Advertisement
ކ. މާލެ
|
4 އޭޕްރިލް 2017 | އަންގާރަ 16:38
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު
ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު
މުހައްމަދު ޝަރުހާން
މޫސަގެ އިތުބާރު
މޫސަގެ އިތުބާރުގެ ވޯޓާ ދިމާކޮށް ރަށުން ބޭރުން ނުދާން ޕީޕީއެމް ޕީޖީ މެންބަރުންނަށް އަންގައިފި
އެމެޖެންސީއެއްގައި މެނުވީ ރަށުން ބޭރަށް ނުދިއުމަށް
ރަށުން ބޭރުގައި ތިއްބެވި މެންބަރުން މެސެޖެއް ކުރުމަށް
މޫސަގެ އިތުބާރުގެ މައްސަލަ ތާވަލުކޮށްފައިވަނީ މިމަހުގެ 11 އަށް

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ޖަލްސާއާ ދިމާކޮށް މާލެއިން ބޭރަށް ނުދިއުމަށް ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ މެންބަރުންނަށް އަންގައިފި އެވެ.

 

މޫސަގެ އިތުބާރުގެ މައްސަލަ އަންނަ އަންގާރަ ދުވަހަށް ތާވަލުކޮށް މަޖިލީހުގެ އިދާރާއިން ވަނީ އެކަން މެންބަރުންނާއި މޫސަ އަށް ވެސް އަންގާފަ އެވެ.

 

ޕީޕީއެމް ޕާލިމެންޓްރީ ގްރޫޕުގެ ވައިބާ ގްރޫޕުގައި އެ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާނު ވިދާޅުވެފައި ވަނީ މިމަހުގެ 11 ގައި މަޖިލިސް ނައިބު ރައީސްގެ އިތުބާރުގެ ނެތްކަމުގެ ވޯޓް އެޖެންޑާ ކުރެވޭނެތީ، އެއްވެސް މެންބަރަކު މާލެއިން ބޭރަށް، އެމަޖެންސީއެއްގައި މެނުވީ ފުރާވަޑައިނުގަތުމަށް ދަންނަވާ ކަމަށެވެ. އަދި މިހާރު ރަށުން ބޭރުގައި ތިއްބެވި މެންބަރުން އެސްއެމްއެސްއަކުން އަންގަވާލަ ދެއްވުމަށް ނިހާނު އެދިވަޑައިގެންފައި ވެއެވެ.

 

މިކަމާ ގުޅޭ ގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲއާ ރާއްޖެއެމްވީން ސުވާލު ދެންނެވުމުން އޭނާ ވިދާޅުވީ އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާނީ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު ނިހާން ކަމަށެވެ. ނަމަވެސް، ނިހާން ފޯނަށް ޖަވާބު ނުދެއްވާތީ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

 

މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި އިސްކޮށް ހުންނެވީ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނެވެ. މޫސަގެ އިތުބާރުގެ މައްސަލަ ހުށަހަޅާފައިވަނީ 15 މެންބަރުންގެ ސޮޔާއެކު އެވެ.

 

އިތުބާރު ނެތްކަމުގެ މައްސަލައާ ގުޅިގެން މޫސަ ވިދާޅުވެފައި ވަނީ އޭނާގެ މަޖިލީހުގެ ގަވާއިދާ އަދި ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އޭނާއަކީ މަޖިލީހުގެ ރައީސް އަންގަވާ ކަމެއް ކުރައްވަން ހުންނަވާ ބޭފުޅެއް ކަމަށާއި އަދި މަޖިލީހުގެ ގަވާއިދާ ގާނޫނުއަސާސީއާ ހިލާފް އެއްވެސް ކަމެއް ކުރައްވާކަށް މަޖިލީހުގެ ރައީސް އޭނާ އަށް ދުވަހަކު ވެސް އަންގަވާފައި ނުވާ ކަމަށް މޫސަ ވިދާޅުވެފައި ވެއެވެ.

 

މީގެ އިތުރުން މޫސަ ވިދާޅުވެފައި ވަނީ މަޖިލީހުގެ ރައީސް އާއި ނައިބް ރައީސްގެ އިތުބާރު ނެތް ކަމަުގެ މައްސަލައެއް ހުށަހަޅަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އަދި އެފަދަ ވޯޓެެއް ނަގަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް މޫސަ ވިދާޅުވެފައިވެއެވެ.

 

މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ، ވޯޓުގައި ބައިވެރިވާ މެންބަރުންގެ ދެ ބައިކުޅަ އެއްބައި، ސިމްޕަލް މެޖޯރިޓީ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރުނެތް ކަމަށް ވޯޓުލައިފި ނަމަ އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުގެ މައްސަލައިގައި މިދިޔަ މަހުގެ 27 ގައި ނެގި ވޯޓާ ހިސާބުން ޕީޕީއެމަށް ވަނީ މަޖިލީހުގެ ސުޕާ މެޖޯރިޓީ ގެއްލިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ވިލިގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު މިހާރު ވަނީ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެންފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް