކު، އައިސިސް ޖަމާާޢަތުގެ މި ޞަރަޙައްދުގެ ޖާސޫސީ އިސްވެރިޔާ އަބޫ ޚޮރަސާނީ ޕަބްލިކް ރިލޭޝަންސް އޮފިސަރުވެސް ހައްޔަރުކޮށްފައި ވާކަމަށެވެ. އަދި، ޓެރަރިސްޓް ނެޓް ވަރކް ތަކުގެ ޞަރަޙައްދީ ލީޑަރުންނާއި އެމީހުންގެ ކިއްލާތައް ހޯދުމަށް ޢަމާޒުކޮށް ކުރިޔަށްގެންދާ ޚާއްޞަ މި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިޔަށް ގެންދާނެކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. ދެކުނު އޭޝިޔާގެ ގޮފީގެ ތިން ވެރިން ހައްޔަރުކުރި ކަމަށް އަފްޣާނިސްތާނު ސަރުކާރުން ބުނި ނަމަވެސް، މި މީހުންނާއި މެދު ޢަމަލު ކުރާނެ ގޮތެއް އަދި ހާމަކޮށްފައެެއް ނުވެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ދެކުނު ޢޭޝިޔާގައި ޙަރަކާތްތެރި ވަމުންދާ އައިސިސް ޖަމާޢަތުގެ ގޮފީގެ މެންބަރުންގެ ތެރެއިން އަފްޣާނިސްތާނުގައި ޙަރަކާތްތެރިވަމުން ދަނީ ވަރަށް މަދު ބައެކެވެ. މި މީހުން އުތުރުގެ ޞަރަޙައްދުގައި ޖަގަހަ ހަދައިގެން ފިލާ ތިބެ، ވެރިރަށް ކާބުލްގެ ދެކުނު ޞަރަޙައްދުތަކަށް ދޭތެރެ ދޭތެރެއިން ވަރުގަދަ ޙަމަލާތައް ދެމުންދާ ކަމަށް އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކާއި ޙަވާލާދީ ބޭރު ގެ މީޑިއާތަކުން ރިޕޯޓުކޮށްފައި ވެއެވެ.
މިއަހަރުގެ މަރޗް މަހުގެ 26 ވަނަ ދުވަހު ކާބުލްގައި ދިރިއުޅޭ ސިކުންގެ ބަޔަކަށް އަމާޒުކޮށް ހަތިޔާރު އެޅި އައިސިސްގެ ހަނގުރާމަވެރިން ދިން ވަރުގަދަ ގެއްލުން ބޮޑު ޙަމަލާ ފާހަގަކޮށްލެވެ އެވެ. މި ޙާމަލާއާއި ގުޅިގެން އަފްޣާނިސްތާނުގެ ސަލާމަތާި ބާރުތަކުން ކުރިޔަށް ގެންދިޔަ އަސްކަރީ އޮޕަރޭޝަނުގައި މި ޙަމަލާ ދިނުމަށާއި، ޙަމަލާ ދިނުމަށް ވާގިވެރިވި 8 މީހަކު ހައްޔަރު ކުރިއެވެ.
ޖާސޫސީ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ހިންގި މި އޮޕަރޭޝަނުގައި ބެލުމުގެ ދަށަށް ގެނައި މީހުންގެ ތެރޭގައި އައިސިސްއަށް ވާގިވެރިވެދޭ އެހެން ހަނގުރާމަވެރި ގްރޫޕެއް ކަމަށްވާ ޙައްޤާނީ ނެޓްވަރކް ގެ މެންބަރުން ހިމެނޭކަމަށް އަފްޣާނިސްތާނުގެ އަސްކަރިއްޔާއިން ބުނެ އެވެ.
އައިސިސް ޖަމާއަތުގެ އިތުރުން، ޙައްޤާނީ ޓެރަރިސްޓު ގްރޫޕާއި، ޠާލިބާނު ޖަމާޢަތުގެ ހަނގުރާމަވެރިން ޕާކިސްތާނުގެ އެކި ކަންކޮޅުގައި ޙަރަކާތްތެރިވެއެވެ. މި މީހުންނާއި ހެދި އަފްޣާނިސްތާނުގައި ޞުލްޙަ މަސަލަސްކަން ޤާއިމުކުރުމަށް އެޤައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކައް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފަ އެވެ. މީގެ އިތުރުން އުމުރާނީ ގޮތުންވެސް ބޮޑެތި ގެއްލުންތައް ލިބެމުންދާއިރު އެޤައުމުގެ ގިނަ ޞަރަޙައްދުތައް ވަނީ ހަނގުރާމަވެރި ޙަމަލާތަކުން ސުންނާފަތިވެފަ އެވެ.