ކ. މާލެ
|
11 މެއި 2020 | ހޯމަ 17:48
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް
ރައީސް އޮފީސް
އެން.ޑީ.އޭގެ މަސައްކަތްތައް
ފުރަބަންދުގެ ޙާލަތުގައި އެން.ޑީ.އޭގެ މަސައްކަތްތައް ރޭވިފައިވާ ގޮތް ނައިބު ރައީސާއި ހިއްސާ ކޮށްފި
ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް ފަރުވާގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތްތައް އޮޅުންފިލުއްވި
މަސައްކަތްތައް މެނޭޖުކުރުމުގައި ހުރި ދަތިތައް އޮޅުންފިލުއްވި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް، ނެޝަނަލް ޑްރަގް އެޖެންސީއާ ގުޅުންހުރި ބައެއް މަސައްކަތްތަކާ ގުޅޭގޮތުން، އެތަނުގެ އިސްވެރިންނާއި ކަމާބެހޭ އެހެން އިދާރާތަކުގެ ވެރިންނާއެކު ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ނެޝަނަލް ޑްރަގް އެޖެންސީ (އެން.ޑީ.އޭ)ގެ އިސްވެރިންގެ އިތުރުން މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް، ޢާއިޝަތު މުޙައްމަދު ދީދީއާއި، އެޓަރނީ ޖެނެރަލް، އަލްއުސްތާޛު އިބްރާހީމް ރިފްޢަތާއި، ޕްރޮސިކިއުޓަރ ޖެނެރަލް، އަލްއުސްތާޛު ޙުސައިން ޝަމީމާއި، ކޮމިޝަނަރ އޮފް ޕޮލިސް، މުޙައްމަދު ޙަމީދު ބައިވެރިވެ ވަޑައިގެންނެވި ކަމަށެވެ.

މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައި ވަނީ ކޮވިޑް-19ގެ ސަބަބުން ތަފާތު ފިޔަވަޅުތައް އަޅާފައިވާ މި ދަނޑިވަޅުގައި މުޖުތަމަޢުގައި ތިބި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ފަރާތްތަކާއި އަދި އެނޫންވެސް މުޖުތަމަޢުގައި ތިބި އެން.ޑީ.އޭ. ގެ އެހީތެރިކަމާއި ބެލެހެއްޓުންތެރިކަން ބޭނުންވާ ފަރާތްތަކުގެ ކަންކަން އެންމެ ރަނގަޅަށް މެނޭޖުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.

އެގޮތުން، ފަރުވާއަށް ބޭނުންވާ ފަރާތްތަކަށް ފަރުވާގެ ކަންކަން އިންތިޒާމުކުރެވިފައިވާ ގޮތްތަކާއި އަދި އެފަދަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން ފަދަ ކަންކަން މެނޭޖުކުރެވޭ ގޮތާއި އަދި އެކަންކަން މެނޭޖުކުރުމުގައި ހުރި ދަތިތައް ނައިބު ރައީސް ވަނީ އޮޅުން ފިލުއްވާފައެވެ.

އަދި އަތޮޅުތަކުގައި ހުރި އެން.ޑީ.އޭ. ގެ ސެންޓަރުތަކުގައި ވެސް މި މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ ގޮތްތަކާ ބެހޭގޮތުންނާއި، އަތޮޅުތަކުން ތަނެއްގައި ކޮވިޑް-19ގެ ސަބަބުން ފުރަބަންދުގެ ޙާލަތު އިޢުލާނުކޮށްފިނަމަ އެ ޙާލަތުގައި އެން.ޑީ.އޭ. ގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކަންކަން މެނޭޖުކުރާނެ ގޮތްތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުންގެ ކަންކަން މެނޭޖުކުރުމުގައި ޙަރަކާތްތެރިވާ ފަރާތްތަކާއި އަދި ކަމާގުޅުންހުރި ސަރުކާރުގެ އެހެން އިދާރާތަކުންވެސް، ކޮވިޑްގެ-19 ސަބަބުން ޚާއްޞަ ފިޔަވަޅުތައް އަޅާފައިވާ މި ޙާލަތުގައި މުޖުތަމަޢުގެ ތެރޭގައި ހުރި ތަފާތު މައްސަލަތައް ޙައްލުކުރުމުގައި ކަމާގުޅުން ހުރި ހުރިހާ އިދާރާތަކުން ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

- ކޮމެންޓް